2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވަނީ އިއްޔެ ހުށަހަޅާދެއްވާފަ އެވެ.
2026 ވަނަ މާލީ އަހަރަށް ދިވެހި ސަރުކާރުން ހުށަހަޅާ ބަޖެޓު 64.2 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ޒަމީރު ވަނީ ވިދާޅުވެފަ އެވެ. މި އަދަދުގައި 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދު ހިމެނޭއިރު، އެ ހަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.
މި ބަޖެޓު ބޮޑުވުމުގެ މައިގަނޑު ސަބަބަކީ، 2021 ވަނަ އަހަރު ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ހަމަޖެހިފައިވާތީ، ދަރަނި އަނބުރާ ދެއްކުމުގެ ހަރަދު ބޮޑުވުމެވެ. ނަމަވެސް، މި ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދު ނުލައި ބަލާއިރު، މިއީ މިހާރު ހިނގާ 2025 ވަނަ އަހަރަށް ވުރެ ކުޑަ ބަޖެޓެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މެދުރާސްތާގައި ދަރަނި އަނބުރާ ދެއްކުމުގެ ހަރަދު ކުޑަވާނެކަމަށް ބެލެވޭތީ، 2027 ވަނަ އަހަރު 56.8 ބިލިއަން ރުފިޔާއަށް އަދި 2028 ވަނަ އަހަރު 57.0 ބިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓު ދަށްވާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް ވަނީ ރިކަރަންޓް ހަރަދަށް އެކަށައަޅާފައެވެ. މީގެ ތެރޭގައި ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުން ހިމެނެއެވެ. މި ބަޖެޓު އަމާޒުކުރެވިފައި ވަނީ ތަޢުލީމާއި، ސިއްހަތާއި، ބޯހިޔާވަހިކަމާއި، ވަޒީފާ އަދި ދިރިއުޅުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ދާއިރާތަކަށްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަންނަން އޮތް އެތައް އަހަރުތަކަކަށް ގައުމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާނެ އިގްތިސާދީ އިންޖީނުތަކަށްވެސް މި ބަޖެޓުގައި އިންވެސްޓްކުރުމަށް ހަމަޖެހިފައިވެއެވެ.
ބަޖެޓު ފަރުމާކުރެވިފައި ވަނީ ދިވެހިންގެ އެތައް ޖީލުތަކެއްގެ ބޮލުގައި އެޅިފައިވާ ދަރަންޏަށް ލުއިކަން ގެނެސް، މާލީ ހަރުދަނާކަން އިތުރުކޮށް، ދިވެހިންނަށް ހަގީގީ މާނާގައި ތަރައްގީ ގެންނާނެ ގޮތަށް ވިސްނައިގެންނެވެ.
2026 ވަނަ އަހަރަށް ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ، އަދި ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވެއެވެ. މިގޮތުން، 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 40.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވެއެވެ. މިއީ 2025 ވަނަ އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއާ އަޅައިބަލާއިރު 6.6 ޕަސެންޓްގެ އިތުރުވުމެކެވެ.
މިއަހަރު ހުޅުވި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އަންނަ އަހަރު މުޅިން އޮޕަރޭޝަނަލައިޒްވެ، ރީޖަނަލް އެއަރޕޯޓުތައް އިތުރަށް ތަރައްގީވެ މުޅި ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެގެން އަންނާނެކަމަށް ބެލެވޭތީ، ޓީޖީއެސްޓީ، ގްރީން ޓެކްސް، އެއަރޕޯޓު ޓެކުހާއި ފީ ކުރިއަރާނެކަމަށް އަންދާޒާކުރެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން، އެއަރޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވެއެވެ.
