ދުންފަތާއި ވޭޕްގެ ބާވަތްތައް މަނާކުރުމުގެ މައިގަނޑު މަޤްޞަދަކީ ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކާބޯތަކެތީގެ ދުވަހާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ދުންފަތާއި ވޭޕްގެ ބާވަތްތަކާ ރައްޔިތުން ދުރުހެލިކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަކީ ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ.
މީގެއިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮ އަގުގައި އަބަދުމެ ބާޒާރުން ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން ދަނީ އަމަލީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި ބަލިތަކާ ދުރުހެލި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގައި، އަދި ދަރީންނަކީ ޞިއްޙަތު ރަނގަޅު ކުދިންތަކަކަށް ހެދުމުގައި އެންމެ އިސްކަންދޭންޖެހޭ އެއްކަމަކީ ކެއިންބުއިމުގައި ޞިއްޙީ އާދަތައް ހިފެހެއްޓުން ކަމުގައި ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޤައުމީ ފެންވަރުގައި މިކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ސަރުކާރުން ކުރިއަށް ގެންދާނެއެވެ. އަދި ދިވެހީންގެ ކެއިންބުއިމުގައި މާތްﷲ ބަރަކާތްލައްވައި، ބަލިތަކާ ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ލެހެއްޓެވުމަށް ދުޢާ ދަންނަވާފައިވެއެވެ.
ސަރުކާރުގެ މި މަސައްކަތަކީ ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކޮށް، ދުޅަހެޔޮ ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

