ސްޕެޝިއަލް އިކޮނިމިކް ޒޯން (އެސްއީޒެޑް)ގައި މީހުން ދިރިއުޅޭ ޓައުންޝިޕްތައް ވެސް ހެދޭގޮތަށް އެސްއީޒެޑްގެ ގާނޫނު އިސްލާހުކުރަން ހުށައެޅި ބިލް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯން ގާނޫނަށް އިސްލާހު ހުށައެޅުއްވީ ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ. މުޅި މަޖިލީހުގެ ކޮމިޓީން ބިލު ފާސްކުރީ 55 މެމްބަރުންގެ ވޯޓުންނެވެ. ވަކިގޮތަކަށް ވޯޓު ދޭން ބޭނުންނުވާ ކަމަށް 5 މެމްބަރަކު ވަނީ ވޯޓު ދީފައެވެ. ވޯޓުގައި ބައިވެރިވެވަޑައިގަތީ ޖުމްލަ 64 މެމްބަރުންނެވެ.
ކޮމިޓީގައި އެ ބިލާ މެދު ކުރި މައިގަނޑު ބަހުސަކީ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ބިލަށް ހޯދުމާ ބެހޭގޮތުންނެވެ. ޓޫރިޒަމް އިންޑަސްޓްރީގެ ހިޔާލު އެ ބިލަށް ހޯދަން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) އާ ބައްދަލުކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވި އެވެ.
އެ ބިލުން ދައުލަތުގެ ބަޖެޓަށް ކުރާނެ އަސަރާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ފިނޭންސް މިނިސްޓަރާ ބައްދަލުކުރަން ވެސް އޭނާ ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމާ ދެކޮޅު ހައްދަވައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވީ އެމްޑީޕީގެ މެމްބަަރުން މަސައްކަތް ކުރަނީ އެ ބިލުގެ މަސައްކަތް ލަސްކުރަން ކަމަށެވެ. އެހެން ވިދާޅުވެ، އެ ބިލުގެ ކޮމިޓީ މަރުހަލާ މިއަދުން މިއަދަށް ނިންމަން އޭނާ ހުށަހެޅުއްވި އެވެ.
މަޖިލީހުގެ ހުރިހާ މެމްބަރުން ހިމެނޭ ގޮތަށް ބާއްވާ މުޅި މަޖިލީހުގެ ކޮމިޓީއަކީ އާއްމުކޮށް ބޮޑެތި ކަންކަން ނިންމާ ކޮމެޓީއެކެވެ.

