މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރުގެ ނޮވެމްބަރު މަހު ޢުމްރާގެ އަޅުކަމަށް ފުރާ ޢުމްރާވެރީން ފުރަން ފަށައިފިއެވެ.
ޢުމްރާވެރިން ސަޢުދީއަށް ފުރުމަށް ހަމަޖެހިފައިވަނީ ސަޢުދީ އެއަރަލައިންގެ އިތުރުން ޤައުމީ އެއަރލައިން މޯލްޑިވިއަންގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ޢުމްރާވެރިން ފުރުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ގްރޫޕްގައި މިއަދު ފުރާފައިވަނީ 42 ޢުމްރާވެރީންނެވެ. އަދި ދެވަނަ ގްރޫޕްގެ ޢުމްރާވެރިން މާދަމާ ފުރާނީ މޯލްޑިވިއަންގައެވެ. އެ ފްލައިޓުގައި 122 ޢުމްރާވެރީން ފުރާނެއެވެ.
ހުރިހާ ޢުމްރާވެރީންވެސް ޢުމްރާކުރުމުގެ އިތުރަށް މައްކާ، މަދީނާ، ޠާއިފް އަދި ޖިއްދާގެ ތާރިޚީ އަދި މުހިންމު ތަންތަނާއި ބިނާތަކަށް ޒިޔާރަތްކުރާނެއެވެ.
މިގޮތުން މައްކާގައި ޢުމްރާވެރީން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ތަންތަނުގެތެރޭގައި ޘައުރު ފަރުބަދަ، ޖަބަލުއް ރަޙުމާ ނުވަތަ ޢަރަފާތު، މިނާ، މުޒްދަލިފާ، ނޫރު ފަރުބަދަ، އަދި ޖަމުރާތައް ހިމެނެއެވެ. މީގެ އިތުރުން މަދީނާގައި ޤުބާ މިސްކިތާއި، ކަދުރު ބާޒާރާއި އުހުދު ފަރުބަދަ ތަންތަން ހިމެނެއެވެ.
މީގެ އިތުރުން މަސްޖިދުއް ނަބަވީއަށާއި، ރައުޟާ އަދި ހިރާ ކަލްޗަރަލް ސެންޓަރަށްވެސް ޢުމްރާވެރީން ޒިޔާރަތްކުރާނެއެވެ.
ޠާއިފްގައި ޢުމްރާވެރިން ޒިޔާރަތްކުރާނެ ބައެއް ތަންތަނުގެ ތެރޭގައި، ރޯޒް ގާޑަން ނުވަތަ ސެންޓު ހަދާ ފެކްޓްރީއާއި، ދޫނި ޕާކާއި، ބައެއް ތާރީޚީ މިސްކިތްތައްވެސް ހިމެނެއެވެ. އަދި ކޭބަލް ކާރު ދުއްވުމުގެ ފުރުޞަތުވެސް ޢުމްރާވެރީންނަށް ފަހިކޮށްދޭނެއެވެ.
ޢުމްރާވެރީން ޖިއްދާއަށް ކުރާ ޒިޔާރަތުގައި އެތަނުގައި ހުންނަ ދާރުލްއާޘާރާއި، އެނޫންވެސް ތާރީޚީ އަދި އިސްލާމީ ބައެއް ބިނާތަކާއި ތަންތަނަށް ޒިޔާރަތްކުރާނެއެވެ.
ޙައްޖު ކޯޕަރޭޝަނުން އަންނީ އެކުންފުނިން ފޯރުކޮށްދޭ ޢުމްރާ އަދި ޙައްޖުގެ އަޅުކަމުގެ ކަންކަން އެއްފަހަރުން އަނެއްފަހަރަށް ފެންވަރު ރަނގަޅުކުރަމުންނެވެ. އަދި ޢުމްރާވެރީންނާއި ޙައްޖާޖީނަށް ޒަމާނީ އަދި ފަސޭޙަ ޚިދުމަތްތައް ދިނުމަށް މި ކުންފުނިން އަންނަނީ މަސައްކަތްކުރަމުންނެވެ.
ޙައްޖު ކޯޕަރޭޝަނުން އަންނަނީ، ޢުމްރާ ކުރުމުގެ ފުރުޞަތާއެކު، އިސްލާމީ ތާރީޚާއި ހަޟާރަތާ ގުޅޭތަންތަނަށް ޢުމްރާވެރިން ގެންދަމުންނެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އައު ތަންތަނަށް ޢުމްރާވެރިން ގެންދިއުމަށް މަސައްކަތްކުރެއެވެ.

