2026 ވަނަ އަހަރު ސުކޫކު އަނބުރާ ދެއްކުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، ފައިނޭންސިންގ ހޯދަންޖެހޭ މިންވަރު 26.3 ބިލިއަން ރުފިޔާއަށް އުފުލޭނެކަމަށް އަންދާޒާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައެޅުމަށް ބޭއްވި ޖަލްސާގައި ޒަމީރު ވިދާޅުވީ 2026 ވަނަ އަހަރު ސުކޫކު އަނބުރާ ދެއްކުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، ފައިނޭންސިންގ ހޯދަންޖެހޭ މިންވަރު 26.3 ބިލިއަން ރުފިޔާއަށް އުފުލޭނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ. މީގެ ތެރެއިން، ދަރަނި އަދާކުރުމަށް ޖުމުލަ 12.9 ބިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށާއި ހަމަ އެހެންމެ، އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ފައިނޭންސްކުރުމަށް 8.8 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޒަމީރު ވިދާޅުވީ އަންނަ އަހަރު މި ފައިނޭންސިންގގެ އަދަދު ހޯދަން ރާވައިފައިވާ ގޮތަށް ބަލާއިރު، ބޭރުގެ ފަރާތްތަކުން ލޯނުގެ ގޮތުގައާއި، ބޮންޑް ނުވަތަ ސުކޫކް ފަދަ ތަކެތި ވިއްކައިގެން އަދި މަލްޓިލެޓަރަލް ނުވަތަ ބައިލެޓަރަލް ފައިނޭންސިންގގެ ގޮތުގައި ޖުމުލަ 16.8 ބިލިއަން ރުފިޔާ ހޯދުމަށް ރާވައިފައިވާކަމަށެވެ. އިތުރަށް ދަރަނިވެރިނުވެ، ވިސްނުންތެރިކަމާއިއެކު ސުކޫކް އަނބުރާ ދެއްކުމުގެ ސިޔާސަތުގެ ދަށުން، މި ސަރުކާރުން ވާނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ހަމަ މަގަށް އަޅުވައި، ޑޮލަރުން މެނޭޖުކުރާ ފަންޑަކަށް ބަދަލުކޮށްފައި ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި 100 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ، ދަރަނި އަނބުރާ ދެއްކުމުގެ ބޭނުމަށްޓަކައި ރައްކާކޮށްފައިވާ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ. އަދި ރިފައިނޭންސްކުރެވޭ ދަރަނި އަނބުރާ ދެއްކުމަށް ރާވާފައިވާނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާއިން ކަނޑައަޅާ ވަކި މިންވަރެއް ކަމަށްވެސް ޒަމީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ސުކޫކް ރީފައިނޭންސްކުރުމަށް ބޭރުގެ ފަރާތްތަކުން ހޯދާ 450 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 6.9 ބިލިއަން ރުފިޔާގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އެކުވެރި ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ބަޖެޓު ސަޕޯޓަށް ހޯދުމަށް ރާވާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 4.6 ބިލިއަން ރުފިޔާ ހިމެނޭ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ރާއްޖޭގެ މާލީ އިދާރާތަކުން ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާ ހޯދޭނެކަމަށް ލަފާކުރެވޭ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އެކުލަވާލާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާނެ ފައިސާއިން ވަކި އަދަދެއް ދައުލަތުގެ ދަރަނި ދެއްކުމަށް ކަނޑައަޅައިގެން، 4.2 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ބޭނުންކުރުމަށް ރާވައިފައިވާ ކަމަށެވެ.

