އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަދި ހުޅުމާލެ ފޮލިސް ސްޓޭޝަންގެ އެންމެ އިސްވެރިޔާ މުހައްމަދު ދާއޫދު 14.6 މިލިއަން ރުފިޔާގެ އެސެޓް އުފައްދާފައިވާއިރު މިއީ އެމްއެމްޕީއާރުސީގެ ފައިސާކަމަށް ތުހުމަތު ކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޕޮލްކޯގެ މައްސަލަ އޮންނަތާ ގިނަ ދުވަސްތަކެއް ވަނީވެފަ އެވެ. މި މައްސަލައިގައި މިއަދު ބޭއްވި ސަބް ކޮމިޓީގައި ނާޒިމް ވިދާޅުވި ގޮތުގައި ދާއޫދާއި އޭނާގެ އާއިލާގެ ބައެއް މެމްބަރުންގެ އެކައުންޓަށް ފައިސާ ޖަމާކުރިކަން ވަނީ ފާހަގަކުރެވިފަ އެވެ. ނާޒިމް ވިދަޅުވީ މި ފައިސާތައް ދާއޫދުގެ އެކައުންޓަށް ޖަމާވެފައި ވަނީ އާމްދަނީ ލިބުނު ގޮތް، ނޭނގޭ ގޮތަށް 2023 އާއި 2024 ވަނަ އަހަރު ކަމަށެވެ.
ނާޒިމް މިއަދު ވިދާޅުވެފައި ވަނީ، 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދޭތެރޭގައި ދާއޫދުގެ ބޭންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ، އާމްދަނީގެ ވަސީލަތެއް ނޭނގޭ ގޮތަށް ޖަމާވެފައިވާ ކަމަށާއި، މި ފައިސާއިން ޖުމްލަ 14.6 މިލިއަން ރުފިޔާގެ އެސެޓްތަކެއް ވަނީ އުފައްދާފައި ކަމަށެވެ.
މިކަން ހާމަކުރައްވައި ނާޒިމް ވިދާޅުވީ، މި ފައިސާއަކީ އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަން މައްސަލައާ ގުޅުން ހުރި ފައިސާ ކަމަށް ބެލެވޭ ކަމަށެވެ.
ނާޒިމްގެ ވިދާޅުވި ގޮތުގައި، ދާއޫދު ހިއްސާ އޮންނަ އެއްވެސް ވިޔަފާރި ކުންފުންޏެއް ނެތުމުންނާއި، އޭނާގެ އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ނުކުރާއިރު، އެކައުންޓަށް މިހާ ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައިވާތީ ސުވާލު އުފެދެ އެވެ.
މި ފައިސާއިން އެސެޓް އުފައްދާފައިވާ ގޮތާއި ގުޅޭގޮތުން ނާޒިމް ވިދާޅުވީ، 4 މިލިއަން ރުފިޔާގެ އެޕާޓްމެންޓެއް ގަނެފައި ވަނީ އާއިލާގެ މެންބަރެއްގެ ނަމުގައި ކަމަށެވެ. ނަމަވެސް، މިހާރު އެ އެޕާޓްމެންޓް ވަނީ ދާއޫދުގެ ދަރިފުޅެއްގެ ނަމަށް ބަދަލުކޮށްފައިކަމަށް ނާޒިމް ވިދަޅުވި އެވެ.
ރައީސް ނާޒިމް ވިދާޅުވީ، ދާއޫދު 10.5 މިލިއަން ރުފިޔާއާއި 4.1 މިލިއަން ރުފިޔާ އެއްކުރީމާ ޖުމްލަ ފައިސާގެ އަދަދު 14.6 މިލިއަން ރުފިޔާގެ އެސެޓްތައް މި ވަނީ އުފައްދާފައި ކަމަށެވެ.
ދާއޫދާއި ގުޅޭ މި މައްސަލައިގެ އިތުރު ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފާހަގަވެ، އެކަމުގެ ރިޕޯޓު ލިބިފައިވީ ނަމަވެސް އެއީ ސިއްރު ލިޔެކިއުމަކަށް ވާތީ އެ މައުލޫމާތު އާންމު ކޮމިޓީއެއްގައި ހިއްސާ ކުރެވެން ނެތްކަމަށް ނާޒިމް ވިދާޅުވި އެވެ.
އިތުރު އެހެން މައްސަލައެއްގެ ގޮތުގައި ދެން ނާޒިމް ފާހަގަކުރެއްވީ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓެކެވެ. އެ ރިޕޯޓާއި ހަވާލާދީ ނާޒިމް ވިދާޅުވީ، ދާއޫދުގެ އެކައުންޓަށް ފައިސާ ޖަމާވަމުން ދިޔަކަން އެނގޭކަމަށާއި، ތުހުމަތު ކުރެވޭ 280 މީހުންގެ ލިސްޓުގައި ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް އާދަމް ހިމެނޭ ކަމަށެވެ. އަދި އަހުމަދު ޝުހާދާއި، ހަސަން ހަބީބުގެ ނަން ވެސް ލިސްޓުގައި ހިމެނޭކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ޕޮލްކޯގެ މައްސަލަ ބަލަން ފެށުމުން، ވިޔަފާރިވެރިޔާ ހަސަން ތައުފީގާއި، ދާއޫދު ބައިވެރިވެ ދެ މީހުންގެ އަނބިންގެ ނަމުގައި ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓު ކުރިކަން ފާހަގަކުރެވުނު ކަމަށެވެ. އަދި މި އިންވެސްޓްމެންޓުގެ ތަފްސީލު ބެލިއިރު، އެއީ ތަޅުމުދިގެ 10 ފްލޯއަށް ނަގައި، ތަނުން ނަފާ ހޯދަމުން އައި އިންވެސްޓްމެންޓެއްކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
އާއިލާގެ މެމްބަރެއްގެ ނަމުގައި އެ މުއާމަލާތް ކުރުމަށް ފަހު، އެ އެޕާޓްމަންޓު މިހާރު އޮތީ ދާއޫދުގެ ދަރިފުޅުގެ ނަންމަތީކަމަށް ނާޒިމް ވިދާޅުވި އެވެ. އެހެންކަމުން 10 މިލިއަނާއި، 4 މިލިއަން ރުފިޔާ އެއްކޮށްގެންވާ 14 މިލިއަން ރުފިޔާގެ އެސެޓު ދާއޫދު އުފައްދާފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ތުހުމަތު ކުރެއްވި ގޮތުގައި މިއީ އެމްއެމްޕީއާރުސީގެ ފައިސާ އެވެ.

