ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާނޫނީގޮތުން ލިބިފައިވާ ބާރުތައް ގާނޫނީ އިމުގެ ތެރޭގައި ބޭނުންކުރުން އެއީ އަބަދުވެސް ފަނޑިޔާރުން ހަނދާންކުރަންޖެހޭ ކަމެއްކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓަށާއި މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަނުކުރެއްވުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޢަބްދުލްޣަނީ ވިދާޅުވީ ފަނޑިޔާރުކަމަކީ ވަރަށް މަތިވެރި މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ކޮންމެ ފަނޑިޔާރެއްގެވެސް އަޒުމަކަށް ވާންވާނީ އެ މަތިވެރި މަސްއޫލިއްޔަތު ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު އަދާކުރުންމަތީ ދެމިތިބުމަށް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރު ކަމާއިއެކީގައި ގާނޫނީގޮތުން ކޮންމެ ބޭފުޅަކަށްވެސް ވަރަށް ވަރުގަދަ ބާރުތަކެއް ލިބިގެންވާ ކަމަށެވެ. އެހެންނަމަވެސް މިއިން ކޮންމެ ބާރަކީވެސް ސުވާލުކުރެވޭނެ ބާރެއްކަން ހަނދާން ކުރަންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުންނަކީ ތިމާގެ އުޅުންތަކާއި ގުޅުންތަކުގައި އެހެން އެންމެންނަށް ނަމޫނާ ދައްކަންޖެހޭ ބައެއްކަމަށެވެ. އަދި ކޯޓުތަކުގެ މުވައްޒަފުންނަށާއި ހިދުމަތް ހޯދަން އަންނަ އެންމެންނަށްވެސް ނަމޫނާ ބަޔަކަށް ފަނޑިޔާރުންވުމަށް އުއްތަމަ ފަނޑިޔާރު ވަނީ ގޮވާލައްވާފައެވެ.
ފަނޑިޔާރުންނަށް އިހުތިރާމް ލިބުން ބިނާވެގެންވަނީ އެ ފަނޑިޔާރަކު ކޯޓުތެރޭގަޔާއި ކޯޓުން ބޭރުގައި އަމަލުކުރާ ގޮތެއްގެ މައްޗަށްކަން ފާހަގަކުރައްވާ، ފަނޑިޔާރުންގެ އަމަލުތައް އަބަދުވެސް ބަހައްޓަންވާނީ ރިވެތި އަހުލާގީ އަދަބުވެރި މިންގަނޑެއްގެ ތެރޭގައިކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

