ކުށްކުރާ މީހުންނަށް ގާނޫނުގެ ތެރޭގައި ހުރި ހުސްބާގަނޑުތަކުގެ ތެރެއިން ދެމިނުގަނެވޭނެހެން، ހެއްކާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުން މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވިދާޅުުވެއްޖެއެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ހެއްކާއި ބެހޭ ގާނޫނަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން އިބްތިދާއީ ބަހުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، މި ބިލަކީ ގައުމަށް ވަރަށް މުހިއްމު ބިލެއް ކަމަށެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި، މި ބިލު މުހިއްމުވަނީ ކޯޓުތަކުން ކުރިއަށް ގެންދާ ޝަރީއަތްތަކުގައި، ހެއްކާއި ބެހޭ ގާނޫނުގައި ހުރި މައްސަލަތަކުގެ ސަބަބުން، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ދަތިތައް ހުރިކަން ފާހަގަކުރެވޭތީއެވެ. 2022 ވަނަ އަހަރު މި ގާނޫނު ވުޖޫދުކުރެވުނު ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ ގާނޫނާ ގުޅޭ ބައިވަރު މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މެމްބަރު ނާޒިމް ވިދާޅުވީ، މިއަދު ޓެކްނޮލޮޖީގެ ގޮތުން އައި ކުރިއެރުންތަކާއި ބަދަލުތަކާ އެކު، ހެކި ބަލައިގަތުމާއި، ހެކި ގެންގުޅެންވީ ގޮތުގެ އިތުރުން ކެއިން އޮފް ކަސްޓަޑީއަށް ބަލާއިރު، ހެއްކާއި ބެހޭ ގާނޫނަށް އިސްލާހު ގެންނަން ޖެހޭކަމަށެވެ. މިވަގުތު ގާނޫނަށް އިސްލާހު ނުގެނެސް އޮތުމުގެ ސަބަބުން، ކޯޓުތަކަށް ހުކުމަކާ ހަމައަށް ވާސިލުވުމަށް ދަތިވެ، ”ކުއްވެރިން މިނިވަންވެގެންދާ މަންޒަރު“ ފެންނަމުންދާ ކަމަށް އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ނާޒިމް ވަނީ ރާއްޖޭގައި އާންމުވެފައިވާ ބައެއް މައްސަލަތައް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ފޯޖަރީގެ މައްސަލަތަކާއި، ބޭންކު ޑޮކިއުމެންޓުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މައްސަލަތައް ހިމެނެއެވެ. މިގޮތުން، ސުޕްރީމް ކޯޓުން ދާދި ފަހުން ނެރުނު ހުކުމެއްގައި، ބޭންކުގެ އޮރިޖިނަލް ތައްގަނޑު ޖަހާފައިވީ ނަމަވެސް، އެއީ ބޭންކުން ޖެހި ތައްގަނޑެއް ނޫންކަމަށް ބޭންކުން ބުނި މައްސަލައެއް ފޮރެންސިކަލީ ބެލިއިރު ސައްހަ ތައްގަނޑެއް ކަމަށް ކޯޓުން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ސެޓްފިކެޓްތައް ފޯޖްކުރުމުގެ މައްސަލަތައް ބޮޑުވެފައިވާއިރު، ސައްހަ ލިޔެކިޔުމެއް ގޮތަށް ނަކަލު ނުކުރުމުގެ އިލެކްޓްރޯނިކް ވަސީލަތްތައް ލިބެން ހުރި މިޒަމާނުގައި، ހެއްކާއި ބެހޭ ގާނޫނުތައް އިތުރަށް ހަރުދަނާކުރަން ޖެހޭކަމަށެވެ. މީގެ މަޤްޞަދަކީ، ކުށްކުރާ މީހުންނަށް ގާނޫނުގައި ހުންނަ ހުސްބާގަނޑުތަކުން ދެމިނުގަނެވޭނެ ގޮތަކަށް މިކަން ބައްޓަންކުރުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

