މައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް – ބީ ވާރުތަވުން ހުއްޓުވައި، ”ޓްރިޕްލް އެލިމިނޭޓް“ ކުރި ފުރަތަމަ ގައުމަކީ ދިވެހިރާއްޖެ ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފިއެވެ.
ޑަބްލިޔުއެޗްއޯއިން ބުނެފައި ވަނީ މިއީ ރާއްޖޭގެ އާންމު ސިއްހީ ނިޒާމަށް ބަލާއިރު ފާހަގަކޮށްލެވޭ ކާމިޔާބީޔާއެއް ކަމަށެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ ރާއްޖޭން އެޗްއައިވީއާއި ސިފިލިސް މައިންގެ ފަރާތުން ދަރިން ގަޔަށް އެރުން 2019 ވަނަ އަހަރު ރާއްޖެއިން ހުއްޓުވާފައިވާ ކަމަށެވެ. އަދި އެފަދައިން ހެޕިޓައިޓިސް ބީ ފެތުރުންވެސް ހުއްޓުވައިފައި ވުމާއިއެކު، ޓްރިޕަލް އެލިމިނޭޝަން ހާސިލުކުރި ފުރަތަމަ ގައުމަށް ރާއްޖެ ވަނީ ވެފައެވެ.
ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ މައިންބަފައިންނާއި ކުޑަކުދިންގެ ސިއްހަތަށް ވަރުގަދަ ސިޔާސަތުތަކާއި ދެމެހެއްޓެނިވި އިންވެސްޓްމަންޓަކުން، މި ނުރައްކާތެރި ބަލިތައް މަންމަގެ ފަރާތުން ދަރިފުޅަށް ފެތުރުމާއި، އެ ބަލިތަކުން ލިބޭ ތަކުލީފު ނައްތާލުމަކީ ކުރެވިދާނެ ކަމެއްކަން ރާއްޖެއިން ދައްކުވައިދީފައިވާ ކަމަށެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ މިއީ އެހެން ގައުމުތަކަށްވެސް ނަމޫނާއެއް ކަމަށެވެ،
ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބަށް ބަލާއިރު އިރުމަތީ ދެކުނު އޭޝިއާ ސަރަހައްދުގައި އެކަނި ވެސް ވަގުތީ އަންދާޒާތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު 23،000 އަށް ވުރެ ގިނަ މާބަނޑު އަންހެނުންނަށް ސިފިލިސް ޖެހިފައިވާއިރު 8000 އަށް ވުރެ ގިނަ ތުއްތު ކުދިން އުފަންވީ ސިފިލިސް ޖެހިގެންނެވެ.
ގާތްގަނޑަކަށް 25,000 އެޗްއައިވީ ޕޮޒިޓިވް މާބަނޑު އަންހެނުންގެ ތުއްތު ކުދިންނަށް މި ބަލިތައް ފެތުރުން ހުއްޓުވުމަށް ފަރުވާ ބޭނުންވާއިރު، ހެޕަޓައިޓިސް ބީގެ އަސަރު މި ސަރަހައްދުގެ 42 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކުރެއެވެ.

