”ގުނަވަން ޓްރާންސްޕްލާންޓު“ ކުރުމުގެ ބިލުން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ރައްޔިތުންގެ މަޖިލިހުގައި ތިއްބެވި ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ސިކުނޑީގެ ޓްރާންސްޕްލާންޓު ހެދުންކަމަށް ބުނެ ޕީއެންސީއަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ފާޑުވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިޔަށް ގެންދިޔައީ ރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ އުސޫލާއި ގަވައިދުތައް ކަނޑައެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގެ ބަހުސެވެ. މިއީ ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓު ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ހުށަހަޅާފައވާ ބިލެކެވެ.
ބިލުގެ ބަހުސްގައި މީކާއިލް ވިދާޅުވީ އިންސާނާއަށް މާތްﷲ ދެއްވާފައިވާ އެންމެ ބޮޑު ނިއުމަތަކީ އޭނާގެ ސިކުނޑި ކަމަށެވެ. އަދި އޭގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާކަމަށް ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންކަމަށް މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ މަޖިލީހަށް ދައުލަތުގެ ވަޒީރަކު ހާޒިރުވުމަށް ފަހު ސުވާލުތަކަށް ޖަވާބު ނުދެއްވައި، ބޭނުންވާ އެހެނިހެން އެތައް ވާހަކައެއް ދެއްކެވިއިރު ވެސް ޕީއެންސީގެ މެމްބަރުން ތިއްބެވީ އެކަމަށް ތަރުހީބު ދެއްވުމުގައި ކަމަށެވެ. މިއީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުންތޯ ސުވާލު އުފައްދައި މީކާއިލް ވިދާޅުވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދަށް ސުވާލު ހުށަހެޅުއްވީ މިދިޔަ ޖޫން މަހުކަމަށެވެ. އޭގެ ތިން މަސް ފަހުން، ވަޒީރު ތަޅުމަށް ހާޒިރުވެ އެއީ ޖަވާބު ދެއްވާފައިވާ ސުވާލުތަކެއްކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދިއުމުން މީކައިލް ކަންބޮޑުވުންފާޅު ކުރެއްވި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ މި ޖަލްސާއިން ވެސް ވަޒީރު ބޭފުޅަކު ޖޫން މަހު އަޅުގަނޑުމެން ލީ ސުވާލަކަށް ޖަވާބުދެއްވަން އޮކްޓޫބަރު މެދު ޖެހޭ ހިސާބު މި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވަޑައިގެން ކުރި ސުވާލަށް ޖަވާބުނުދެއްވައި މުޅިން އެހެން ވާހަކަތަކެއް މި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވިދާޅުވަމުން ގެންދެވިއިރު ވެސް.. މި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަޅުގަނޑުގެ އަހުން ރައްޔިތުންގެ މަންދޫބުން ހަމަ ތިއްބެވީ އަތް ޖަހާން… އަަޅުގަނޑު ހަމަ ހިތަށް އަރާ އަޅުގަނޑުމެންނަށް މާތްރަސްކަލާނގެ ދެއްވި މި ބުއްދިޔާ މި ސިކުނޑީގެ ބޭނުން ހެޔޮ ގޮތުގައި އެބަ ހިފޭ ބާއޭ. ނޫނީވިއްޔާ މި ބިލުން މި ބުނާ ޓްރާންސްޕްލާންޓް ހަދަން ޖެހިފައި މި ތިބީ މި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ބާއޭ، އަޅުގަނޑު ހަމަ ހިތަށް އަރާ..
މީކާއިލް ފާހަގަކުރެއްވި ގޮތުގައި، އޭނާ މިނިސްޓަރ ސައީދަށް ކުރީ ވަރަށް އާދައިގެ ފަސޭހައިން ޖަވާބު ދެވޭނެ ސުވާލެކެވެ. އެއީ ޔޫކޭ މޯލްޑިވްސް ޓޯކްސްގައި، ޔޫކޭ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރިމެންޓާ (އެފްޓީއޭ) ގުޅޭ އެއްވެސް ވާހަކައެއް މިފަހަރު ހިމަނާފައި ނުވަނީ، މި ސަރުކާރުގައި އެފްޓީއޭ ކުރިއަށް ގެންދިޔުމުގެ ވިސްނުން ގެންގުޅުއްވާތީ ނުވަތަ އެ ހިޔާލު ނެތުމުންތޯ ކުރި ސުވާލެވެ. މީކާއިލް ވިދާޅުވީ އެ ސުވާލަށް ޖަވާބުދެއްވާފައިވާކަމަށް ސައީދު ވިދާޅުވީ ނަމަވެސް، ސުވާލު ކުރި މެމްބަރަކީ އޭނާކަމަށާއި ތަކުރާރުކޮށް އެކަން ސާފުކޮށްދޭން އެދުނީ ޖަވާބު ނޭނގޭތީކަމަށެވެ.
އަޅުގަނޑުމެން މި ބިލުގެ ޒަރީއާއިން މި ބިލުގެ މި އޮނިގަނޑުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސިކުނޑީގެ ޓްރާންސްޕްލާންޓެއް ނޫންބާއޭ އެންމެ ފުރަތަމަ ހަދަން މި ޖެހެނީ..
މީކާއިލް ވިދާޅުވީ ވަޒީރުންގެ ކަންކަން މިހާ ހިސާބަށްދާއިރު ވެސް، ޕީއެންސީގެ މެމްބަރުން އެއީ ގޯހެއް ނޫންކަމަށް ދެކިގެން ތިބުމުން އެބޭފުޅުންގެ ބުއްދި ރަނގަޅުތޯ ސުވާލު އުފެދޭ ކަމަސެވެ. އަދި ”ގުނަވަން ޓްރާންސްޕްލާންޓު“ ކުރުމުގެ ބިލަށް އިޝާރާތް ކުރައްވައި ވިދާޅުވީ، މި ބިލުގެ ޒަރިއްޔާއިން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ސިކުނޑީގެ ޓްރާންސްޕްލާންޓެއް ހަދަން ޖެހޭކަމަށެވެ.

