އަދުގެ ސަރުކާރަކީ ހުދުމުހުތާރު ވެރިކަމެއް ކުރަމުންދާ ސަރުކާރެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ހިޔާލުފާޅު ކުރުމަށް ގޮވާ މި ސަރުކާރަށް ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަޖަމެއް ނުވިކަމުގައްޔާ ރައްޔިތުންގެ ހިޔާލްތަކަށް ފުރުސަތު ނުދީ ހުދުމުހުތާރު މިވީ މާ އަވަހަށް ކަމަށް ފާހަގަކުރެއްވިއެވެ. އަދި، ސަރުކާރުގެ ކޮންޓްރޯލްގައި ގައުމީ ޔުނިވާސިޓީތަށް އޮތުމުގެ ގެއްލުން ފެންނަމުންދާ ކަމަށާއި ބިރު ދައްކައިގެން ވެރިކަން ކުރި ޒަމާން މާޒީވެ ހިނގައްޖެކަމަށް ވަނީ ވިދާޅުވެފައެވެ.
މިފަދައިން ޑރ. ޖަމީލް ވިދާޅުވެފައިވަނީ އިސްލާމް ދީނަށާއި ﷲގެ ރަސޫލާއަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުނުކުރުމަށް އެންގުމުންނެވެ.
ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނަށް އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ފޮނުވި އެންގުމެއްގައި އެގޮތަށް އަންގަވާފައިވަނީ ސަރުކާރަށް އެކަން ފާހަގަވެ އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ކުރަމުންދާތީ ކަމަށް ބުނެއެވެ. އަދި ރައްޔިތުންގެ ޝަކުވާ ސަރުކާރަށް ލިބެމުންދާކަން ފާހަގަކުރައްވާ އެންގުމުގާ ވިދާޅުވެފައިވަނީ މުދައްރިސުންނަކީ ރާއްޖޭގެ އެތަކެއް ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމުގައި ނުހަނު މުހިންމު ދައުރެއް އަދާކުރައްވާ ބަޔަކަށްވާއިރު، އެބޭފުޅުންގެ ފަރާތުން އެފަދަ ކަންކަން ތަކުރާރުވާނަމަ އެއީ މުޖުތަމައުއަށް އޭގެ ނޭދެވޭ އަސަރު ކުރާނޭ ކަމެއް ކަމަށެވެ. ޗާންސެލާ ފޮނުވި އެންގުމުގައި ސަރުކާރުން ޔުނިވަރސިޓީގައި އެދިވަޑައިގެންފައިވާކަންވެސް ވަނީ ފާހަގަ ކުރަށްވާފައެވެ.