ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީ އެކުލެވިގެން އޮންނަން ޖެހޭ ގޮތުގެ މައްޗަށް އަދިވެސް އެއްބަސްނުވެވޭ: އުޝާމް

ބަންޑާރަ ނައިބު އަހުމަދު އުޝާމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ގާނޫނުއަސާސީއަށް ގެންނަން ޖެހޭ މުހިންމު އިސްލާހުތައް ހިމެނޭ ގޮތަށް، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުން ހިމަނައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ހާމަކުރީ މިދިޔަ އަހަރު އެވެ. އޭގެ ތެރޭގައި ހިމެނެނީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ދައިރާތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދުގައި ކެޕެއް އެޅުވުން ނުވަތަ ހިފެހެއްޓުމެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތުގެ ކޮމްޕޮޒިޝަން ބަދަލު ކުރުން ވެސް ހިމެނެ އެވެ. މިއާއި އެކު އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެސް، އިންތިހާބުތައް އެއް ތާރީހެއްގައި ބޭއްވުމަށް ވެސް އިސްލާހު ގެނައުން ހިމެނެ އެވެ.

މީގެތެރެއިން ދެ އިންތިހާބު އެއްކޮށްލުމާއި ބެހޭ ބިލު މި ދައުރަށް ހުށަހަޅާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އަދި އިތުރު އެހެން ބިލުތައް ހުށަހަޅާނެކަމަށް ވެސް އިއުލާނު ކުރި އެވެ.

ޖޭއެސްސީގެ މައްސަލައިގައި ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކުރެއްވީ، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދެވެ.

ޒިޔާދު ސުވާލު ކުރެއްވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރާނެކަމަށް އުޝާމް ވިދާޅުވެފައި ވާތީ، އެކަން ގޮސްފައިވާ ހިސާބެއް ސާފުކޮށްދެއްވުމަށެވެ. އަދި މަސައްކަތް ކުރިޔަށް ދާނަމަ، ބިލު މަޖިލީހަށް ހުށަހެޅޭނެ ތަރީހެއް ދެއްވުމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

ޖަވާބުގައި އުޝާމް ވިދާޅުވީ، އެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ޖޭއެސްސީގެ ކޮމްޕޮޒިޝަނާ ގުޅޭ އިސްލާހުގެ އިތުރުން އެހެން ވެސް ގިނަ އިސްލާހުތަކެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާކަމަށް އުޝާމް ވިދާޅުވި އެވެ.

ހަގީގަތުގައި މީގައި ދިމާވެގެން އުޅޭ އިޝޫއަކީ.. މީގެ އެންމެ ރަނގަޅު ކޮމްޕޮޒިޝަނަކީ ކޮބައިކަން އަދިވެސް އަޅުގަނޑުމެންނަށް ހަމަ ހުރިހާ ފަރާތްތަކަކަށް އަދި އެއްބަސްވެވޭ ގޮތަކަށް ނޫން.. އެއްބަސް ނުވެވިގެން މި އުޅެނީ… މީގައި އަޅުގަނޑު ގަބޫލުކުރަނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައި އޮތް ޖުޑީޝިއަރީ އެކޭ އޮންނަންވާނީ… އެހެންވީމާ، ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުވެގެން އެކަން ކުރެވޭނީ… އެހެންވީމަ، އެ މަސައްކަތް ހަމަ އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން… ދެން ސީދާ މިވެނި ދުވަހެއްގައި އަޅުގަނޑުމެންނަށް ހުށަހެޅޭނޭ އެހެން ދަންނަވަން އަދި ދަތި…

އުޝާމް ވިދާޅުވީ، ޖޭއެސްސީގެ ކޮމްޕޮޒިޝަން ނުވަތަ އެކުލެވިގެންވާ ގޮތް ބަދަލުކުރެވޭނީ ޤާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކަމަށެވެ. އުޝާމް ވިދާޅުވީ، މި އަހަރުގެ މި ދައުރުގެ ތެރޭގައި ބައެއް އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާކަމަށާއި، އަނެއް ބައި އިސްލާހުތައް އަންނަ އަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅޭތޯ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ޖޭއެސްސީގެ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ އިސްލާހު ވީހާ ވެސް އަވަހަކަށް ހުށަހެޅުމަށް މަސައްކަތްތައް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

މި އިސްލާހުގެ ޑްރާފްޓް އެކުލަވައިލުމަށްޓަކައި ދައުލަތުގެ ކަމާ ގުޅުންހުރި އެކިއެކި ފަރާތްތަކާ މިހާރު ވެސް މަޝްވަރާކުރަމުންދާކަމަށް އުޝާމް ވިދާޅުވިއެވެ. ނަމަވެސް، މިކަމުގައި ހުރިހާ ފަރާތްތަކަކަށް އެއްބަސްވެވޭނެ އެންމެ ރަނގަޅު ކޮމްޕޮޒިޝަނަކީ ކޮބައިކަން އަދިވެސް ކަނޑައެޅިފައި ނުވާކަމަށް އުޝާމް ވިދާޅުވި އެވެ.

މީގެއިތުރުން އުޝާމް ވިދާޅުވީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ޖުޑީޝަރީއެއް އޮންނަންޖެހޭ ކަމަށެވެ. އަދި މިކަން ހާސިލު ކުރެވޭނީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކޮށްގެންކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް، ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމުގެ އިސްލާހު މަޖިލީހަށް ހުށަހެޅޭނެ ވަކި ތާރީހެއް މި ވަގުތު ދެންނެވުން ދަތިކަމަށް ވިދާޅުވިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، 2028 ގެ ނިޔަލަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ގަސްތު ކުރާ ބިލުތައް އެކުލެވޭ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތަފްސީލު ވަނީ ހިއްސާކޮށްފަ އެވެ.

މައިގަނޑު 15 ދާއިރާއެއްގެ މައްޗަށް އެކުލެވޭ ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި 213 ބިލެއް އެކުލެވެއެވެ. އެގޮތުން، މި ލެޖިސްލެޓިވް އެޖެންޑާގައި، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޛުކުރުމަށް ތަޢާރަފުކުރަންޖެހޭ ބިލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ހުށަހަޅާ ބިލުތައް ހިމެނެއެވެ.

އޭގެ އިތުރުން، އަލަށް އެކުލަވާލަން ޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތަކާއި، މިހާރު އަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން، ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި އިސްލާހު ގެންނަން ޖެހޭ ގާނޫނުތަކުގެ ބިލުތައް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: