މާލެ ވިޔަފާރި ބަނދަރު ސަރަޙައްދުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހިތާމަވެރި ޙާދިސާގައި އެމްޕީއެލްގައި ވަޒީފާ އަދާކުރަމުން ދިޔަ 2 މުވައްޒަފަކު ނިޔާވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހު، މާލެ ވިޔަފާރި ބަނދަރު ސަރަޙައްދުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހިތާމަވެރި ޙާދިސާގައި އެމްޕީއެލްގައި ވަޒީފާ އަދާކުރަމުން ދިޔަ ދިވެހި ޒުވާނަކާއި ބަންގްލާދޭޝްގެ ޒުވާނަކު ނިޔާވެފައިވާ ކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ ވެރީންނަށާއި މުވައްޒަފުންނަށް އަދި ދެ މަރުޙޫމުންގެ ޢާއިލާއަށް ރައީސް ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.
މަރުޙޫމް ޢަލީ އަފްލާޙް ޢަބްދުﷲ އަށާއި، މަރްޙޫމް މަސްޢޫދު ޙުސައިން އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި އެ ޙާދިސާގައި އަނިޔާވި އެހެން ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ،
ރައީސް ވިދާޅުވީ މަސައްކަތުގެ އެފަދަ ކޮންމެ މާޙައުލެއްގައިވެސް، މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދެއްވުމަށް އިލްތިމާސްކޮށް، މާތްﷲގެ ޙަޟްރަތުން ރައްކާތެރިކަން ދެއްވުން އެދި ދުޢާކުރައްވާ ކަމަށެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އެ އުޅަނދުގައި ތިބީ 14 މީހުންނެވެ. އަދި އަނިޔާވެގެން ހޮސްޕިޓަލަށް ފަރުވާއަށް ގެންދިޔައީ ހަ މީހެކެވެ. މި ހާދިސާ ހިނގުމަށް މެދުވެރިވީ، ކޮޅުވެއްޓިއަށް އަރުވާފައި އޮތް ދެ ހައިމާކެއްގެ ބެލެނެސް ގެއްލިގެންނެވެ.
މައްސަލައިގައި އެމްޕީއެލް ނެރުނު ބަޔާނެއްގައި ބުނީ، ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާއި ގުޅިގެން ކަމާއި ގުޅޭ ޑިޕާޓްމަންޓުތަކުން ތަހުގީގެއް ފަށާފައިވާކަމަށެވެ. އަދި ތަހުގީގުން ހާމަވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، އިތުރު މައުލޫމާތުތައް އާންމު ކުރަމުން ގެންދާނެކަމަށް ބަޔާނުގައި ވެއެވެ.

