ކައިރި ކައިރީގައި އެއާޕޯޓުތައް އަޅަމުން ގެންދާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ މިހާރުވެސް އުތުރުގައި 4 އެއާޕޯޓު އެބަ އޮތްކަމަށެވެ. އެހެންކަމަށްވާއިރު، އިތުރު ހަތަރު އެއާޕޯޓް 19-36 މިނެޓާ ދޭތެރޭގައި ސްޕީޑް ބޯޓެއްގައި ދެވޭހާ ކައިރީގައި އެޅުމަކީ ކަންބޮޑުވުމެއްކަމަށެވެ. ނަތީޖާއަކީ ހުރިހާ އެއާޕޯޓެއްގެވެސް އިގުތިސާދީ ނުވަތަ މާލީ ދެކޮޅު ޖެހުމެއް ނެތުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ސްޕީޑް ބޯޓެއްގައި ދެވޭހާ ހިސާބުގައި އެއާޕޯޓަކަށްފަހު އެއާޕޯޓެއް އަޅަމުން ދިއުމުން ފެންނަނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެއްގައި އަމާޒާއި ޕްލޭން ނެތްކަމާޢި ޒިންމާދާރުކަން ކުޑަކަންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީއިރު، ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ގިނަ އެއާޕޯޓުތަކެއް އަޅާ ނިންމުމުގެ ވައުދުތައް އަނެއްކާވެސް ތަކުރާރުކުރައްވާ، ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވާފަ އެވެ.
ރާއްޖޭގެ އުތުރުގައި މިހާރު ހިންގަމުން އަންނަ ހަތަރު އެއާޕޯޓަކީ ހއ. ހޯރަފުށީ އެއާޕޯޓާއި ހދ. ކުޅުދުއްފުށި އެއާޕޯޓާއި ހދ. ހަނިމާދޫ އެއާޕޯޓާއި ށ. ފުނަދޫ އެއާޕޯޓެވެ. ރައީސް މުއިއްޒު ވަނީ އުތުރުގައި އިތުރު ހަތަރު އެއާޕޯޓެއް ތަރައްގީ ކުރުމަށް ނިންމަވައިފައެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫގައި އަޅާ އެއާޕޯޓާއި ށ. ބިލެތްފަހި، ށ. މިލަންދޫ، ށ. ކޮމަންޑޫގައި އެއާޕޯޓެއް އެޅުމެވެ. ރައީސް ޑރ. މުއިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ބިލެތްފަހި، މިލަންދޫ އަދި ކޮމަންޑޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފައެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން ކުރަމުން ދަނީ ރައްޔިތުންނަށް ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުމުގެ މަސައްކަތެވެ. އަދި ރިޔާސީ އިންތިހާބުގައި އިއުލާނު ކުރި މެނިފެސްޓޯގައި ހިމެނިފައިވާ ގޮތުގެ މަތީން އެ ސިޔާސަތު ތަންފީޒު ކުރުމުގެ މަސައްކަތް ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ކަނޑައެޅޭ ވަކި ރަށްތަކެއްގައި އާބަން ސެންޓަރުތަކެއް ކަނޑައަޅައި އެ ފެންވަރަށް ތަރައްގީ ކުރުން ހިމެނޭކަމަށް ރައީސް ވިދާޅުވި އެވެ. މިއީ އެގޮތުގެ މަތީން މަޝްރޫއު އިއުލާނު ކުރެވޭ އެއް ރަށްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ވީ ވައުދުތައް ހަގީގަތަކަށް ހެދުމަށް ކަމަށެވެ. އަދި އެއާޕޯޓު އެޅުމަކީ އޭގެ ތެރެއިން އެއް އުންމީދުކަމަށާއި އެއާއި އެކު އިތުރު އެހެނިހެން އެތައް މައްސަލައެއް ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ނިލަންދޫގައި ކުރިޔަށް ދާނެކަމަށް ރައީސް ވިދާޅުވިއެވެ.

