އިނގިރޭސިވިލާތާއިއެކު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވިޔަފާރި އެއްބަސްވުމެއް ގާއިމުކޮށްފައިނުވާކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ، ސައީދު ވަނީ މިނިސްޓްރީގެ އެކި މަސައްކަތްތަކާއި ގުޅޭ ގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.
އެގޮތުން އިނގިރޭސިވިލާތާއި އެކު ކުރާ ވިޔާރިއާއި އިގްތިސާދީ މަސައްކަތްތަކާއި ގުޅޭގޮތުން ސައީދު ވިދާޅުވީ، އެ ގައުމާއި ދެމެދު އެންމެ ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާއި ގުޅޭގޮތުން މަޝްވަރާއެއް ކުރެވުނީ އިނގިރޭސިވިލާތުން ޔޫރަޕިއަން ޔުނިއަނުން ވަކިވާން ނިންމުމާއިއެކު 2016 ވަނަ އަހަރުގެ ތެރޭގައިކަަމަށެވެ. އަދި އެކަން އޭރުގެ އިގްތިސާދީ ވަޒީރުގެ ލިޔެކިއުންތަކުން ސާފުވާކަމަށް ސައީދު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ، އެކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި ކުރެވުނު މަސައްކަތްތަކެއް ނޫންކަމަށާއި ބްރެކްސިޓްގެ ގޮތުގައި މަޝްހޫރު ދުވަސްވަރުގެ ކުރިން އިނގިރޭސިވިލާތުން 24 އިންސައްތައިގެ ޑިއުޓީއެއް ނަގަމުންދިޔައިރު އެއަށްފަހު 20 އިންސައްތައަށް ކުޑަވެގެންދިޔަކަމަށެވެ.
ސައީދު ވިދާޅުވީ އެ އަދަދަކީ ޕްރިފަރެންޝަލް އެއްބަސްވުމެއް ނުހުންނަ ހުރިހާ ގައުމަކަށްވެސް އެ ގައުމުން ކަނޑައަޅާފައިވާ ޑިއުޓީކަމަށްވުމުން މިހާތަނަށް ދިވެހި ސަރުކާރުން ކުރި މަސައްކަތްތަކުން ހާސިލުކުރެވުނު ނަތީޖާއެއް ނެތްކަމަށެވެ. އެހެންކަމުން މި މައުޟޫއާއިމެދު ސުވާލު ކުރެއްވި އެމްޑީޕީގެ މެމްބަރު މިކަމަކީ ރައީސް ސާލިހުގެ ދައުރުގައި ކުރެވުނު މަސައްކަތްތަކެއްކަމަށް ބުނުމަކީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، 2025 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއާއި އިނގިރޭސިވިލާތުން އެފަދަ އެއްބަސްވުމަކަށް އަމަލުކުރަން ފެށުމަށް ކަނޑައެޅިފައިވާކަން އިކޮނޮމިކް މިނިސްޓްރީގެ އެއްވެސް ލިޔެކިއުމަކުން ފެންނަން ނެތްކަމަށެވެ. ނަމަވެސް އެފަދަ އެއްބެސްވުމެއް އޮތްކަމަށް ދޭހަކޮށް ސުވާލެއް ކޮށްފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްކަން ހާމަކުރައްވައިފިނަމަ އެއަށް ޖަވާބެއް ދެއްވުމުގައި ފަސޭހަތައް ލިބިގެންދާނެކަމަށް ވިދާޅުވި އެވެ.

