ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރި ބަނދަރުގައި ހުންނަ މުދާ ގެއްލުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ބުނި ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

އެމްޕީއެލްގެ މުދާ ކްލިއާ ކުރުމުގެ މަސައްކަތްތައް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ވިޔަފާރި ބަނދަރުގައި ބަހައްޓައިފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ގެއްލުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލައާއި ދެކޮޅަށް 34 މެންބަރުން ވޯޓުދީފައިވާއިރު، މައްސަލަ ބަލައިގަތުމަށް ވޯޓު ދިނީ 8 މެންބަރެކެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރ އިބްރާހިމް ނާޒިލްގެ ކުއްލި މައްސަލައިގައި ވަނީ ރާއްޖޭގައި ސިނގިރޭޓުން ނަގަމުން އައި ޑިއުޓީ ކުއްލިއަކަށް ބޮޑުކުރުމާ ގުޅިގެން، ސިނގިރޭޓުގެ އަގުތައް އިންތިހާއަށް އުފުލުގެ ނާޖާއިޒު ފައިސާ ނަގައި، ބޮޑު އަގުގައި ވިއްކުމަށްޓަކައި ބައެއް ފަރާތްތަކުން ޑިއުޓީ ނުދައްކައި ވަގަށް ސިނގިރޭޓު އެތެރެކޮށް ވިއްކަމުންދިއުމުގެ ސަބަބުން ސިނގިރޭޓުގެ ކަޅު ބާޒާރެއް އުފެދިފައިވާކަމަށެވެ.

ރާއްޖެއަށް ވަގަށް އެތެރެ ކުރަމުންދާ ސިނގިރޭޓު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އަތުލައިގަނެވެނީ އޭގެ ތެރެއިން މަދު މިންވަރެއްކަން ފާހަގަވާން އޮތްކަމަށް ކުއްލި މައްސަލައިގައިވެއެވެ. އަދި އަތުލައިގަނެވޭ ފަހަރުތަކުގައިވެސް އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާކަމަށާއި، ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިހުމާލާއި، ބައިވެރިވުން ވަރަށް ފުޅާކޮށް އޮތްކަމަށް ބެލެވޭކަމަށްވެސްވެއެވެ.

ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފަހައްޓައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބެލުމުގެ ދަށުގައި ހުޅުމާލެ ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުރި، އެންމެ ބޮޑު ސައިޒުގެ 2 ސިނގިރޭޓު ކޮންޓެއިނަރު އެތަނުން ވަގަށް ނަގައިފައިވާކަމުގެ މައުލޫމާތު ލިބެމުންދާކަމަށް ފާހަގަކޮށް ކުއްލި މައްސަލައިގައި ވަނީ، ދެންނެވުނު 2 ކޮންޓެއިނަރުގައި ހުރި 13.6 މިލިއަން ސިނގިރޭޓު ގެއްލުމުން މޯލްޑިވްސް ކަސްޓަމްސް ސާރވިސް ނުވަތަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މިހާތަނަށް އެއްވެސް ކަމެއް ހާމަކޮށްފައި ނުވުމުގެ ސަބަބުން، އެ އިދާރާތަކުގެ ސީދާ ބައިވެރުވުން ނުވަތަ އިހުމާލު މި ކަމުގައި އޮތްކަމަށް ބަލައި، ރައްޔިތުންގެ ތެރޭގައި ނުހަނު ބޮޑަށް މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާކަމަށެވެ.

ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި ސިނގިރޭޓުތަކުގެ ޑިއުޓީގެ ގޮތުގައި އަރާނެކަމަށް ލަފާކުރާ 100 މިލިއަނަށްވރެ ގިނަ ރުފިޔާއަކީ ދައުލަތަށް ލިބިގެންދިޔަ ބޮޑު މާލީ ގެއްލުމެއްކަމަށްވެސްވެއެވެ. އަދި ރާއްޖެއަށް އެތެރެކޮށް ޕޯޓުގައި ބަހައްޓާފައި ހުންނަ މުދާ މިފަދައިން ގެއްލުމަކީ ޕޯޓު ހިންގާ އެމްޕީއެލްއަށް ޕޯޓުގެ ސެކިއުރިޓީ ނުބެލެހެއްޓޭކަން ހާމަވާކަމެއްކަމާއި، އެކަމުގެ ސަބަބުން ވިޔަފާރިވެރިން އެތެރެކުރާ މުދަލަށް އެއްވެސް ރައްކާތެރިކަމެއް ނެތްކަން ހާމަވާކަމަށާއި، ރާއްޖެއަށް އެތެރެކުރާ މުދަލާއި ތަކެތި ބަލާ ފާސްކުރުމާއި، ބެލެހެއްޓުމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިހުމާލުވަމުންދާކަމަށެވެ.

ވިޔަފާރި ބަނދަރުތަކަށް ބާލާ މުދަލާއި ތަކެތި ބަލައިފާސްކުރުމާއި، ބަނދަރުގައި ބަހައްޓާފައި ހުންނަ ވަގުތު ބެލެހެއްޓުމުގެ ކަންކަން މިހާ ދޯހަޅިކޮށް އޮންނަކަން ހާމަވުމަކީ، މަސްތުވާތަކެއްޗާއި، ހަތިޔާރާއި ގޮވާ ތަކެއްޗާއި އަދި އެ ނޫންވެސް ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި ފަސޭހަކަމާއިއެކު އެތެރެކުރެވޭނެ މަގު މިހާރު ހުޅުވިފައިވާކަން އެނގިގެންދާ ސަބަބެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މިކަމުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ބޭނުންކުރުން އިހުނަށްވުރެ އިތުރުވެ އަދި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ބޭނުންކޮށްގެން ޓެރެރިސްޓް ހަމަލާއެއް ދިނުންފަދަ ޖަރީމާތަކެއް ހިންގުމުގެ ފުރުސަތު ނުހަނު ބޮޑަށް އެބައޮތްކަމަށާއި، ގައުމުގެ ސަލާމަތާއި ގުޅޭ މިފަދަ އަންނަން އޮތް ބޮޑު ނުރައްކަލެއްގެ ރަނގަބީލެއްކަމަށް ދެކޭކަމަށް ނާޒިލްގެ މައްސަލައިގައިވެއެވެ.

މީގެ އިތުރުން ކުއްލި މައްސަލައިގައި ވަނީ މިއީ އެންމެ މައްސަލައެއްކަމަށްވީ ނަމަވެސް، މިކަމަކީ ގައުމީ ސަލާމަތަށް އަދި އިގްތިސާދަށް ނުރައްކާވާ ގޮތަށް ހިނގަމުންދާ ކަންކަމުގެ ތެރެއިން ކަމެއްކަން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: