ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިންމާދާރު މަގާމެއްގައި ހުރެ، ސުވާލެއްވެސް ނުކޮށް ނާޒިމް ހެދީ ދޮގު: ދާއޫދު

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަދި ހުޅުމާލެ ފޮލިސް ސްޓޭޝަންގެ އެންމެ އިސްވެރިޔާ މުހައްމަދު ދާއޫދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޒިންމާދާރު މަގާމެއްގައި ހުންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ދާއޫދުގެ މައްޗަށް ކުރީ އެއްވެސް އަސްލެއް ނެތް ދޮގު ތުހުމަތުތަކެއްކަމަށް އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދޭތެރޭގައި ދާއޫދުގެ ބޭންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ، އާމްދަނީގެ ވަސީލަތެއް ނޭނގޭ ގޮތަށް ޖަމާވެފައިވާކަމަށް ނާޒިމް ވިދާޅުވީ މިއަދު އޮތް މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގަ އެވެ. ގިނަ ދުވަސްތަކެއްވެފައިވާ ޕޮލްކޯގެ މައްސަލައިގެ ކޮމިޓީގައި ނާޒިމް ވިދާޅުވީ މި ފައިސާއިން ޖުމްލަ 14.6 މިލިއަން ރުފިޔާގެ އެސެޓް ދާއޫދު އުފައްދާފައިވާ ކަމަށެވެ.

ނާޒިމް ތުހުމަތު ކުރެއްވި ގޮތުގައި، މިއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ދާއޫދު ނެގި މަންފާ އެވެ.

މި ވާހަކަތައް ދޮގުކޮށް ދާއޫދުގެ ފަރާތުން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނީ، މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ނާޒިމް ދައްކަވާފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ. އަދި މިއީ އެއްވެސް ހަގީގަތެއް ނެތް، ދޮގު ތުހުމަތުތަކެއްކަމަށް ބަޔާނުގައި ވެއެވެ.

ދާއޫދުގެ ވަކީލުންގެ ޓީމުން ބުނީ، އޭނާގެ އެކައުންޓަށް ގޮތް ނޭނގޭ އެއްވެސް ފައިސާއެއް ވެދެފައިނުވާނެ ކަމަށާއި، ގާނޫނާއި ހިލާފު އެއްވެސް މުއާމަލާތެއް އެކައުންޓް މެދުވެރިކޮށް ހިނގާފައިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭކަމަށެވެ. 

ދާއޫދު 14.6 މިލިއަން ރުފިޔާގެ އެސެޓް އުފައްދާފައިވާއިރު މިއީ އެމްއެމްޕީއާރުސީގެ ފައިސާކަމަށް ތުހުމަތު ކުރެވޭކަމަށް، ނާޒިމް ވިދާޅުވެފައި ވާތީ އެކަމަށް ވެސް ބަޔާނުގައި ރައްދުދީފައި ވެއެވެ. ބަޔާނުގައި ބުނެފައި ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެއްވެސް ފައިސާއަށް ދާއޫދަށް ލިބިފައި ނުވާކަމަށެވެ. އަދި މިކަން ދައުލަތުގެ އިދާރާތަކުން ކުރިޔަށް ގެންދިޔަ ހިޔާނާތުގެ ތަހުގީގުތަކުންނާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޤަފޫރު ދީފައިވާ ބަޔާންތަކުން އެނގޭނެކަމަށް ވެއެވެ.

މީގެއިތުރުން އިދާރީ ތަހުގީގުތަކާއި ގުޅިގެން ޕޮލިސް ބޯޑުން ކުރިން ނިންމަވާފައިވާ ނިންމުންތަކާއި، ޝަރުއީ މަރުޙަލާގައި ނިންމަވާފައިވާ ނިންމުންތަކުން ވެސް ދާއޫދުގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެއްދޭނެ އެއްވެސް ޖާގައެއް ނެތްކަން ސާފުވާނެކަމަށް ވަކީލުން ވަނީ ބުނެފަ އެވެ.

ނާޒިމްއަކީ މަޖިލީހުގެ ނައިބު ރައީސަށްވެފައި، ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކު ގާނޫނު ތަަންފީޒީ އިދާރާއެއްގެ އިސް އޮފިސަރަކާއި ގުޅުވައި ހަގީގަތެއް ނެތް ވާހަކަތައް ދެއްކުން ބަޔާނުގައި ވަނީ ކުށްވެރިކޮށްފައެވެ. އަދި މިއީ ރައްޔިތުން ދައުލަތުގެ އިދާރާތަކަށް ކުރާ، އިތުބާރު ގެއްލިގެން ގޮސްދާނެ ފަދަ ވާހަކަތަކެއްކަމަށް ބަޔާނުގުގައި ފާހަގަކުރި އެވެ.

ވަކީލުން ވަނީ ދާއޫދަށް ބޮޑެތި ތުހުމަތުތަކެއްކޮށް ލައިވް ކޮމިޓީއެއްގައި ވާހަކަ ދެއްކެވިއިރު، އެކަމާއި ގުޅޭ އެއްވެސް ސުވާލެއްކޮށްފައި ނުވާތީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި ޖަވާބުދާރީވުމަށް އެއްވެސް ފުރުސަތެއް ނުދީ، މީޑިއާތަކުގެ ހާޒިރުގައި މިވާހަކަތަށް ދެއްކުމަކީ އެންމެ ޒިންމާދާރު ގޮތް ނޫންކަމަށް ވަނީ ބުނެފައެވެ.

ބަޔާން ނިންމާލަމުން ބުނެފައި ވަނީ، މަޖިލީހުގައި ދައްކާ ކޮންމެ ވާހަކައެއް ވެސް ދައްކަން ވާނީ އެއްވެސް މީހެއްގެ ގާނޫނީ ހައްގު ނުގެއްލޭ ގޮތެއްގެ މަތީންކަމަށެވެ. އަދި މަޖިލީހަކީ ޒިންމާދާރުކަމާއި އެކު މަސައްކަތް ކުރާ، ޒިންމާދާރުކަމާއި އެކު ވާހަކަ ދައްކާ ތަނަކަށްވުމަށް އެދޭކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
86%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: