ނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު މަސް އެކްސްޕޯޓުކުރުމުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ދެއްކެވި ވާހަކައަކީ ދޮގު ވާހަކައެއް ކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު ވިދާޅުވި ގޮތުގައި، މަޖިލީހުގެ ތަޅުމުގައި މީކާއިލް ކުރެއްވި ސުވާލުގައިވެސް ހިމެނެނީ ދޮގު މަޢުލޫމާތު ކަމަށާއި، އެ ސުވާލުތަކަށް ޖަވާބު ދެއްވައި އޮޅުންފިލުވައި ދެއްވި ނަމަވެސް، މީކާއިލް ވަނީ ހަގީގަތް އޮޅޭގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ.
މި މައްސަލައާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްވެސް ވަނީ ރައްދު ދެއްވާފައެވެ. ”މިވަގުތުވެސް އިނގިރޭސިވިލާތާ ދެމެދު މަސް އެކްސްޕޯޓުކުރުމާ ގުޅޭ މަޝްވަރާތައް ދަނީ ކުރެވެމުން،“ ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރ ޝިޔާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަކީ މި މަސައްކަތްތައް ކުރިއެރުވުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ. އަދި މަސްވެރިންނަށް ފަހި އަދި ހަމަހަމަ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިގްތިސާދީ ވަޒީރު ސައީދު އިތުރަށް ވިދާޅުވި ގޮތުގައި، މީކާއިލްގެ އަމަލުތަކަށް ބަލާއިރު، އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ މަޖިލީހުގައި ސުވާލު ކުރެއްވިއިރު ހެއްދެވި ދޮގުތައް ފޮރުވުމަށް ކަމަށް ފާހަގަކުރެވެއެވެ.

