ހުޅިމެންދޫގައި ފައިވް ސްޓާ ފެންވަރުގެ ރިސޯޓަކާއެކު ހޮޓެލް ސްކޫލެއް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ޒުވާނުނަށް ދާއިރާގެ ތައުލީމާއި، ތަމްރީނު ފޯރުކޮށްދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅުގެ ރަށްކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދަކީ، މިއީ ދެވަނަ ދުވަހެވެ. އެގޮތުން މިއަދުގެ އެންމެ ފުރަތަމަ ރަށެއްގެ ގޮތުން އެމަނިކުފާނު ވަޑައިގަތީ މާމެންދޫއަށެވެ.
މާމެންދޫގެ ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ހައްލު ގެނައުމާއި ގުޅޭގޮތުން މި ޖަލްސާގައި ރައީސް ވާހަކަ ދެއްކެވި އެވެ. އަދި ރަށުގައި ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ ބިން ހިއްކުމާއި، ގޮނޑުކޮށް ހިމާޔަތް ކުރުން އަދި ހުޅިމެންދޫގައި ފަސް ތަރީގެ ފެންވަރުގެ ރިސޯޓެއް ހޮޓެލް ސްކޫލެއް ބިނާ ކުރުން ރައީސް ފާހަގަކުރެއްވި އެވެ.
މިއީ ޓޫރިޒަމް ދާއިރާގެ ތައުލީމާއި ތަމްރީނު ފޯރުކޮށްދީ، މީހުން ބިނާކުރުމުގެ ހޮޓެލް ސްކޫލް ބިނާކުރެވިގެންދާނެ ޕްރޮޖެކްޓެއްކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ފަތުރުވެރިކަމުގެ ތެރެއިން މުޅި ރާއްޖެއަށް އޭގެ ފައިދާއާއި މަންފާ ލިބޭނެ އެވެ.
ހޮޓެލް ސްކޫލްގެ ޕްރޮޖެކްޓު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ހަވާލު ކުރެއްވީ ރައީސް ވިދާޅުވި ގޮތުގައި އެ ކުންފުންޏަކީ މި ދާއިރާގެ ތެރޭގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރި ކުންފުންޏެއްކަމަށްވުމާއި އެކު އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން މ. އަތޮޅުގައި ވަރަށް ކާމިޔާބުކަމާއި އެކު ރިސޯޓެއްގެ ހިންގަމުންގެންދާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި މިއީ ރިޔާސީ އިންތިހާބުގެ ތެރޭގައި ރަށުގެ ރައްޔިތުންނަށްވެފައިވާ ވައުދެއްކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވީމަ މި ރިސޯޓު ވެގެންދާނީ، ހެދިގެން ދިޔައިމާ ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ވަކިން ހާއްސަކޮށް މީހުން ބިނާ ކުރުމަށްޓަކައި އޭގެ ކުރިއެރުން ލިބިގެންދާނެ ޕްރޮޖެކްޓަކަށް.. ވަރަށް މުހިންމު މަޝްރޫއުއަކަށް.. މިއީ ރިޔާސީ އިންތިހާބުގައި އަޅުގަނޑުވީ ވަރަށް މުހިންމު ވައުދެއް.. އެކަމާ ހަވާލުވި ކުންފުނީގެ ފަރާތުން މި މަސައްކަތް ވަރަށް ފުރިހަމަކަމާއި އެކު ކުރިޔަށް ގެންދާނެ..
ހުޅިމެންދޫގައި ގާއިމުކުރެވޭ ފައިވް ސްޓާ ރިސޯޓުގައި، ހޮޓެލް ސްކޫލެއް ހިންގުމުގެ ސަބަބުން، ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ އެންމެ މަތީ ފެންވަރުގެ ތަމްރީނުތައް ދެވި، ދާއިރާގައި ދިވެހިން އުފެއްދިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ގައުމީ ޔުނިވާސިޓީއަށް ބޭނުންވާ ތަމްރީނުތަކަށް އެހީތެރިކަން ދިނުމުގައި ވެސް މި މަޝްރޫއު މުހިންމު ދައުރެއް އަދާކުރާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ތަނުގައި އޮން ދަ ޖޮބް ޓްރެއިނިން ލިބިގެންދިއުުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ އަދި މިހާރުވެސް މަސައްކަތް ކުރަމުންދާ ހުރިހާ ފަރާތްތަކަށް ވެސް ފައިދާވާނެ ކަމެއްގެ ގޮތުގައި ވިދާޅުވި އެވެ.
ހާއްސަކޮށް ހުޅިމެންދޫގެ ޒުވާނުންނާއި ލ. އަތޮޅުގެ ޒުވާނުންނަށް މި ދާއިރާއިން ވަރަށް ބޮޑެތި ފުރުސަތުތަކެއް މި މަޝްރޫއުގެ ސަބަބުން ލިބިގެންދާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މި ފުރުސަތުގެ ބޭނުން ހިފައި، ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއެރުން ހޯދުމަށް މަސައްކަތް ކުރުމަށް ޒުވާނުންނަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

