ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރު ހުރިހާ ސްކޫލެއްގައި ވެސް އިންކްލޫސިވް ކްލާސްރޫމް ގާއިމުކުރުމުގެ މަޝްރޫއެއް ހިންގަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ތައުލީމީ ދާއިރާގައި ”އިންކްލޫސިވިޓީ“ ނުވަތަ ޝާމިލުވުން ކަށަވަރުކުރުމަށްޓަކައި، ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ގައުމީ ފެންވަރެއްގައި ފުޅާ ދާއިރާއެއްގައި މަޝްރޫޢުތަކެއް ފަށަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިރޭ ފުނަދޫގައި އޮތް ޖަލްސާގައި ރައީސް ވިދާޅުވީ ތަރުތީބުން ކަންތައްތައް ހަމަޖެހިގެން ދިއުމަކީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެމަނިކުފާނު އެންމެ ބޭނުންވާ ގޮތް ކަމަށެވެ. މީގެ ތެރޭގައި އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއި، ޒުވާނުންނަށް ބޭނުންވާ ކުޅިވަރާއި އެހެނިހެން ދާއިރާތައް ހިމެނޭނެކަމަށް ރައީސް ވިދާޅުވި އެވެ. މިއާއި އެކުވެސް އެންމެ މުހިންމުކަމަކީ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ އެއް ހިދުމަތްކަމުގައިވާ ސިއްހީ ކަންކަން ފުރިހަމަވެފައި އޮތުންކަން ރައީސް ފާހަގަކުރެއްވި އެވެ.

މިއާއި އެކު ތައުލީމީ ގޮތުން ފުރުސަތުތައް ފަހިވެފައި އޮތުމާއި، ތައުލީމީ ދާއިރާ ދުވަހުން ދުވަހަށް ކުރިއަރައިގެން ދިއުމަށް ރައްޔިތުން ބޭނުންވާކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ރައީސް ފާހަގަކުރެއްވީ ތައުލީމީ ދާއިރާއިން ބަލާއިރު، އިންކްލޫސިވިޓީއެއް ނެތުމެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް، ބޭނުންވާ ސަމާލުކަން ދެވޭ ނިޒާމެއް ރާއްޖޭގެ ތައުލީމީ ދާއިރާގައި ފުރިހަމައަށް ގާއިމުކުރެވިފައި ނެތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މި ދާއިރާގެ ތެެރެއިން މަސައްކަތްތައް ކުރެވިފައި އެބަހުރިކަމަށާއި، އެހެން ނަމަވެސް އެދެވޭ ބަދަލެއް ގެނެވިފައި ނެތް ކަމަށެވެ.

ތަޢުލީމީ ދާއިރާއިން ބަލާކަމުގައި ވާނަމަ އިންކްލޫސިވިޓީއެއް ނެތް… ހާއްސަ އެހީޔަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ގޮތަށް އެ ކުދިންނަށް ބޭނުންވާ ސަމާލުކަން ދެވޭ ނިޒާމެއް ރާއްޖޭގައި ތަޢުލީމީ ދާއިރާގައި ފުރިހަމަ ކުރެވިފައެއް ނެތް… ކޮންމެވެސް ވަރަކަށް ނެތް ވާހަކައެއް ނޫން… މި އަންނަ އަހަރު ބަޖެޓުގެ ތެރޭގައި އަޅުގަނޑުމެން ވަރަށް އިސްކަމެއް އެބަ ދެން މިހެން ތިބި ހުރިހާ ކުދިންނަށް ބޭނުންވާނެ ތަޢުލީމު ދެވޭނެ ނިޒާމު ރާއްޖޭގައި ކޮންމެ ރަށެއްގައި ވެސް އެފަދަ ކުދިން ތިބި ކަމަށް ވަންޏާ އެކަން ހަމަޖައްސައިދޭން… އެ ނިޒާމު ގާއިމުކޮށްދޭން ބަޖެޓުގެ ތެރޭގައި އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި ކޮންމެ ރަށެއްގަ ވެސް ނިސްބަތުން މި ދެންނެވި ގޮތަށް ހާއްސަ އެހީ ބޭނުންވާނެ ހުރިހާ ގޮތަކުން ކޮންމެ ގޮތަކަށް ބެލި ނަމަވެސް….. ކުދިންނަށް ތައުލީމު ފުރިހަމައަށް ދެވޭނެ ގޮތް އެ އިންކްލޫސިވިޓީ ގެނެވޭނެ ގޮތަށް ކްލާސްރޫމް ގާއިމުކޮށްދިނުމާއި އެކަމަށް ބޭނުންވާ ޓީޗަރުން ތަމްރީނުކޮށްދިނުމާއި، މި ކަންކަން ކުރުމަށް ހާއްސަ އިސް ކަމެއް ދީގެން ބަޖެޓުގައި އެބަ ހިމަނަން. އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތް…

މި ކަމަށް ހައްލެއް ގެނައުމުގެ ގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި އެ ކުދިންނަށް ބޭނުންވާ ތައުލީމު ދެވޭނެ ނިޒާމު ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ގާއިމުކުރުމަށް ވަރަށް އިސްކަމެއް ދީފައިވާނެކަމަށް ރައީސް އިއުލާނު ކުރެއްވި އެވެ. މި މަޝްރޫއުގެ ދަށުން، ކޮންމެ ރަށެއްގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފުރިހަމައަށް ތައުލީމު ދެވޭނެ އިންކްލޫސިވް ކްލާސްރޫމްތައް ގާއިމުކުރުމާއި، ޓީޗަރުން ތަމްރީނުކުރުން ހިމެނޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކޮންމެ ރައްޔިތަކީ ވެސް އެމަނިކުފާނަށް މުހިންމު ހަމަހަމަ ރައްޔިތެއް ކަމަށެވެ. އެހެންކަމުން، ރައްޔިތެއްގެ ކިބައިގައި ހުންނަ ސިފައެއް، އުނިކަމެއް ނުވަތަ އެއްވެސް ކަމެއް އެއީ ހިދުމަތް ދިނުމުގައި ތަފާތު ކުރުމުގެ ސަބަބަކަށް ވެގެން ނުވާނެކަމަށާއި، ވެރިންގެ ކިބައިގައި އަދުލުވެރިކަމާއި އިންސާފާއި އެކު ހިދުމަތް ދިނުމުގެ ސިފަ ހުންނަން ޖެހޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ 2026 ވަނަ އަހަރުގެ ބަޖެޓުގައި، މިހާތަނަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދެވޭ މިންވަރަށް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް އިންކްލޫސިވް ކްލާސްރޫމް ގާއިމުކުރުމަށް މަޝްރޫއެއް ހިމަނާފައިވާކަމަށެވެ. އަދި ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ގާތްގަނޑަކަށް 80 ޓީޗަރުން ތަމްރީނު ކުރެވިފައިވާކަމަށް ވިދާޅުވި އެވެ. އަދި އަންނަ އަހަރު އިތުރު ޓީޗަރުން ތަމްރީނު ކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: