ހެއްކާއި ބެހޭ ގާނޫނު ދިރާސާކޮށް، ގާނޫނަށް އިސްލާހު ގެނައުމަކީ، ފަނޑިޔާރުގޭގައި ގިނަ ދުވަސްވެ، ޕާކުކުރެވިފައި ހުރި މައްސަލަތަކަށް އޮތް ހައްލުކަމަށެވެ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ..
މަޖިލީހުގެ ޖަލްސާގައި ހެއްކާއި ބެހޭ ގާނޫނަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން އިބްތިދާއީ ބަހުސްގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން މެމްބަރު އިބްރާހިމް ވަނީ މިކަމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.
މެމްބަރު އިބްރާހީމް ވިދާޅުވީ، ހެކީގެ ނިޒާމާއި އިޖުރާއާތްތައް ފުރިހަމަކުރުމާއި، މިހާރު ގާނޫނު ތެރޭގައި ހުރި ލޫޕް ހޯލްސްތައް ނުވަތަ މަދުވާ ބައިތައް ބެއްދުމަކީ، މިއަދު ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި، ހެކީގެ މުހިއްމުކަން ފާހަގަކުރައްވައި، އިސްލާމީ ގައުމެއްގައި މުސްލިމެއްގެ ހައިސިއްޔަތުން ޝަހާދަތުގެ ދެ ކަލިމަ ކިޔާއިރު، އެ ދެވެނީ ދެ ލަފުޒުން ދެ ހެކިކަމަށް އޭނާ ވިދާޅުވިއެވެ.
އަދުލު އިންސާފު ގާއިމުކުރެވޭނީ ގުރުއާނާއި ސުންނަތުގެ އަސާސުތަކުގެ މައްޗަށް ބަލާ، އެޔާއި އެންމެ ކައިރި ގޮތަކަށް އަމަލުކޮށްގެންކަން ފާހަގަކުރައްވަމުން މެމްބަރު އިބްރާހީމް ވިދާޅުވީ، ޑިމޮކްރަސީގެ ނިޒާމުގައި އަދުލު އިންސާފަކީ ބައެއް ފަހަރު ގަނެ ވިއްކާ އެއްޗަކަށް ވެ، ފައިސާ ގިނަ ބަޔަކަށް އިންސާފު ލިބުން ތަނަވަސްވާނެކަމަށެވެ. އެހެންކަމުން، އިސްލާމީ ޝަރީއަތުގެ ހަމަތަކާ އެއްގޮތަށް އިޖުރާއާތްތައް ރަނގަޅުކުރުމަށްޓަކައި މިފަދަ ގާނޫނުތަކަށް އިސްލާހު ހުށަހަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މެމްބަރު އިބްރާހީމް ވަނީ، ކޮމިޓީ މަރުހަލާގައި ވީހާވެސް އަވަހަކަށް މި އިސްލާހުތައް ދިރާސާކޮށް، ފާސްކުރުމަށް ގޮވާލައްވާފައެވެ. އޭނާ ހާމަކުރެއްވިގޮތުގައި، ހެއްކާއި ބެހޭ ގާނޫނަށް އިސްލާހު ގެނެސް، އިސްލާމީ ޝަރީއަތުގެ ހަމަތަކާ އެއްގޮތަށް ގާނޫނު އަލުން ފަރުމާކޮށް ބައްޓަން ކުރުމަކީ، ފަނޑިޔާރު ގޭގައި ގިނަ ދުވަސްވެ، ހުކުމަކާ ހަމަޔަށް ވާސިލުނުވެ ހުރި މައްސަލަތައް ނިންމުމަށް އޮތް ހައްލުކަމަށެވެ. އެހެން ނޫނީ، މިހާރު ޕާކުކުރެވިފައިވާ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

