2026 ވަނަ އަހަރަށް ދައްކަންޖެހޭ ސުކޫކު ޕޭމަންޓް ދެއްކުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދަރަންޏާއި ގުޅޭގޮތުން ރައީސް ވާހަކަފުޅު ދެއްކެވިއިރު، ޗައިނާއިން ދިވެހިރާއްޖެއަށް ދައްކަންޖެހޭ ދަރަންޏަށް ލުއިގޮތްތަކެއް ހަމަޖެއްސުމަށް ދެ ގައުމުން ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި އަވައްޓެރި އިންޑިއާއަށް ދައްކަން ޖެހޭ ލޯނުތަކާއި ގުޅޭގޮތުން ދަނީ މަޝްވަރާ ކުރަމުންނެވެ.
ރާއްޖޭގެ އިގްތިސާދާއި ގުޅޭގޮތުން ށ. ބިލެތްފަހީގެ ޖަލްސާގައި ރައީސް މުއިއްޒު އަބަދުވެސް ގެންގުޅުއްވި ސްޓޭންޑަކީ ފައިސާ ޗާޕު ނުކުރުމާއި، އިތުރު ދަރަނިތައް ނުނެގުމެވެ. މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ވަރަށް ގިނަ ދަތިތައް ދިމާވީ ނަމަވެސް އެހެނިހެން ފިޔަވަޅުތައް އަޅައި ހާލަތު ރަނގަޅުވަމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަމުން ބޭރުގެ ދަރަނިތައް ދައްކަމުން، އެތެރޭގެ ދަރަނިތައް ވެސް ދައްކަމުން ގެންދާނެ ކަމަށެވެ. އަދި މިކަން ކުރައްވާނީ ފައިސާ ޗާޕުނުކޮށްކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދަވަނީ އޭގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބިވަޑައިގަންނަވާނެ ގޮތަށްކަމަށާއި، އެގޮތަށް ކުރިއަށް ވަޑައިގަތުމުގައި އެއްވެސް ކަންބޮޑުވުމެއް ސަރުކާރަށް ނެތްކަމަށެވެ.
ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ފުރިހަމައަށް ކޮށްދެވޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް އެބައޮތް ކަމުގައި ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން ދަނީ، އިގްތިސާދީ ކަންކަން ރަނގަޅުކުރައްވަމުން، އެތެރެއާއި ބޭރުގެ ދަރަނި ވެސް ދައްކަމުންނެވެ. އަދި ދަރަނި ދައްކަން ޖެހޭ ގައުމުތަކާއި އެކު މަޝްވަރާކޮށް ބައެއް ދަރަނިތަކަށް ލުއި ގޮތްތައް ހޯއްދަވައި، އެ ލުއިފަސޭހަކަންވެސް ރައްޔިތުންނަށް ހޯއްދަވައިދެއްވަމުންދާކަމަށް ރައީސް ވިދާޅުވި އެވެ.
ރޭވުންތެރިކަމާއެކު ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކާމިޔާބު ވަމުން ދާކަމަށާއި، އެގޮތުން 2026 ވަނަ އަހަރަށް ދައްކަންޖެހޭ ސުކޫކު ޕޭމަންޓް ދެއްކުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތްކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. މި ހުރިހާ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށް ފުރިހަމަ ތަރައްގީ ހާސިލުކޮށްދެއްވުމަށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރާއްޖޭގެ މާލީ ރިޒާވްގެ ޓްރެޖެކްޓަރީވެސް ހުރީ ރަނގަޅު މިސްރާބަކަށް ކަމުގައި ފާހަގަކުރައްވަމުން ރައީސް ވަނީ، ސަރުކާރުން ކުރުވި މަސައްކަތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ކަނޑައެޅުއްވި މުއްދަތުގެ ތެރޭގައި އެކަންވެސް ފުރިހަމަ ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ހަމަމިއާއެކު، ހަގީގީ މާނާގައި ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. މާލެއަށް ހުރިހާ ބާރެއް ބަރޯސާވެފައި އޮތުމީ ލާމަރުކަޒީ ނިޒާމު ކަމުގައި ގަބޫލުނުކުރައްވާކަމަށާއި، ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުންގެ އަޑު އައްސަވައިގެން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ނަތީޖާ ފެންނަމުންދާކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
ހަގީގީ މާނާގައި ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ފުރިހަމަގޮތުގައި ހިފުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި މި އުސޫލުން ގިނަ ބަދަލުތަކެއް ގެންނަވާ ކަމަށާ، އެ ހުރިހާ ބަދަލަކީވެސް ހަގީގީ މާނާގައި ރައްޔިތުން ބާރުވެރިކުރުވުމަށް ގެނެވޭ ބަދަލުތަކެއްކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

