އެސެޓް ޑިކްލަރޭޝަންއާއި ގުޅޭ ގާނޫނެއް ގެނައުން މުހިންމު ކަމަށާއި އެފަދަ ގާނޫނެއް ގެނައުމުގެ ވިސްނުން ހުންނެވި ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވަނީ އެސެޓް ޑިކްލެރޭޝަން އާއި ގުޅޭ ބިލެއްގެ މަސައްކަތް އޭޖީ އޮފީހުން ކުރޭ ތޯ އާއި، އެކަން ކުރާނަމަ މަޖިލީހަށް އެ ބިލު ފޮނުވަން ކިހާ ދުވަހެއް ނަގާނެތޯ ސުވާލު ކުރައްވާފައެވެ.
ބަންޑާރަނައިބު ވިދާޅުވީ އެސެޓް ޑިކްލަރޭޝަންއާއި ގުޅޭ ގާނޫނެއްގެ މަސައްކަތެއް މިހާރު އެކުލަވާލައިފައިވާ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެފަދަ ގާނޫނެއްގެ މުހިންމު ކަން ވިސްނިވަޑައިގަންނަވާ ކަމަށާއި، މަޖިލީހުގެ މެމްބަރުން އެސެޓް ޑިކްލަރޭޝަން އާއި ގުޅޭގޮތުން ވަކި ވަކި ގާނޫނުތަކަށް އިސްލާހު ހުށައަޅަމުންދާތަން ފެނިވަޑައިގަންނަވާ ކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ އެސެޓް ޑިކްލްރޭޝަން އާއި ގުޅޭ ގާނޫނެއްގެ ދަށުން ދައުލަތުގެ މަގާމުތަކުގައި ތިބޭ ހުރިހާ ފަރާތްތަކެއްގެ އެސެޓް ޑިކްލަޔަރ ކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ވާނެ ކަމަށެވެ. އެހެންކަމުން އެފަދަ ގާނޫނެއް ގެނައުމުގެ ވިސްނުން ހުރި ކަމަށް އުޝާމް ވިދާޅުވިއެވެ.
މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ މިނިވަން މުސްތަގިއްލު މަގާމުތަކާއި ކޮމިޝަންތަކުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ބޭފުޅުންގެ މާލީ ބަޔާން ހާމަކުރަން ލާޒިމުކުރާ ގޮތަށް އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ. ޕީއެންސީ މެންބަރުންގެ ވެސް ތާއީދާ އެކު އެ އިސްލާހުތައް ބަލައިގަނެ މާލިއްޔަތު ކޮމިޓީން އަންނަނީ މިހާރު އެކަން ދިރާސާކުރަމުންނެވެ.