2026 ވަނަ އަހަރަށް އާމްދަނީ އިތުރުކުރުމަށްޓަކައި އާމްދަނީގެ ސިޔާސަތަށް ބަދަލު ގެނައުމަށް ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް، ޓެކްސް ތަންފީޒުކުރުމާއި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ޓެކުހާބެހޭ ގާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާހުތައް މި ބަޖެޓާއެކު ފާސްވުމަކީ، އާމްދަނީއަށް އޭގެ ހެޔޮ ބަދަލެއް ފެނިގެންދާނެ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
2025 ވަނަ އަހަރުގެ ދައުލަތުގެ ޖުމުލަ ބަޖެޓުގެ ގޮތުގައި 56.5 ބިލިއަން ރުފިޔާ ފާސްކުރި އިރު، މި އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓު ހުންނާނެކަމަށް މިހާރު އަންދާޒާކުރެވެނީ، މަޖިލީހުން ފާސްކުރި އަދަދަށް ވުރެ ކުޑަ މިންވަރެއްގައި، ނުވަތަ ގާތްގަނޑަކަށް 56.5 ބިލިއަން ރުފިޔާގައި ހިފެހެއްޓިގެންނެވެ. މިއީ ސަރުކާރުން ހަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
2025 ވަނަ އަހަރުގެ ރިކަރަންޓު ހަރަދުގެ ތެރެއިން އެންމެ ބޮޑު ދަށްވުމެއް ފާހަގަވަނީ މުސާރައާއި އެލަވަންސް އަދި ލޯނުގެ ހިދުމަތުގެ ޚަރަދަށެވެ. ޕޭ ހާމަނައިޒްކުރުމަށް ބަޖެޓުކުރި 500 މިލިއަން ރުފިޔާއިން މިއަހަރަށް ހިންގާނެކަމަށް މިހާރު ލަފާކުރެވެނީ 250 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، މި އަހަރަށް އިތުރުކުރުމަށް ހުށަހެޅި މުވައްޒަފުން ނެގުމުގެ ހުއްދަ ދިނުން ކޮންޓްރޯލްކުރުމާއި، މިދާއިރާއިން އެޅުނު އެހެން ފިޔަވަޅުތަކުގެ ސަބަބުން މުސާރައާއި އެލަވަންސަށް ހިނގާ ހަރަދު ވަނީ ދަށްވެފައެވެ.
2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމުލަ ހަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ.
މިއީ މި އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ ހަރަދަށްވުރެ 11 އިންސައްތަ އިތުރު މިންވަރެކެވެ. އަންނަ އަހަރުގެ ހަރަދު އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަންގެ ސިޔާސަތުގެ ދަށުން، ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ގެންނަން ރާވައިފައިވާ ބަދަލާއި ގުޅިގެން އިތުރުވާ މުސާރަ އާއި އުޖޫރައިގެ ހަރަދެވެ.
އާސަންދައިގެ ހަރަދުތައް ހަރުދަނާކުރުމަށް މިހާރު ތަންފީޒުކުރަމުންދާ ސިޔާސަތުތަކާއިއެކު 2026 ވަނަ އަހަރު، އާސަންދައަށް ކުރެވޭ ހަރަދު މިހާރެކޭ އެއް މިންވަރެއްގައި ހިފެހެއްޓޭނެކަމަށް ލަފާކުރެވެއެވެ.
2026 ވަނަ އަހަރުގެ ބަޖެޓުގައި ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ބްލޮކް ގްރާންޓަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންވަރަކަށް، ފިސްކަލް ފޯމިއުލާއެއްގެ ތެރެއިން ހުރިހާ ކައުންސިލްތަކަށް ދޭ އެހީއެކެވެ. މި ގްރާންޓް ހަރަދުކުރެވޭ އުސޫލު ހަރުދަނާކުރުމުގެ ތެރެއިން އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަރަދުކުރުމަށް ބާރުއެޅޭނެ ގޮތަށް ބައްޓަންކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ސަރުކާރުން އަލަށް ޖުޑީޝަރީއަށް މާލީ މިނިވަންކަން ދިނުމަށް މި އަހަރު ނިންމާފައިވުމުން، އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ބަޖެޓުގައި ޖުޑިޝަރީގެ ދާއިރާއަށް ހިނގާ ހަރަދު ވާނީ ގްރާންޓެއްގެ ގޮތުގައި ދިނުމަށް ނިންމާފައެވެ.
މިގޮތުން ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި 807.9 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވާނެއެވެ. މިއީ މިހާރު މިދާއިރާއަށް ކުރެވޭ ހަރަދާ އަޅާބަލާއިރު 250 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

