އެއްވެ އުޅުމުގެ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އުޝާމް ވިދާޅުވީ އެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނާފައި އޮތް ކަމަށާއި އެހެންވެ، އެ އިސްލާހު ކުރުމަށް މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެކަމަށެވެ.
އެއްވެ އުޅުމުގެ މިހާރުގެ ގާނޫނު، ގާނޫނުއަސާސީއާ ހިލާފު ކަމަށް އުޝާމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަކީ ބިން ކުޑަ ގައުމަކަށް ވުމުން، މުޒާހަރާތަކުގެ ސަބަބުން އާންމުންނަށް އުނދަގޫވާ ކަމަށް ބުނެ، އެއްވެ އުޅުން އިތުރަށް ހަނިކުރަން ފެނިވަޑައިގަންނަވާތޯވެސް މެންބަރަކު ސުވާލުކޮށްފައިވެއެވެ.
އުޝާމް ވިދާޅުވީ އެއްވެ އުޅުން ހިމެނޭ ގޮތަށް، ގާނޫނުއަސާސީގެ ދެވަނަ ބާބުން ލިބިދޭ ހައްގުތަކަކީ އިމެއް އަދި ހައްދެއްނެތި ލިބިދޭ އުސޫލުތަކެއް ނޫންކަމަށެވެ. އަދި އެ ބާބުން ލިބިދޭ ބާރުތައް ހަނިކުރެވޭނެހެން ގާނޫނުތައް ހެދޭނެކަމަށް ގާނޫނުއަސާސީގައި ބުނަނީ އެއާ ގުޅިގެންކަމަށް ފާހަގަކުރެއްވިއެވެ.
އެއްވެ އުޅުމުގެ ހައްގުތައް ބޭނުން ކުރަންވާނީ އެހެން މީހުންގެ ހައްގުތަކަށް ރިއާޔަތްކޮށް، އިހްތިރާމްކޮށްގެންކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

