ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ވޯޓުގައި ސަރުކާރު ބޭނުންވާ ވަކި ނަތީޖާއެއް ނެތް؛ ވަކި ކައުންސިލްތައް އުފެދުމުން ބްލޮކް ގްރާންޓު ލިބޭނެ!

އައްޑޫ ބަދަލަކަށް، ޕީޕީއެމް/ޕީއެންސީން ބޭއްވި މަޖިލިސް ކެމްޕެއިން ޖަލްސާ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ފޭދޫ، ހުޅުދޫ އަދި މީދޫގައި އަންނަ ހޮނިހިރު ދުވަހު ނަގާ އާންމުންގެ ހިޔާލު ވޯޓަކީ ސަރުކާރުން ވަކި ނިންމުމެއް ނުވަތަ ވަކި ނަތީޖާއެއް ބޭނުންވާ ވޯޓެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފޮނަދޫގައި އޮތް ޖަލްސާގައި އައްޑޫ ވޯޓާއި ގުޅޭގޮތުން ރައީސް ވާހަކަ ދެއްކެވީ ބައެއް ފަރާތްތަކުން މިކަމާއި ގުޅޭ ދޮގު މައުލޫމާތުތައް އޮޅުވާލަން މަސައްކަތް ކުރާކަމަށް ފާހަގަކުރައްވަމުންނެވެ.

އެގޮތުން  އަވަސް އަރުވާލައި ރިފަރަންޑަމްއެއް ނެގުމުގެ ބަދަލުގައި، އައްޑޫގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ގާނޫނަށް ބަދަލު ގެނެސްގެން ހައްލު ހޯދައި ދެވެން ސަރުކާރަށް އޮތްކަމަށް އެމްޑީޕީން ބުނެއެވެ. އަދި އެ ޕާޓީން ތުހުމަތު ކުރަނީ، މިއީ ސަރުކާރުން ވަކި މަގްސަދެއްގައި ނަގާ ވޯޓެއް ކަމަށެވެ.

ތުހުމަތުތައް ދޮގުކޮށް، ރައީސް ވިދާޅުވީ މި ވޯޓަކީ ތިން ރަށުގެ ވެސް ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ކަންކަން ނިންމުމަށް ދެވޭ ފުރުސަތެއްކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެމަނިކުފާނަށް މި ރަށްތަކުން ކަންބޮޑުވުން ހުށަހެޅިކަން ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ މައްސަލައަށް ހައްލެއް ގެނައުމަކީ، ވެވަޑައިގެންފައިވާ ވައުދެއްކަމަށެވެ.

ސިޓީ ކައުންސިލްގައި ދެމި އޮންނާނީތޯ ނުވަތަ، ވަކި ކައުންސިލްތަކެއް އުފައްދައި ކުރިޔަށް ދާނީތޯ ވޯޓަކަށް ދިއުމަށް ނިންނެވި ސަބަބަކީ މިއީކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، މިކަން ކުރެވޭނީ ރައްޔިތުންގެ ގާތުގައި އަހައި، ގާނޫނީ ނިޒާމުގެ ތެރެއިން ދާއިމީ ހައްލެއް ހޯދައިދެވިގެން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން މި ވޯޓުގައި ވަކި ގޮތެއް ބޭނުމެއް ނުވެއެވެ. އަދި ވިދާޅުވީ ރައްޔިތުން ނިންމަވާ ކޮންމެ ގޮތަކަށް ސަރުކާރުން ތާއީދުކުރައްވާނެ ކަމަށާއި، މިހާރު އޮތް ކޮމްޕޮޒިޝަންގައި ތިބުމަށް ނިންމެވިޔަސް، ނުވަތަ ފޭދޫ، ހުޅުދޫ އަދި މީދޫއަށް ވަކި ކައުންސިލްތަކެއް އުފެއްދުމަށް ނިންމެވިޔަސް، ސަރުކާރުގެ ހައިސިއްޔަތުން ދޭން ޖެހޭ އެއްބާރުލުން ދޭނެކަމަށެވެ.

މީގެއިތުރުން ވަކި ކައުންސިލްތަކެއް އުފެދިއްޖެނަމަ ލިބޭނެ ފައިދާތައް ވެސް ރައީސް ހާމަކުރެއްވިއެވެ. އެގޮތުން، މިހާރު މުޅި ސިޓީއަށް އެއް ބަޖެޓެއް އޮންނަ އިރު، ވަކި ކައުންސިލްތަކެއް އުފެދިއްޖެ ނަމަ އެ ކައުންސިލްތަކަށް ވަކި ބަޖެޓެއް ލިބޭނެއެވެ.

