ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަޅުމުން ފާސްކުރީ، މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވާއިރު ޓައީ އަޅަން ޖެހޭ ގޮތަށް!

ޓައި ނާޅުއްވައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވި ދެ މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ފިރިހެން މެމްބަރުން ޖަލްސާތަކަށް ހާޒިރުވާއިރު، ގަމީހާއި އެކު ޓައީ އެޅުން ލާޒިމުކޮށް މަޖިލީހުގެ ގަވައިދު އިސްލާހުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް އިދިކޮޅު އެމްޑީޕީގެ މެމްބަރުން ޓައީ ނާޅައި ހާޒިރުވާން ފެށުމުން، ޓައީ އެޅުމަކީ މަޖުބޫރު ކަމެއް ނޫންކަމަށް ހެދުމަށް އެންމެ ފުރަތަމަ ފޮނުވީ މަޖިލީހުގެ ރިޔާސަތުންނެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ، ވަޒީރުން މަޖިލީހުގެ ތަޅުމަށް ހާޒިރުނުވާ ކަމަށް ބުނެއާއި، ހާޒިރުވިޔަސް ދެވޭ ސުވާލުތަކަށް އެކަށީގެންވާ ޖަވާބުތަކެއް ނުދޭކަމަށް ބުނެ އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރަމުން ދާތީ އެވެ.

މިދިޔަ ހަފްތާއިން ފެށިގެން އެމްޑީޕީގެ ބައެއް މެމްބަރުން މަޖިލީހަށް ހާޒިރު ވަނީ ޓައީ ނާޅުއްވަ އެވެ.

މި މައްސަލައިގައި މަޖިލީހުގެ އާންމު ކޮމިޓީ ހުށަހެޅި ރިޕޯޓުގައި ވަނީ ޓައީ އެޅުން ލާޒިމު ނުވާގޮތަށެވެ. ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލުމުން މެމްބަރުންގެ މެދުގައި، ބަހުގެ ހަމަލާތައް ވެސް ރައްދު ކުރި އެވެ.

އިދިކޮޅު އެމްޑީޕީގެ މެމްބަރުން ބުނީ ޖަލްސާތަކަށް ހާޒިރުވުމުގައި ޓައީ އެޅުން ލާޒިމެއް ނޫންކަމަށާއި، މީހާގެ އިހުލާސްތެރިކަމާއި ކުރާ މަސައްކަތް މިނެކިރަނީ ޓައީއަކުން ނޫންކަމަށް ބުންޏެވެ. އަދި މަޖިލީހުގެ ތަޅުމުގައި މެމްބަރުންނަށް އެ ގަދަރާއި އިހުތިރާމު އޮތްތަން ވެސް ނުފެންނަކަމަށް ބުންޏެވެ.

ސަރުކާރުގެ މެމްބަރުން ބުނީ، މަޖިލީހަކީ ފެށުނީއްސުރެ ގަދަރުވެރި މަސައްކަތެއް ކުރަމުން އަންނަތަނެއް ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުން ބޭނުންވާ ވަގުތަކު، ބޭނުން ގޮތަކަށް ހެދުން އަޅައިގެން ނާދެވޭނެކަމަށް ބުންޏެވެ.

އެހެންވެ މިއަދުގެ ޖަލްސާއަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފު ރަޝީދު ހުށަހެޅުއްވީ، މެމްބަރުން ޖަލްސާއަށް ހާޒިރުވާން ޖެހޭނީ ޓައީ އަޅައިގެންކަމަށް އިސްލާހު ގެނައުމަށެވެ. އެ ހުށަހެޅުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި، 47 މެމްބަރުންގެ ވޯޓުންނެވެ.

މެމްބަރުން ޖަލްސާތަކަށް ވަޑައިގަންނަވާއިރު ހެދުން އަޅަންވީ ގޮތުގެ އުސޫލު މަޖިލީހުގެ ގަވައިދުގެ ޖަދުވަލެއްގެ ގޮތުގައި ހިމެނުމަށް ފާސްކޮށްފައިވެއެވެ.

ރިޕޯޓުގައި ރަސްމީ ހެދުމުގެ ގޮތުގައި ހަތަރު ބާވަތެއްގެ ހެދުން ކަނޑައަޅާފައިވެއެވެ. އެއީ:
  1. ކޯޓު ފަޓުލޫނު
  2. ގައުމީ ހެދުން/ދިވެހި ސަގާފީ ހެދުން
  3. ގަމީހާއި، ޓައި އަދި ފަޓުލޫނު
  4. ދިވެހިރާއްޖޭގައި ހެދުން އެޅުމުގެ އާންމު އަދަބާ ހިލާފު ނުވާ ގޮތަށް ހުންނަ ރަސްމީ ހެދުން

މީގެއިތުރުން، ޖަލްސާތަކަށް ވަޑައިގަންނަވާއިރު ހުއްދަ ނޫން ހެދުންތައް ވެސް ރިޕޯޓުގައި ވަނީ ކަނޑައަޅާފައެވެ. އެއީ:

  • ހަންގަނޑު ފާޅުވާ ގޮތަށް ހުންނަ ތުނި ހެދުމާއި، ވަކި ޖަމާއަތަކަށް ނުވަތަ ވަކި ކަމަކަށް ނިސްބަތްވާ ބެޖެއް ނުވަތަ ނިޝާނެއް ހުރި ހެދުން އަދި އަހުލާގީ ގޮތުން އެކަށީގެންނުވާ ހުތުރު ބަސްތައް، އިބާރާތްތަކާއި ކުރެހުމާއި ކާޓޫނު ހުންނަ ހެދުން.
  • އެއްވެސް ބާވަތެއްގެ ޖީންސްއާއި، ގިނަ ޖީބުތައް ލާފައި ހުންނަ ކުރު ނުވަތަ ދިގު ހަރުވާޅު.
  • ޓީޝާޓު ނުވަތަ ޓީޝާޓު ފޮތީގެ ހެދުން
  • ފެންވައިވާނާއި، ޓެނިސް އަދި ޖޮގިންސް ބޫޓު

އާންމު ކޮމިޓީން ފާހަގަކުރި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާތަކުގައި ހެދުން އެޅުމުގެ ހާއްސަ މިންގަނޑެއް މިހާތަނަށް ލިޔުމުން ކަނޑައަޅާފައި ނެތްކަމާއި، މެމްބަރުންގެ ހައިސިއްޔަތުން ޖަލްސާތަކުގައި ހެދުން އެޅުމުގެ އުސޫލެއް ނުވަތަ މިންގަނޑެއް ލިޔުމުން ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެކެވެ. އަދި އެ އުސޫލަށް ހުރިހާ މެމްބަރުން ޢަމަލުކުރުމަކީވެސް މުހިންމު ކަމެއްކަމުގައި ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: