ސަރުކާރުން އެކި ރަށްތަކުގައި މަޝްރޫޢުތައް ފަށަމުންދަނީ އެކަމަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައިގެންކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ށ ކަނޑިތީމުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވިފައިވާއިރު ވައުދުތަކެއްވެސް ވެވަޑައިގެންފައިވާނެކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުންދަނީ އެ ވައުދުތައް ފުއްދުމަށްޓަކައި ފަށަންހުރި ކަންކަން ފެށުމަށާއި ނަތީޖާތަކެއް ނެރެދިނުމަށްކަމަށެވެ.
ކަނޑިތީމުގެ ތަރަައްގީއަށްޓަކައި ކުރިއަށް ގެންދިއުމަށް ކަނޑައެޅި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، އެ މަޝްރޫޢުތަކާއި ބިންގާ އެޅިފައިވާ މަޝްރޫޢުތައްވެސް ވަރަށް ބާރު ދުވެލީގައި ރަނގަޅަށް ކުރިއަށް ގެންގޮސް ނިންމައިދޭނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރަށްތަކުގައި މަޝްރޫޢުތައް ފަށަމުންދަނީ އެކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ ހުރިހާކަމެއް ހަމަޖައްސައިގެންކަމަށެވެ. އަދި އެކަން ކުރެވޭނެ މަގާއި ބޭނުންވާނެ ވަސީލަތްތައް ދެނެގަތުމުގެ މަސައްކަތްތައްވެސް ކުރެވިފައިވާނެކަމަށެވެ.
ރައީސް ވިދާޅުވީ، މަޝްރޫޢުތަކުގެ ސަބަބުން އެއްވެސް ކަންބޮޑުވުމެއް ރައްޔިތުންނަށް ކުރިމަތިވެގެންދިއުމުގެ ފުރުސަތު ސަރުކާރުން ނުދޭނެކަމަށެވެ. އަދި ކަމާއި ގުޅުންހުރި އިދާރާތަކާއި ކުންފުނިތަކުން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންނާއި ގާތުން މަސައްކަތްކުރަމުންދާނެކަމަށާއި ސޮއިކުރެވުނު މަޝްރޫޢުތަކުގެ އިތުރުން އަމަލީ މަރުހަލާތަކުގައި އޮތް މަޝްރޫޢުތައްވެސް ކުރިއަށްދާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރަށުގެ ތަރައްގީއަށް ބޭނުންވާ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކިތަންމެކަމެއް އިތުރަށްވެސް ހުރިކަމަށެވެ. އަދި ފެށުމަށްފަހު އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ނުދާ މަޝްރޫޢުތަކާއި ހުއްޓިފައިވާ މަޝްރޫޢުތައްވެސް ހިމެނޭކަމަށެވެ. ނަމަވެސް އޭގެ ކޮންމެ މަޝްރޫޢުއެއްވެސް ކޮޅެއްގައި ޖެހިގެންދިއުން ރައްޔިތުންނަށް މުހިންމުކަމަށާއި އެއީ ރަށުގެ ތަރައްގީއަށްޓަކައި އެކި ދާއިރާއިން ފެށިފައިވާ މަސައްކަތްތައްކަމަށެވެ.
ރައީސް ވިދާޅުވީ، ރަށުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތްތަކަކީ އެފަދަ ގޮތަކަށް މަޑުޖެހުމެއްގައި އޮތްކަމަށް ނުވަތަ ލަސްވަމުންދާކަމަށް ފެނިގެންދާ އެއް މަސައްކަތްކަމަށެވެ. އެހެންކަމުން ސަރުކާރުންދަނީ އެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތްތައް ކުރަމުންކަމަށާއި ހަމަޖެހުމާއި ގާތްވެފައިވާކަމަށް ހިއްސާކުރެއްވިއެވެ.

