ސަރުކާރުން މިއަންނަ އަހަރަށް ލަފާކޮށް މިއަދު ހުށައެޅި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދާނުލާ 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ ކަމަށެވެ.
2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހިއްސާކުރައްވައި މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ ޒަމީރު ވިދާޅުވީ، އެ އަހަރަށް ހުށައަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާ ނުހިމަނާ ބަޖެޓުގެ ޖުމުލަ އަދަދަކީ 55 ބިލިއަން ރުފިޔާކަމަށެވެ.
އެއީ 2021 ވަނަ އަހަރު ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ޖެހޭތީ އައިސްފައިވާ އިތުރުވުމެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ވާރުތަވެފައިވާ ދަރަނިތައް ދެއްކުމުގެ ހަރަދު ނުލާނަމަ 2026 ވަނަ އަހަރަށް ހުށައެޅިފައިވަނީ 2025 ވަނަ އަހަރަށްވުރެ ކުޑަ ބަޖެޓެއްކަމަށެވެ. ނަމަވެސް މެދުރާސްތާގައި ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ކުޑަވާނެކަމަށް ބެލެވޭތީ 2027 ވަނަ އަހަރު 56.8 ބިލިއަން ރުފިޔާ އަދި 2028 ވަނަ އަހަރު 57.0 ބިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓު ދަށްވާނެކަމަށް ލަފާކުރެވޭކަމަށެވެ.

