އުމްރާވެރިންނަށް ސިއްހީ ގޮތުން ދިމާވާ ކަންކަން ލަސްނުކޮށް، މެޑިކަލް ޓީމަށް ރިޕޯޓު ކުރުން މުހިންމުކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަކީލް ވިދާޅުވެއްޖެ އެވެ.
ޝަކީލް މިހެން ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ނޮވެމްބަރު މަހު އުމްރާއަށް ދާ ފަރާތްތަކަށް ހާއްސަކޮށް، ހޭލުންތެރިކަމުގެ ޕްރޮގްރާމުގައި އެވެ.
މި ޕްރޮގްރާމުގައި، އުމްރާ ދަތުރު ފުރިހަމަ ކުރަންވީ ގޮތާއި ސަމާލުކަން ދޭންވީ ކަންތައްތަކަށް ވަނީ މައުލޫމާތު ފޯރުކޮށްދީފަ އެވެ.
ޝަކީލް ވިދާޅުވީ އުމްރާވެރިން ހާއްސަ ސަމާލުކަން ދޭންވީ ކަންކަން ހުރުމުން އެކަންކަމުގެ ތަފްސީލުތައް ދީފައިވާނެކަމަށެވެ. އެގޮތުން އަތްދަބަހުން ވައްކަންކުރާ މައްސަލަތަކާއި، ބަހުގެ ފައިސާ އަނބުރާ ހޯދަން ބައެއް ފަރާތްތަކުން އަޑުގަދަކުރާ މައްސަލަތައް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ސިއްހީ ގޮތުން ދިމާވާ މައްސަލަތައް އަވަހަށް މެޑިކަލް ޓީމަށް އެންގުމަށާއި، އުމްރާވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ދީފައިވާ ޓެގުތަކަށް ފަރުވާތެރިވުމަށް ޝަކީލް އިލްތިމާސް ކުރެއްވިއެވެ. ޝަކީލް ވިދާޅުވި ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ އުމްރާގައި ބައެއް މީހުންނަށް ސިއްހީ މައްސަލަ ދިމާވެ، މެޑިކަލް ޓީމަށް ނޭނގުމުގެ ސަބަބުން ފަހުން ހާލު ގޯސްވެ ފަރުވާދޭންޖެހުނެވެ. އަދި ބައެއް ފަރާތްތަކުން ޓެގުތައް ބާއްވާފައި ދިއުމުން މަގު އޮޅުނު ކަންތައްތައްވެސް ހިނގާފައިވާތީވެ އެކަމަށް ސަމާލުވުމަށް ވެސް އެދިވަޑައިގަތެވެ.
ޙައްޖު ކޯޕަރޭޝަނުން، ބުނި ނޮވެމްބަރު އުމުރާ ދަތުރުގައި 60 އަށް ވުރެ ގިނަ އުމުރާވެރިން ބައިވެރިވާނެ އެވެ.
އުމުރާވެރިންނަށް ލިބޭނެ ހިދުމަތްތަކުގެ ތެރޭގައި، ކުރީގެ އުމުރާ ދަތުރުތަކެކޭ އެއްފަދައިން، ކޮންމެ ބޭފުޅަކަށް ތިން އުމުރާ ކުރުމުގެ ފުރުސތު ލިބިގެންދާނެކަމަށް ވަނީ ބުނެފަ އެވެ.
މީގެއިތުރުން، މައްކާ އަދި މަދީނާގެ ހުރިހާ މުހިއްމު ޒިޔާރަތްތަކަށް ވެސް ދަތުރުކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާނެކަމަށް ވަނީ ބުނެފަ އެވެ.
ޙައްޖު ކޯޕަރޭޝަނުން އިތުރަށް ބުނި ގޮތުގައި، މައްކާ އަދި މަދީނާގައި އުމުރާވެރިންނަށް ހަމަޖައްސާފައިވާ ހޮޓެލްގެ އިންތިޒާމުތަކާއި، ބަހުގެ ހިދުމަތްތައް ހިމެނޭ ގޮތަށް، އެހެން ހުރިހާ ކަންކަމެއް ވެސް ވަރަށް ފުރިހަމައަށް ވަނީ ހަމަޖެހިފައެވެ.
މިވަގުތު ހައްޖު ކޯޕަރޭޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ދަނީ އަންނަ އަހަރުގެ ހައްޖުގެ ތައްޔާރީތަކަށްކަން ވެސް އެ ކޯޕަރޭޝަނުން ފާހަގަކުރި އެވެ.

