ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް، މިދިޔަ އޭޕްރިލް މަހު ހިފެހެއްޓި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އެމްޕީއެލް ބަނދަރުން ގެއްލުނު މައްސަލައިގައި ސަރުކާރުގެ ކަމާއި ބެހޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރު ކުރުމަށް ނިންމުމަށް ފަހު، ބައްދަލުވުން ފަސްކޮށްފި އެވެ.
މި ބައްދަލުވުން ތާވަލުކޮށްފައި އޮތީ އާދީއްތަ ދުވަހުގެ މެންދުރު 14:00 އަށެވެ. އެހެން ނަމަވެސް މަޖިލީހުގެ އިދާރާއިން ވަނީ، މި ބައްދަލުވުން އެހެން ދުވަހަކަށް ފަސްކޮށްފައިވާކަން މީޑިއާތަކަށް އަންގާފަ އެވެ.
ސަބަބެއްކަމަށް ބުނެފައި ވަނީ މިއީ ތަހުގީގު ކުރިޔަށްދާ މައްސަލައެއްކަމަށް ވާތީ، ބައްދަލުވުމުގެ ސަބަބުން ތަހުގީގަށް އޭގެ އަސަރުކޮށްފާނެތީ އެވެ. ބައްދަލުން ބާއްވާނެ ސީދާ ތަރީހެއް ހާމަނުކުރި ނަމަވެސް މެސެޖުގައި ވަނީ، ބައްދަލުވުން ފަސްކުރީ އެއް ހަފްތާއަށް ކަމަށެވެ.
ކޮމިޓީއަށް ހާޒިރު ކުރުމަށް ހަމަޖެހިފައި ވަނީ ހޯމް މިނިސްޓްރީއާއި، ފުލުހުންގެ އިތުރުން ކަސްޓަމްސްއާއި އެމްޕީއެލްގެ އިސް ބޭފުޅުންނެވެ.
40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓުން ދައުލަތަށް 122 މިލިއަންގެ ޑިއުޓީއެއް ލިބެން ޖެހޭނެ އެވެ. އަދި މީޑިއާތަކުގެ ސަމާލުކަމަށް ވެސް އައިސްފައި އޮތް އެ މައްސަލަ އަނެއްކާވެސް ހޫނުވީ، އެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓު ވީނުވީއެއް ނޭނގި ގެއްލުމުންނެވެ.
މި މައްސަލައިގައި ފުލުހުން ވަނީ މަޝްހޫރު ދެ ވިޔަފަރިވެރިއަކު ހިމެނޭ ގޮތަށް، ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ މި އަމަލު ރާވައި ފަންޑު ކުރިކަމުގެ ތުހުމަތު ކުރެވޭ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ. މި ދެ މީހުން ވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ.
މައްސަލައިގައި ދެން ހައްޔަރު ކުރީ ކަސްޓަމްސްގެ އިސް މުވައްޒަފެއްކަމަށްވާ ޒިވާރު އިސްމާއިލް އެވެ. އަދި އެމްޕީއެލްގެ އިސް މަގާމެއްގައި ހުރި މުއާޒު އަލީ އެވެ.
މީގެއިތުރުން މައްސަލައިގައި 12 މީހެއްގެ ފުރުން ފުލުހުން ވަނީ މަނާކޮށްފަ އެވެ.
މައްސަލައިގައި ތަފާތު އެކި ވާހަކަތައް ދެކެވޭއިރު، ކަސްޓްމްސްއާއި އެމްޕީއެލްގެ މުވައްޒަފުންތަކެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި ބޮޑު ދެ ކޮންޓެއިނާއެއް ހުސް ކުރިއިރު ވެސް މުވައްސަސާތަކަށް އެކަން ނޭނގި އޮތުމުން، އެކަމާ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކަމާއި ގުޅުން ހުރި ފަރާތްތަކާއި ބައްދަލު ކުރުމަށް ނިންމީ އެވެ.