މިހާރު އޮންނަނީ މުޅި ސިޓީއަށް އެއް ބަޖެޓު މިހާރަކު ވަކިންނެއް ފޭދޫއަކަށް ވަކި ބަޖެޓެއް ނޯވެ ހުޅުދޫއަކަށް.. މީދޫއަކަށް ވަކި ބަޖެޓެއް ނޯވޭ.. އެހެންނަމަވެސް މިގޮތަށް ހަމަޖެހިގެން ރައްޔިތުން އެގޮތަށް ނިންމަވައިފި ހާލަތެއްގައި.. މިހާރު ބްލޮކްރާންޓް އަޅުގަނޑުމެން ކަލްކްލޭޓް ކުރަން ނިންމާފައި އޮތް އުސޫލަށް ބަލާއިރުގައި ފޭދޫއަށް ލިބޭނެ ބްލޮކްގްރާންޓްގެ އުފައްދާ ވަކި ކައުންސިލެއް އުފައްދައިފިއްޔާ ފޭދޫ ކައުންސިލަށް ލިބޭނެ އަހަރަކު 25 މިލިއަނެއްހާ ރުފިޔާ ބްލޮކްކްރާންޓްގައި.. ހުޅުދޫ ކައުންސިލަށް ލިބޭނެ ގާތްގަނޑަކަށްތޭ 13 ނޫނީ 14 ވަރަކަށް މިލިއަން ރުފިޔާ ބްލޮކުރާންޓްގެ ގޮތުގައި،،

މިހާރުގެ ބްލޮކްގްރާންޓް ގުނަކުރާ އުސޫލަށް ބަލާއިރު، ވަކި ކައުންސިލެއް އުފައްދައިފި ނަމަ، ފޭދޫ ކައުންސިލަށް އަހަރަކު ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ، ހުޅުދޫ ކައުންސިލަށް 13 ނުވަތަ 14 މިލިއަން ރުފިޔާ، އަދި މީދޫ ކައުންސިލަށް ގާތްގަނޑަކަށް 18 މިލިއަން ރުފިޔާ ބްލޮކްގްރާންޓްގެ ގޮތުގައި ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިއީ އާބާދީގެ ނިސްބަތާއި އެހެނިހެން ބައެއް ކަންކަމަށް ބިނާކޮށް އަންނަ އަދަދެއްކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް އޮޅުންފިލުވައިދެއްވުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާތީ، ސަރުކާރުން ވަކި ނަތީޖާއެއް މި ވޯޓުގައި ބޭނުން ނުވާ ހާލަތެއްގައި ވެސް، ވޯޓުގެ ނަތީޖާއަކަށް ކަންކަން ނިމިގެންދާނެ ގޮތް ބަޔާންކޮށްދޭން ބޭނުންވީ ކަމަށެވެ.

އެމަނިކުފާނު ވަނީ، މި ތިން ރަށުގެ ރައްޔިތުން ނިންމަވާ ކޮންމެ ގޮތަކަށް ވެސް ސަރުކާރުން ފުރިހަމައަށް ތާއީދުކޮށް، ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ތިން ރަށުގެ ރައްޔިތުން ނިންމަވާ ކޮންމެ ގޮތަކަށް ސަރުކާރުން ތާއީދުކުރާނެ.. އެގޮތަކަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއްކޮށްދ،ީ އެ ރައްޔިތުންގެ ނިންމުންތަކަށް ފުރިހަމައަށް ކޮށްދޭންޖެހޭ ކަންތައްކޮށްދޭނެކަމުގެ ޔަގީންކަން އައްޑޫ ސިޓީގެ މި ދެންނެވި ތިން ރަށަށް ނިސްބަތްވާ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން.. 

އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ބޭނުންކަމަށް ބުނެ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ތެރެއިން ބަޔަކު ކެމްޕެއިން ކުރަމުންދާތާ އަހަރުތަކެއް ވެއްޖެ އެވެ. އަދި މިދިޔަ ސަރުކާރުގައި ވެސް އެކަމާއި ގުޅޭ ޕެޓިޝަނެއްގައި ސޮއިކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: