ށ ނަރުދޫގައި ކުޅިވަރު ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
ށ ނަރުދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، ގިނަ އަދަދެއްގެ މަޝްރޫޢުތައް ފެށިގެން ގޮސްފައިވާއިރު ބައެއް ކަންކަމުގައި އަމަލީ ސިފަ ޖެހިގެން ގޮސްފައިވާކަމަށެވެ. އަދި ބައެއް މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި އެއްބަސްވުންތަކުގައި ސޮއިކުރެވުނުއިރު މީގެ ކޮންމެ ކަމަކީވެސް ވެވަޑައިގެންނެވި ވައުދުގެ މަތިން ކުރެވޭ މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ހުރިހާ މަޝްރޫޢުތައްވެސް ވެފައިވާ ވައުދާއި އެއްގޮތަށް ފުދިގެންދާނެކަމަށެވެ. އަދި ވައުދުތައް ފުއްދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރެވިގެންދާނީ ބާރު ދުވެލީގައި ރަނގަޅު ފެންވަރަށްކަމަށެވެ. ރައީސް ވިދާޅުވީ މިހާރު ފެށިފައިވާ މަސައްކަތްތަކުގެ އިތުރުންވެސް ކަންކަން ހުރިއިރު ސުކޫލުގެ މަލްޓިޕާޕަސް ހޯލު ބިނާކޮށް ކްލާސްރޫމްތައް އިތުރުކޮށްދިނުމަށް ވެފައިވާ ވައުދު ހިމެނޭކަމަށާއި މިހާރު 4 ކްލާސްރޫމާއި މަލްޓިޕާޕާސް ހޯލެއް ހިމެނޭ އިމާރާތެއް އެޅުމަށްޓަކައި ކޮންޓްރެކްޓް ހަވާލުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށެވެ.
ރައީސް ވިދާޅުވީ، ފުޓުބޯޅަ ދަނޑެއްގެ ވައުދުވެސް ވެފައިވާނެކަމަށެވެ. އަދި މިހާރު ގެޒެޓް ބަލާއިރު އެ ވައުދު ފުއްދުމަށްޓަކައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބަޔަކު ހޯދުމަށް އިއުލާނުކޮށްފައިވާކަން ފެނިގެންދާނެކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ފުޓްސެލް ދަނޑުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭއިރު މި އަހަރުގެ ބަޖެޓުގައި ހިމެނޭކަމެއް ނޫންކަމަށްވުމުން ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެކަން ހައްލުކުރައްވާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރަށުގައި ހޭންޑްބޯލް ކޯޓެއް އެޅުމަށްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ނިންމަވާފައިވާކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ތެރޭގައި އެ ކުޅިވަރަށް ހާއްސަ ކޯޓެއް އެޅިގެންދާނެކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ފިޓްނެސް ރެކްރިއޭޝަން ސެންޓަރާއިއެކު ކުޅިވަރު ދާއިރާއިން ހުރި މިފަދަ މަސައްކަތްތަކާއި އެހެނިހެން ދާއިރާގެ މަސައްކަތްތައްވެސް ކުރިއަށް ގެންގޮސް ނިންމައިދެއްވާނެކަމަށެވެ.

