އައްޑޫ ހުޅުދޫއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށް އެއް ކައުންސިލް ”ހުޅުމީދޫ ކައުންސިލް“ އުފައްދަން ފެނޭތޯ ބެލުމަށް އާންމު ރައްޔިތުންގެ ވޯޓު ނެގުމުގައި ހިމެނި ސުވާލު އުނި ކުރުމަށްފަހު އިސްލާހުކޮށްފައިވާ ސުވާލުތައް އިލެކްޝަން ކޮމިޝަނުންވެސް އާއްމުކޮށްފިއެވެ.
ކައުންސިލާއި ގުޅޭގޮތުން ނެރުނު ގަރާރަށް ގެނައި އިސްލާހުގައި، އުނި ކުރުމަށް ނިންމާފައި ވަނީ 1 ސުވާލެވެ. އެއީ ހުޅުދޫ، މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށް ފެނޭތޯ އިއުލާނު ކުރި ސުވާލެވެ. އެހެންކަމުން ދެން ފޭދޫއާއި އެއްގޮތަށް ހުޅުދޫ، މީދޫ ރައްޔިތުންނަށް ވެސް ސުވާލު ކުރާނީ ވަކި ކައުންސިލެއްގެ ދަށުން ހިންގަން ފެނޭތޯ އެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެނައުމާ ގުޅޭގޮތުން އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން، އައްޑޫ ސިޓީގެ ރައްޔިތުން އެދޭ ގޮތާއި، ރައްޔިތުންގެ ޚިޔާލު ހުރިގޮތް ދެނެގަތުމަށްޓަކައި ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް އިއުލާނު ކުރީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
މި ނިންމުމުގެ ދަށުން އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ވަކިވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ވަނީ ނިންމަވާފައެވެ. އަދި ކުރިން އިއުލާނު ކުރި ގޮތަށް ”ހުޅުމީދޫ“ ކައުންސިލް އުފެއްދުމުގެ ސުވާލު، ދެން ވޯޓު ކަރުދާހުގައި ނޯންނާނެ އެވެ.
އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓުގެ، ވޯޓު ނެގުން ކުރިޔަށް ގެންދާނީ 2025 އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހުގެ 08:00 އިން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައި ކަމަށް އީސީން ވަނީ ބުނެފައެވެ.
ވޯޓު ނަގާ ދުވަހު އިންސާނީ ބާރު އެކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލުމަށް މީހުން ނުކުތުމަށް ހުރަސްތަކެއް ދިމާވެގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އިތުރުކުރާގޮތަށް ހަމަޖެހިފައިނުވާ ކަމަށް އީސީން ބުެނަފއިވެއެވެ. މި ވޯޓުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2025 އޮކްޓޫބަރު 26 ވާ އާދިއްތަ ދުވަހު ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

