ބިން ހިއްކުމުގެ މަޝްރޫތަކަށް ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި 3 ޑްރެޖަރު ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ށ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް ވަޑައިގެން ރައީސް ވަނީ އެރަށުގެ އެއާޕޯޓުގެ މަޝްރޫއއަށް އަލި އަޅުވާލައިފައެވެ.
ރައީސް ވިދާޅުވީ އެއްވެސް ހުއްޓުމެއް ނެތި ވަރަށް ހަލުވި ދުވެލީގައި އެ މަސައްކަތް ކުރިއަށް ގެންގޮސް ފުރިހަމަ ކަމާއިއެކު ނިންމައިދެއްވާނެ ކަމަށެވެ.
އެއާޕޯޓު ގާއިމް ކުރުމަށްޓަކައި 48.8 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ އަމަލީ ގޮތުން ފެށިފައި ކަމަށް ރައީސް ވިދާޅުވިއެވެ. ބިންހިއްކުމާއި، އެއާޕޯޓު ގާއިމްކުރުމާއި އަދި އޮޕަރޭޝަނަށް އެއާޕޯޓު ގެނައުމަށް އެމްއޭސީއެލްއާއިއެކު އެއްބަސްވުމުގައި ސޮއިކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދަނީ އެމްއޭސީއެލްއިން އިންވެސްޓްކޮށްގެން ކަމަށެވެ.
ރައީސް ވިދާޅުވީ ބިންހިއްކުމުގެ މަސައްކަތް ގިނަވެގެން 8 މަސް ދުވަހުގެ ތެރޭގައި ނިމިގެން ދާނެ ކަމަށެވެ. އަދި 2 އަހަރާއި ބައިގެ ތެރޭގައި މުޅި އެއާޕޯޓު ނިމައި ހުޅުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”މިއީ ވަރަށް ޔަގީން ކަމާއިއެކު ތިޔަ ލޮބުވެތި ރައްޔިތުންނަށް ދޭ ޔަގީން ކަމެއް. މި ކަމުގައި އެއްވެސް ވަރެއްގެ މަޑުޖެހުމެއް ނާންނާނެ. އެންމެ ލަސް ތާރީހުތައް މިދިނީ. އެންމެ ގިނަވިޔަސ ނަގާނެ މުއްދަތު“
ރައީސް ވިދާޅުވީ ށ އަތޮޅުގައި ތިން ރަށެއްގައި އެއާޕޯޓު ހަދާނެ ކަމަށެވެ. ރައީސް ވިދާޅުވީ ހުރިހާ ބިންހިއްކުމުގެ މަޝްރޫއުތަކާއި އަދި އެއާޕޯޓުގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ ކިހިނެތްތޯ ބަޔަކު ސުވާލު އުފައްދަފާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެ މަސައްކަތްވެސް ކުރިއަށް ގެންދަނީ އެކަމަށް ވާންޖެހޭ ފުރިހަމަ ތައްޔާރީ ވެގެން ކަމަށެވެ.
އެމްއޭސީއެލްއަށް ހަވާލުކުރެވުނު މަސައްކަތްތައް މިދިޔަ 2 މަހެއްހާ ދުވަހުގެ ތެރޭގައިވެސް ވަރަށް ރަނގަޅަށް ދަނީ ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ކަންކަމަށް ހާއްސަ ބޭރުގެ އެންމެ ރަނގަޅު 2 ކުންފުންޏަކަށް މަސައްކަތް ހަވާލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސް ތަކުގައި 3 ޑްރެޖަރެއް ގެންނަން ނިންމާފައިވާނެ ކަމަށެވެ. އެއޯ 45 ޓަނުގެ 2 ޑްރެޖަރާއި އަދި 11 ޓަނުގެ 1 ޑްރެޖަރު ކަމަށެވެ.
ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި އަތޮޅުތެރެއާއި އަދި ރަސްމާލެ ހިއްކުމަށް ޓަކައި އެ 3 ޑްރެޖަރުގެ ބޭނުން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

