މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގުޅިގެން ބޭރު ބަސްބަހުން މުޢާމަލާތް ކުރުމުގެ ހުނަރު އުގަންނައިދީ ތަމްރީނުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ އިޤްތިޞާދީ ކުރިއެރުމާއި ވަޒީފާގެ ފުރުޞަތުތައް އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖެއަށް ކޮންމެ އަހަރަކު އެތައް މިލިޔަން ބައިނަލްއަޤްވާމީ ފަތުރުވެރިން ޒިޔާރަތްކުރާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނެފައިވަނީ މި ފަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކީ މެންޑަރިން، އަރަބި، ފްރެންޗް، ޖާރމަން، ރަޝިއަން އަދި ކޮރިއަން ފަދަ ބަސްބަހުން މުޢާމަލާތުކުރާ ފަތުރުވެރިންކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދިވެހީންތަކެއް ވަޒީފާއަދާކުރަމުން ދާއިރު، ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭރު ބަސްބަހުން މުޢާމަލާތު ކުރުމަށް އެކަށީގެންވާ ތަމްރީނު ލިބިފައިވާ ދިވެހީން މަދުވުން ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ފަތުރުވެރިންނަށް ހިދުމަތްދިނުމުގައި ފްރޮންޓް ލައިންގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނާ ފަތުރުވެރިންނާ ދެމެދު މި އޮތް މުޢާމަލާތުކުރުމުގެ ދަތިކަން ނައްތާލެވިއްޖެނަމަ، ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެން ދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.ހަމައެއާއެކު ދިވެހި މުވައްޒަފުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރަށް ފަހިވެ، ވަޒީފާގެ ކުރިއެރުން ލިބޭނެ މަގު ފަހިވެގެންދާނެ ކަަމަށްވެސް ބުނެފައިވެއެވެ. ދިވެހި މުވައްޒަފުންނަށް، ތަފާތު ބަސް ބަހުން މުޢާމަލާތުކުރުމުގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް މިނިސްޓްރީނ ްވަނީ ފާހަގަކޮށްފައެވެ.
މިތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންގެ ޓިއުޝަން ފީ ހަމަޖައްސާދޭނީ މިނިސްޓްރީގެ ފަރާތުން ކަމަށް ބުނެފައިވެއެވެ.
މި ފަހުމުނާމާގެ މަޤްޞަދަކީ:
- ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ގައުމުތަކުގެ މީހުން ވާހަކަ ދައްކާ ބަސްބަހުން މުޢާމަލާތުކުރުމަށް ދިވެހީން ތަމްރީނުކޮށް، މި ދާއިރާގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކުރުމެވެ.
- ހަމައެއާއެކު އިތުބާރާއެކު ފަތުރުވެރިންނާ މުއާމަލާތް ކުރުމުގެ ގާބިލުކަން ހުރި ބަޔަކު ވަޒީފާތަކަށް ތައްޔާރުކުރުމެވެ.
މިތަމްރީނު ޕްރޮގްރާމް އަމާޒުކުރެވޭނީ ފަތުރުވެރިންނަށް ހިދުމަތްދިނުމުގައި މިހާރު ހަރަކާތްތެރިވާ މުވައްޒަފުންނަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކަށް ނުކުންނަން ޝައުގުވެރިކަން ހުރި ފަރާތްތަކަށެވެ.

