ކޮންމެ އަހަރަކުވެސް ދިވެހި ގައުމީ ހިދުމަތަށް ޒުވާނުން ނެރުމަށްޓަކައި ފުރުސަތު ހުޅުވާލުމަށް ކަނޑައެޅިފައިވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.
މިކަން ހާމަކުރެއްވީ ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ދިވެހި ގައުމު އޮތްހާ ދުވަހަކު ރާއްޖޭގެ މިނިވަންކަން ދިފާއުކޮށް ގައުމު މިހިސާބަށް ގެނައުމުގައި ރާއްޖޭގެ ދިފާއުގައި ޝަހީދުވެދިޔަ އެންމެހާ ފަރާތްތަކުގެ ޒިކުރާ ތާއަބަދަށް އޮންނާނެކަމަށެވެ.
ރައީސް ޑރ މުއިއްޒު ވަނީ އެކި އެކި ފުރުސަތުގައި ނަފްސަށްވުރެ ގައުމު އިސްކުރެއްވި ބަތަލުންގެ ޒިކުރާ އަބަދުވެސް އައުކުރެވިގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަކީ ފަހުރުވެރި ގައުމަކަށް ވެގެންދަނީ އެ ސަބަބަށްކަމަށާއި ދިވެހިންނަކީ އެއްބައިވަންތަ ބައެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ދިވެހިންނަކީ ދީނީގޮތުން އެއް ވިސްނުމެއްގެ މަތީގައި ތިބި އެއް ނަސްލެއްގެ އެއްބައިވަންތަ ރައްޔިތުންތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ރާއްޖޭގެ މި ހަގީގަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި މި ގައުމުގެ ބަތަލުން ކުރެއްވި ޖިހާދުގެމަތިން އަބަދުވެސް ހަނދާން އައުކޮށް އިބުރަތް ލިބިގަނެ އެކަންކަން ދަރިންނަށާއި ދަރިންގެ ދަރިންނަށް ދަސްކޮށްދީ ވާރުތަކޮށްދޭންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރަންޖެހެނީ މި ސަބަބާއި ގުޅިގެންކަމަށްވެސް އެމަނިކުފާނު ހިއްސާކުރެއްވިއެވެ. އަދި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ މުހިންމު ސިޔާސަތު ކަނޑައަޅައިގެން މަސައްކަތްތައް ފެށީ އެ މަގުސަދުގައިކަމަށާއި އެކަމުގެ ނަތިޖާތައްވެސް ފެންނަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ފަށާފައިވާ ގިނަ މަސައްކަތްތަކުގެ ތެރެއިން ފުރިހަމަ ކާމިޔާބީއާއި ހިސާބަށް ވާސިލުވެވުމާއި ގާތްވެފައިވާކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން އެކަން ބަލައިގަންނަކަން ޔަގީންވެވަޑައިގަންނަވާކަމަށާއި ލިބިގެންދިޔަ އެއްބާރުލުމާއިއެކު ގައުމީ ހިދުމަތުގައި ބައިވެރިވުމަށް އެދުނު ހުރިހާ ޒުވާނުންނަށް އެ ފުރުސަތު ހުޅުވާލެވިފައިވުމުންނާއި އާއިލާތަކުން އެ މަސައްކަތްތައް ބަލައިގަނެފައިވުމުގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހުޅުވާލި ފުރުސަތުގައިވެސް ޖާގަ އޮތް މިންވަރަށްވުރެ ހަތަރުގުނައަށްވުރެ އިތުރު އަދަދަކަށް މީހުން ކުރިމަތިލިކަމަށެވެ.
ކުރިއަށް އޮތް އަހަރުގެ ތެރޭގައި އިތުރު 1000 ކުދިންގެ ތަމްރީނު ފެށިގެންދާނެކަމަށް އުންމީދުކުރައްވާކަމަށާއި ކޮންމެ އަހަރެއްގައިވެސް އެގޮތަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ. މިއީ ގައުމީ ހިދުމަތަށް ޒުވާނުން އަހުލުވެރިކުރުވުމަށް ސަރުކާރުން ދެއްވާ މުހިންމު އިސްކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

