ކުރިއަށް އޮތް ޙައްޖު 1447 އަށް ފުރިހަމަ އަށް ތައްޔާރުވުމަށް ސަޢޫދިޢަރަބިއްޔާގެ ކަމާއި ގުޅޭ އެކިއެކި ވުޒާރާތަކާއި މުވައްސަސާތަކުން ތައްޔާރުވަމުން ދާއިރު އެކަމަށް ރާއްޖެއިންވެސް ތައްޔާރުވާން ފަށާފައިވާ ކަމަށް މޯލްޑިވްސް ހައްޖުކޯޕަރޭޝަނުން ބުނެފިއެވެ.
ހައްޖުކޯޕަރޭޝަނުން ބުނެފައިވަނީ އެގޮތުން ދިވެހިރާއްޖެ އިން ޙައްޖަށް މީހުންގެންދިއުމަށް ދިވެހި ސަރުކާރުން މަތިކޮށްފައިވަނީ ހަމައެކަނި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި ކަމުން އެކަމަށް ޓަކައި މި ކުންފުނިން މިވަނީ ކުރިއަށް އޮތް ޙައްޖަކީ އެހެނިހެން އަހަރުތަކުގެ ތަޖްރިބާގެ އަލީގައި ފުރިހަމަ އަދި ކާމިޔާބު ޙައްޖަކަށް ހެދުމަށްޓަކައި މިހާރުން ފެށިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ސަޢުދީ ސަރުކާރުން ނަގަންޖެހޭ ބައެށް ހުއްދަތަތައް ނަގާ އަދި މިނާ އަދި ޢަރަފާތުގެ ރަނގަޅު ޙިސާބަކުން ޙައްޖު ދުވަސް ވަރުގައި ޙައްޖުވެރިން ބެއިތިއްބުމަށް ފޭލިގެ ޖަހަން ބިން ހޯދުމަށްޓަކައި ސަޢުދި ޢަރަބިއްޔާގެ ވުޒާރަތުލް ޙައްޖުގެ ކަމާއި ގުޅޭ އިސް ފަރާތްތަކާއި އެކު ބައްދަލުވުން ތަކެއް ބޭއްވުމަށް ޓަކައި ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރް މުޙައްމަދު ޝަކީލް، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް ޢަލީ ޝަރީފް އަދި ޙައްޖު ޢުމްރާ އޮޕަރޭޝަންސް މެނޭޖަރ އަލްފާޟިލް ޢިރްފާން އަންވަރު ވަނީ މިމަހުގެ ކުރީކޮޅު ސަޢުދީޢަރަބިއްޔާ އަށް ޒިޔާރަތް ކުރައްވާފައި ކަމަށެވެ. އަދި މިދަތުރުގައި ޙައްޖުގެ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދޭ އެކިއެކި ފަރާތްތަކާއި އެކު ބައްދަލުވުން ތައް ބާއްވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އަދި ކުރިއަށް މިއޮތް ޙައްޖަށް ކިޔޫލިސްޓުގައި ހިމެނިވަޑައިގެންފައިވާ ފަރާތްތަކަށް ފާއިތުވި ބުދަ ދުވަހުން ފެށިގެން މިހާރުވަނީ ހޮވުނުކަމުގެ ލިޔުން ޙަވާލު ކުރަންފަށާފައެވެ. އެހެންކަމުން މީގެ 8 ވަރަކަށް މަސް ފަހުން ޙައްޖަށް ވަޑައިގަންނަން ހޮވިވަޑައިގެންފައިވާ ފަރާތްތައް ވެސް މި މުހިއްމު ދަތުރަށް ވާންޖެހޭ ތައްޔާރީތަކެއް ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

