މީގެ ކުރިން ރަސްމީ ރޭޓުގައި ބެންކުން ވިޔަފާރިތަކަށް ދެނީ 1000 ޑޮލަރުކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކުދި ވިޔަފާރިތައް ބާރުވެރިކުރުމާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ބޭރު ފައިސާގެ ކަންކަމަށް ގެނެސްފައިވާ ބަދަލުތަކަކީވެސް އެގޮތުން ކުރެވިފައިވާ މަސައްކަތްތަކުގެ މިސާލެއްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، މީގެ ކުރިން ޑޮލަރު ހިފަހައްޓައިގެން ތިބެނީ މަދު ބައެއްކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަމުގައި ހުންނަވައިގެން އެ ތާރީހު ބަދަލުކޮށްލަން ކެރިވަޑައިގެންފިކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ނަތީޖާތައް ފެންނަން އޮތްކަމަށާއި ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރިން ބެންކް އޮފް މޯލްޑިވްސްއިން ކުދި ވިޔަފާރިތަކަށް ދެނީ 5 އިންސައްތަކަމަށާއި އެއީވެސް 1000 ޑޮލަރުގެ ސީލިންގަކާއިއެކު ކަމަށެވެ. އެހެންކަމުން ރަސްމީ ރޭޓުގައި 1000 ޑޮލަރަށްވުރެ މަތިން ނުލިބޭކަމަށާއި މިހާރު 50 އިންސައްތައާއި ހަމައަށް ނުވަތަ ޓީޓީއަކަށް 10،000 ޑޮލަރު ދޭކަމަށް ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، އެ އަދަދު ރަސްމީ ރޭޓުގައި ދޫކުރާނެކަމަށާއި އަމިއްލަ ވިޔަފާރިތައް ބާރުވެރިކުރަނީ އެގޮތަށްކަމަށެވެ. އޭޓީއެމްތައް ބަހައްޓަމުންދާކަމަށް އިޝާރާތްކުރައްވާ ސައީދު ވިދާޅުވީ، 2024 ވަނަ އަހަރުގެ ތެރޭގައި 72 ރަށެއްގައި އޭޓީއެމް ބެހެއްޓުނުކަމަށެވެ. މި އަހަރުގެ ތެރޭގައި 96 ތަނެއްގައި ބެހެއްޓިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ރެކޯޑުތަކަށް ބަލާއިރު ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އަމިއްލަ ވިޔަފާރިވެރިންނާއި ބައްދަލުކުރީ 4 ވަރަކަށް ފަހަރުގައިކަން ފެނިގެންދާކަމަށެވެ. އެއީ ރަސްމީ ސިފައެއްގައި ކުރިއަށް ގެންދިޔަ މުއާމަލާތްތައް ކަމަށްވާއިރު މި އަހަރުގެ ތެރޭގައި އެކަނިވެސް ސަރުކާރުން 13 ބިޒްނަސް ކައުންސިލު ބައްދަލުވުން ބާއްވާފައިވާނެކަމަށެވެ.

