އެމްޑީޕީގެ މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބައެއް މީހުން ދޫނުކުރާކަމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒައިނާ އާދަމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަހުގެ ކެމްޕެއިނަކަށް ފަހު އެމްޑީޕީގެ ”ލޫޓުވާލައިފި“ އެއްވުން ކުރިޔަށް ގެންދިޔައީ އޮކްޓޯބަރ 3 ގައެވެ. އާޓިފިޝަލް ބީޗުން ފަށައިގެން، އަމީނީ މަގުން ކުރިޔަށް ގެންދަން ނިންމި އެ އެއްވުމާއި ގުޅޭގޮތުން ފުލުހުންނާއި އެކުވީ އެއްބަސްވުމާއި ހިލާފަށް އެމްޑީޕީ މަސައްކަތް ކުރީ މަޖީދީ މަގުން ކުރިޔަށް ދިއުމަށެވެ. އެހެން ނަމަވެސް ފުލުހުން ވަނީ ޝީލްޑުތަކާއި، ބެރިކޭޑުތައް ބޭނުންކޮށްގެން ކުރިޔަށް ނުދެވޭނެހެން މަގު ބަންދުކޮށްލާފަ އެވެ.
ފުލުހުން ބުނީ ހިނގާލުން އަމީނީ މަގުން ކުރިޔަށް ގެންދިއުމަށް ޖާގަ ދޭނެކަމަށެވެ. މި އެއްވުން ހޫނުވެ، ޕެޕާރ ސްޕްރޭ ވެސް ބޭނުންކޮށްފައި ވެއެވެ.
މި އެއްވުމަށް ފަހު، އަނެއްކާވެސް އިތުރު އެއްވުމެއް ނޮވެމްބަރު 17 ގައި ކުރިޔަށް ގެންދަން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި އެމްޑީޕީން ދަނީ ތަކުރާރުކޮށް، ކުރީ މުޒާހަރާގައި ހައްޔަރު ކުރި މީހުން ދޫކޮށްލުމަށް ގޮވާލަމުންނެވެ.
މައްސަލައިގައި ކުރެއްވި ޕޯސްޓެއްގައި ރޮޒައިނާ ވިދާޅުވީ، މުޒާހަރާއިން ހައްޔަރުކުރި މީހުން އަދިވެސް ތިބީ ޖަލުގައިކަމަށެވެ. ނަމަވެސް 10 މިލިއަން ޑޮލަރުގެ ސިނގިރޭޓު ކޮންޓެއިނަރެއް ވަގަށް ނެގި މީހުންގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު ދޫކޮށްލީކަމަށް ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ، ފުލުހުންނާއި ފަނޑިޔާރުންނަށް އެ ދެކަމުގެ ތެރެއިން ބޮޑު ކުށެއްގެ ގޮތުގައި ދެކެނީ ކޮން ކުށެއްކަންވެސް ފެނިގެންދާކަމަށެވެ.
10 މިލިއަން ޑޮލަރު ވަގަށް ނެގިޔަސް މުޒާހަރާ ނުކުރާނަމަ ހައްޔަރުނުކުރާނެކަމުގެ މެސެޖު ލިބިގެންދާކަމަށެވެ. އެހެންކަމުން ރައްޔިތުން އެ މެސެޖަށް ޖަވާބުދޭ ދުވަސްވެސް އަންނާނެކަން ހަނދާނުގައި ބެހެއްޓުން މުހިންމުކަމަށެވެ.
ރޮޒައިނާ ވިދާޅުވީ މުޖުތަމައަށް ނުރައްކައުތެރީ ކޮން ބައެއްކަން އަދި ހެކި ނައްތާލަން މަސައްކަތްކުރާނެ ބަޔަކީ ކޮބައިކަން ރައްޔިތުންނަށް ސާފުވާކަމަށެވެ. އަދި މުއައްސަސާތަކުން އަމަލުކުރަމުންދަނީވެސް އިންސާފުން ބޭރުންކަންވެސް ރައްޔިތުންނަށް އެނގޭކަމަށެވެ. އޭނާ ވިދާޅުވީ، ކުރީގެ މެމްބަރު ޔައުގޫބް ފަދަ ބޭފުޅުންނަކީ 15 ދުވަހަށް ޖަލަށް ލާންޖެހޭ ބައެއް ނޫންކަމަށެވެ.
އޭނާ ވިދާޅުވީ، އެމީހުންގެ މައްޗަށް ދައުވާކުރާނަމަ ކުރަންވީކަމަށެވެ. ނަމަވެސް މިހާރު ތިބިގޮތަށް ބަހައްޓަން ގާނޫނު ލާޒިމުކުރާ ޝަރުތުތައް ހަމަނުވާނެކަން އެންމެނަށްވެސް އެނގޭކަމަށެވެ.

