މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓޭނާގެ މުދާ ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލް އިން ގެއްލުނު މައްސަލައިގައި އެ ކުންފުނީގެ ފަސް މުވައްޒަފުން ސަސްޕެންޑް ކޮށްފިއެވެ.
މިކަމާއި ގުޅިގެން މައުލޫމާތު ދެމުން އެމްޕީއެލްއިން ބުނީ އެ ކުންފުނީގެ ތަޙުޤީޤުން މިހާތަނަށް ހޯދިފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް، 12 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން މި ކުންފުނީގެ ފަސް މުވައްޒަފުން ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައިކަމަށެވެ. އަދި އިތުރު މުވައްޒަފަކު ވަނީ 15 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ސަސްޕެންޑްކޮށްއިކަމަށެވެ. ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމްޕީއެލްގެ ތަޙުޤީޤު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓަރނަލް އޮޑިޓްއިން މިހާރުވެސް ދަނީ މި މައްސަލައާ ގުޅޭ ތަޙުޤީޤު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންދާކަމަށްވެސް މައުލޫމާތުދީފައިވެއެވެ.
މިއީ ވަރަށް ސީރިއަސް މައްސަލައަކަށްވާތީ، ކުންފުނީގެ ތަޙުޤީޤު ކުރިއަށް ގެންދަނީ ފުލުހުންގެ ތަޙުޤީޤަށް ހުރަސްނޭޅޭ ގޮތަށްކަމަށާއި، މި މައްސަލައިގައި އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ފުލުހުންގެ ތަޙުޤީޤަށް އެ ކުންފުނިން ދަނީ ފުރިހަމަ އެއްބާރުލުން ދެމުންކަމަށްވެސް ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ފުލުހުން ތަހުޤީޤަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ.
އެ ކުންފުނިން ބަލަހައްޓަމުންދާ ޕޯޓްތަކުގެ ސެކިއުރިޓީ ތަންފީޒުކުރަނީ އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައި.އެސް.ޕީ.އެސް) ކޯޑްގައި ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިންކަމަށް ފާހަގަކޮށް އެމްޕީއެލްއިލް އިން ބުނީ މި ޕޯޓަކީ ދާއިމީކޮށް އައި.އެސް.ޕީ.އެސް އޮޑިޓް ހެދި، އެ މިންގަނޑަށް ފެތޭ ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުންދާ ޕޯޓެއްކަމަށެވެ.
މި މައްސަލައާ ގުޅިގެން އެމް.ޕީ.އެލްގެ ސެކިއުރިޓީ އާކިޓެކްޗަރ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ދަޢުލަތުގެ ސަލާމަތީ ބާރުތަކާއި ޤާނޫނު ތަންފީޒުކުރާ މުޢައްސަސާތަކާއި ވުޒާރާތަކާއި ގުޅިގެން މި ކުންފުނިން ފަށާފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން މިފަދަ ކަމެއް ތަކުރާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއެކު މަޝްވަރާތައް މިހާރު ވަނީ ފަށައިފައިކަމަށް ބުންޏެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާ މުދާ، ބަނދަރުގައި ބެހެއްޓުމުގައި މިހާރު ޢަމަލުކުރަމުންދާ ޢުސޫލުތަކާއި، ފިޔަވަޅުތައް ހަރުދަނާކުރުމަށް އެ މުޢައްސަސާއެކު ދަނީ މަސައްކަތްކުރަމުންކަމަށްވެސް ބުނެފައިވެއެވެ. މި ބަދަލުތަކުގެ ތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ނިންމާފައިވަނީ ކަސްޓަމްސްގެ ބޭނުމަށް ހިފަހައްޓާ މުދާ ބެލެހެއްޓުމަށް ބަނދަރުގައި ވަކި ސަރަހައްދެއް ކަނޑަޅައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުން ހިމެނޭކަމަށް މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުުރުން، އެމް.ޕީ.އެލްގެ ސެކިއުރިޓީ ނިޒާމް ހަރުދަނާކުރުމަށްޓަކައި، ކޯސްޓް ގާޑްގެ ޤާބިލު އަދި ތަޖުރިބާކާރު މެރިޓައިމް ކޮމާންޑަރުން ހިމެނޭ ޓީމެއް ކަނޑައަޅައި، މާލޭ ވިޔަފާރި ބަނދަރު އަދި ހުޅުމާލެ ޓަރމިނަލްގެ ސެކިއުރިޓީ އޮޑިޓެއް މިހާރު ވަނީ ފަށައިފައިކަމަށް ބުންޏެވެ. އަދި، މާހައުލަށް އަންނަ ބަދަލުތަކާއި ހާލަތަށް ޕޯޓްގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށްޓަކައި، ސަލާމަތީ ބާރުތަކާއެކު އިސްތިރާޖީ މަސައްކަތްތަކެއް ފެށުމަށް ރޭވިފައިވާކަން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން އެ ކުންފުނިން މަޢުލޫމާތު އާންމު ނުކުރާތީ އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އެމްޕީއެލްއިން ބުނެފައިވަނީ މި މައްސަލައަކީ ފުލުހުންވެސް ތަޙުޤީޤުކުރަމުންދާ މައްސަލައަކަށްވާތީ، މަޢުލޫމާތު އާންމުކުރަމުން މި ދަނީ ފުލުުހުންގެ ލަފަޔާއި މަޝްވަރާގެ މަތިންކަމަށވެެ. އަދި ކުރިއަށް އޮތް ތަނުގައިވެސް، ފުލުހުންގެ ތަޙުޤީޤަށް ހުރަސްނޭޅޭ ގޮތަށް މިކަމާއި ގުޅޭ މަޢުލޫމާތު މީޑިއާއާ ހިއްސާކުރާނެ ވާހަކަ ދަންނަވަމެވެ.
މިކަމުގައި ޝާމިލްވާ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް އެ ކުންފުނިން ފަސްނުޖެހޭނެކަމަށްވެސް އެމްޕީއެލްއިން ފާހަގަކުރިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކޮށް، ބަނދަރުގެ ސެކިއުރިޓީ އާއި ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރާނެ ކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ. އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ އެ ކުންފުންޏާމެދު ވިޔަފާރިތަކާއި އާންމު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ދެމެހެއްޓުންކަމަށެސް ބުނެފައިވެއެވެ.

