ސަރުކާރުގެ އަމާޒަކީ ރަމަޟާން މަހުގެ ކުރިން ބޮޑު 15 މަޝްރޫއެއް އިސްލާމީ ދާއިރާގައި ނިންމުންކަމަށް އިސްލާމިކް މިނިސްޓަ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުން ދެއްކެވި ވާހަކަތަކުގެ ތެރޭގައި ޑރ ޝަހީމް ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރުން އިސްލާމީ ދާއިރާ ކުރިއަރުވާ، މި ދާއިރާގެ މަސައްކަތްތަކަށް ވަރަށް ހާއްސަ އަހަމިއްޔަތުކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ. އިސްލާމީ ދާއިރާ ކުރިއެރުވުމުގެ މަސައްކަތްތަކެއްވެސް މި ސަރުކާރުން ކުރަމުން ގެންދާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރަމަޟާން މަހުގެ ކުރިން ބޮޑު 15 މަޝްރޫއެއް އިސްލާމީ ދާއިރާގައި ނިންމުންކަމަށެވެ. ޑރ ޝަހީމް ވިދާޅުވީ ޕްރައިވެޓް ސެކްޓަރގެ މަސައްކަތްތައް ނިންމުމަށް ސަރުކާރުން 170 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައިކަމަށެވެ.
އަންނަ ރަމަޟާން މަހާ ހިސާބަށް 500 އާއި 700 އާއި ޖާގައިގެ މިސްކިތްތަކުގެ މަސައްކަތްތައް ނިމޭނެކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.
މެންބަރުންގެ ސުވާލުތަކުގައި މަޝްރޫއުތައް ނުނިމިވާތީ ކަންބޮޑުވުންތައް ފާޅުކުމުން މިނިސްޓަރު ވިދާޅުވީ، މަޝްރޫއުތައް ނުނިމިވާ ސަބަބުތައް ދެނެގަތުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާކަމަށެވެ. އަދި ހުރި ދަތިތައް ހައްލުކުރުމުގެ މަޝްވަރާ ބައްދަލުވުންތައްވެސް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
މިނިސްޓާރު ވިދާޅުވީ މަޝްރޫއު ހަވާލުކޮށްފައި އޮންނަ ކުންފުނީގެ މައްސަލައާއި ހެދި މަޝްރޫއު ކުރިއަށް ނުގޮސް އޮންނަ ނަމަވެސް، ގާނޫނީ ގޮތުން އިޖުރާއަތްތަކެއް ފުރިހަމަ ކޮށްގެން ނޫނީ މަޝްރޫއު ޓާމިނޭޓު ނުކުރެވޭކަމަށެވެ. މިހެން ހުރި މަޝްރޫއުތައް ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

