ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް، މިދިޔަ އޭޕްރިލް މަހު ހިފެހެއްޓި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު މައްސަލައިގައި ހައްޔަރުގައި ހުރި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ވަހީދުގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުކޮށްފައިވާކަމަށެވެ.
އެމްޕީއެލް ހުޅުމާލެ، ޕޯޓުގައި ބަހައްޓާފައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރު ގެއްލުނު މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކުރި މީހުންގެ ތެރޭގައި އޭނާ ހިމެނެ އެވެ. އުމުރުން 65 އަހަރުގެ ވަހީދާއި އެކު ދެން ހައްޔަރު ކުރީ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ. އޭނާއަކީ ލޮޓަސް ފިހާރަތަކުގެ ވެރިޔާ އެވެ.
އާއްޓޭގެ ބަންދަށް ދީފައިވާ 15 ދުވަސް އަދި ހަމަވެފައި ނުވާތީ، އޭނާ ކޯޓަށް ހާޒިރުކޮށްފައި ނުވެއެވެ. ފުލުހުން އާއްޓޭގެ މައްޗަށް ކުރަނީ ކޮންޓެއިނަރު ވަގަށް ނެގުމަށް ރާވައި ފަންޑު ކުރިކަމުގެ ތުހުމަތެވެ.
މި މައްސަލައިގައި މިހާރު ބަންދުގައި ތިބި މީހުންގެ ޖުމްލަ އަދަދު 09 އަށް އަރަ އެވެ. އެއީ މައްސަލައިގެ ތަހުގީގުގެ ތެރެއިން އިއްޔެ ހައްޔަރު ކުރި ތިން މީހުންނާއި އެކު އެވެ.
މި މައްސަލައިގެ ތަހުގީގަށް އެންމެ ފަހުން ފުލުހުން ހަރަކާތްތެރިވީ، ކ. ތިލަފުށީގަ އެވެ. އެތަނުން ކޮންޓެއިނަރުގެ ބައިތައްކަމަށް ބެލެވޭ ބައިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އެހެން ނަމަވެސް އެކަން މިހާތަނަށް ފުލުހުން އަދި ކަށަވަރުކޮށްދީފައި ނުވެއެވެ.

