ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މެމްބަރުންނަށް ވަޒީރުންނާއި ސުވާލު ކުރުމަށް ފުރުސަތު ދިނުމުގައި ގަވައިދާ ހިލާފުނުވާނެކަމަށާއި އެ ދުވަހެއްގެ މައުޟޫއުއިން ބޭރު ސުވާލެއް ކުރުމުން ޖަވާބު ދިނުމާއި ނުދިނުން އެއީ މެމްބަރުގެ އިހުތިޔާރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިއުމުގައި ރިޔާސަތުން އަމަލު ކުރަނީ، ގަވައިދާ ހިލާފަށްކަމަށް އެމްޑީޕީގެ މެމްބަރުން ދަނީ ބުނަމުންނެވެ. އަދި މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި މެމްބަރުން ރިޔާސަތާއި މެދު ނުރުހުންފާޅު ކުރީ، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ތަޅުމަށް ހާޒިރުވެ މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ނުދެއްވާތީ އެވެ. އިދިކޮޅު މެމްބަރުން ބުނި ގޮތުގައި، ވަޒީރު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ނުދެއްވައި، މައުޟޫއިން ބޭރުވާއިރު ވެސް އެކަން ނުހުއްޓުވަ އެވެ.
މެމްބަރުންގެ ފާޑުކިއުންތަކާއި ގުޅިގެން ރިޔާސަތުގައި ހުންނެވި އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ގަވައިދާ ހިލާފު އެއްވެސްކަމެއް ހިނގާފައި ނުވާކަމަށެވެ. އަދި މިހާތަނަށް ވެސް މަޖިލީހުގެ ހުރިހާކަމެއް ހިނގަމުން އައިސްފައި ވަނީ އުސޫލުތަކުގެ މަތީންކަމަށް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މަޖިލީހަށް ވަޒީރުން ހާޒިރުކުރުމާއި، ވަޒީރުންނާ ސުވާލުކުރުމާއި ވަޒީރު ޖަވާބުދެއްވުމަށް މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާއިން ފެށިގެން، އެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ތަފުސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށެެވެ. އަދި ވަޒީރު ޖަވާބު ނުދެއްވާކަމަށް ބުނެ، ނިޒާމީ ނުކުތާތައް ނެންގެވި މެމްބަރުންނަށް ވެސް އެ ފުރުސަތު ދެއްވިކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ނިޒާމީ ނުކުތާއަށް ފުރުސަތު ދެވުނު ރިޔާސަތުން ގެންދިޔައީ… އާންމު ގޮތެއްގައި ވަޒީރުން ޖަވާބު ދެއްވަމުން ގެންދަވާ އިރު އަޅުގަނޑު ދެންނެވިން ދެ މިނެޓު ކަނޑައެޅިފަ އޮތް ނަމަވެސް މިހާތަނަށް މަޖިލީހުގެ ރެކޯޑުތަކުން ނުދައްކައޭ ދެ މިނެޓު ހަމަ ކަނޑައަޅާފަ އޮތް ތަނެއް… ވަޒީރުގެ ސުވާލުގެ ޖަވާބު ނިމެންދެން ވަޒީރަށް ފުރުސަތު ދެއްވާފައި ހުރީ މިހާތަނަށް.. އެހެންވީމާ އެ އުސޫލުން މިއަދު ވެސް ކަން ކުރީ ވަޒީރާ ކުރައްވައި ސުވާލު ކުރައްވަނީ ހަމަ ހުރިހާ ބޭފުޅުން ވެސް އެ ބޭފުޅަކަށް އެ ވަގުތަކު ފެނިވަޑައިގަންނަވައި ސުވާލެއް ކުރައްވަނީ… އެ ސުވާލަށް އެ ދުވަހުގެ ސުވާލާ ނުގުޅޭ ކަމަށްވަންޏާ ޖަވާބުދިނުމާ ނުދިނުން އޮންނަނީ ވަޒީރުގެ އިހުތިޔާރަށް އަބަދުވެސް ދޫކޮށްލާފަ.. އެހެންވީމާ ރިޔާސަތުން މިއަދު އަމަލުކުރީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށްކަމަށް ހަމަ ރެކޯޑަށް ޓަކައި ދަންނަވާލަން ބޭނުން.. ވަޒީރު ދެއްވި ޖަވާބު މިއަދުގެ މަޖިލީހުގެ ޖަލްސާގެ ޔައުމިއްޔާއަށް ވަރަށް ތަފުސީލުކޮށް ލިޔެފައި އޮންނާނެ..
ވަޒީރުން ޖަވާބު ދެއްވުމަށް ކަނޑައެޅިފައިވާ ވަގުތާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ، އާންމުކޮށް ވަޒީރުން ޖަވާބު ދެއްވުމަށް، ގަވާއިދުގައި ދީފައި ވަނީ ދެ މިނެޓެވެ. އެހެން ނަމަވެސް، މަޖިލީހުގެ މިހާތަނަށް ވެސް ވަޒީރު ވާހަކަ ކުރިޔަށް ގެންދަވަނިކޮށް، މައިކު ކަނޑާލާފައި ނުވާނެކަން ރިކޯޑުތަކުން އެނގެން ހުންނާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެއީ ކޮންމެކަމަކާއި ގުޅޭ ސުވާލެއް ނަމަވެސް، ވަޒީރަށް ޖަވާބު ދިނުމުގައި ބޭނުންވާ މިންވަރަށް ވަގުތު ދެވިފައިވާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މެމްބަރުން ވަޒީރާ ކުރަނީ އެވަގުތަކު މެމްބަރުންނަށް ފެންނަ ސުވާލެއްކަމަށާއި، އެއީ ދުވަހުގެ މައުޟޫއުގެ ތެރޭގައި ނުގުޅޭ ސުވާލެއް ނަމަ ޖަވާބު ދެއްވުމާއި ނުދެއްވުން އެއީ ވަޒީރުގެ އިހުތިޔާރެއްކަމަށެވެ
އެހެންކަމުން، ރިޔާސަތުން މިއަދު އަމަލުކުރީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށްކަމަށް ރެކޯޑަށްޓަކައި ސާފުކޮށްދޭން ބެނުންވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަބްދުއްރަހީމް ވިދާޅުވީ ޖަލްސާގައި ވަޒީރު ދެއްވި ޖަވާބު މިއަދުގެ މަޖިލީހުގެ ޖަލްސާގެ ޔައުމިއްޔާއަށް ވަރަށް ތަފުސީލުކޮށް ލިޔެފައި އޮންނާނެކަމަށާއި، ފަހުން ބައްލަވާ ބޭފުޅުންނަށް ވެސް އެކަން ފެނިވަޑައިގަންނަވާނެކަމަށެވެ. އަދި އެއްވެސް ކަމެއް ފޮރުވާ، ނުވަތަ އޮޅުވާލާ ހަދާކަށް މަސައްކަތް ނުކުރާކަމަށް ވިދާޅުވިއެވެ.

