ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލާގައި ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ މުއާޒް އަލީ އެ މަގާމުން މިއަދު ސަސްޕެންޑުކޮށްފި އެވެ.
ވަގަށް އެތެރެ ކުރުމަށް މަސައްކަތް ކުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓުގެ މައްސަލައަކީ މީޑިއާތަކާއި ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައި އޮތް މައްސަލައެކެވެ.
ޑިއުޓީއާއި އެކު 122 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާ އެ ސިނގިރޭޓު ކޮންޓެއިނާތައް ވަގަށް ބަޔަކު ނަގާފައިވާކަން އެނގި އޭގެ ތަހުގީގު ފެށީ މި ހަފްތާގެ ތެރޭގައެވެ. 40 ފޫޓުގެ މި ދެ ކޮންޓެއިނާރ ގެއްލުނު މައްސަލައިގައި ފުލުހުން ދެން ހައްޔަރު ކުރީ މަޝްހޫރު ދެ ވިޔަފާރިވެރިންކަމަށްވާ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ. އަދި ކަސްޓަމްސްގެ އިސް މުވައްޒަފެއްކަމަށްވާ ޒިވާރު އިސްމާއިލް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
މައްސަލައިގައި އެމްޕީއެލްއިން ވަނީ ވަނީ މުވައްޒަފުންތަކެއް ސަސްޕެންޑުކޮށްފަ އެވެ.
މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހާފައިވާއިރު، ކޯޓުން މުއާޒްގެ ބަންދަށް ދީފައި ވަނީ ފަސް ދުވަހެވެ.
މި މައްސަލައިގައި މިފްކޯގެ ސީނިއަރ މެނޭޖަރ – ޕަބްލިކް ރިލޭޝަންސް ޝިފްޒާ މުޞްޠަފާ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މުއާޒް ސަސްޕެންޑުކޮށްފައި ވަނީ މިއަދުން ފެށިގެން 30 ދުވަހުގެ މުއްތަކަށް ކަމަށެވެ. އަދި މިކަން ކުންފުނީގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ފަރުޙަތު ޝަހީރު ސޮއިކުރައްވައި ނެރުއްވި މެމޯއެއްގައި ހުރިހާ މުވައްޒަފުންނަށް އަންގާފައިވާކަމަށް ވެސް ވިދާޅުވި އެވެ.
މުއާޒްއާއި ގުޅޭ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކުން ތަހުގީގު ކުރަމުން ގެންދާއިރު، މިކަން މިފްކޯއިން އިދާރީ ގޮތުން ވެސް ބަލަމުންދާކަމަށް މެސެޖުގައި ވެއެވެ. އަދި އެ ސަބަބާއި ހުރެ ކުންފުނީގެ މުވައްޒަފުންނާއި ބެހޭ ގަވައިދުގެ ދަށުން އޭނާ ސަސްޕެންޑު ކުރުމަށް ނިންމީކަން ފާހަގަކުރި އެވެ.
މުއާޒް މަގާމުން ސަސްޕެންޑުކޮށްފައި ވާތީ، އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހަވާލުކޮށްފައި ވަނީ ކުންފުނީގެ އިންޖިނިއަރިންގ ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް، މެނޭޖަރ މުޙައްމަދު ޝަމީމްއަށެވެ.
މިފްކޯއިން ބުނިގޮތުގައި، ސިނިގިރޭޓު ވަގަށް ނެގުމުގެ މައްސަލައާއި، އެ ކުންފުންޏާއި ސީދާ ގުޅުމެއް ނެތް ނަމަވެސް، ހާއްސަކޮށް ކުންފުނީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާ ގުޅުންހުރި މައްސަލަތަކަކީ މެނޭޖްމަންޓުން ވަރަށް ސީރިއަސްކޮށް ނަގާ މައްސަލަތަކެކެވެ. އެގޮތުން ކުންފުނީގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށްޓަކައި، އާ ރޫޙެއްގައި ކުރަމުންދާ މަސައްކަތްތަކާއެކު މިފަދަ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން ދޭކަމަށް ވަނީ ބުނެފަ އެވެ. އަދި ރާއްޖޭގެ ގާނޫނުތަކާއި، ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކާއި، ކުންފުނީގެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައި ވެސް އަޅަމުންދާނެކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

