ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ބޮޑުު ހޭދައެއް ކުރަނީ މި ރާއްޖެއިން؛ ނަމަވެސް ރައްޔިތުންނަށް ލިބޭ ހިދުމަތުގެ ފެންވަރު ދަށުގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ އާންމު ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑު އެއް ގައުމުކަމަށް ބައިނަލްއަޤްވާމީ ގިނަ ރިޕޯޓުތަކުން ދައްކަމުންދާއިރު، މިކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކްލީފުތައް ދަނީ އިތުރުވަމުންނެވެ.

މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ ކަމަށް ދާދިފަހުން ބަންގްލަދޭޝްގެ ނޫހެއްކަމަށްވާ ”ފިންޓެކް ނިއުސް“ އިން ވަނީ ބުނެފައެވެ. އެ ނޫހުން ބުނާގޮތުންނަމަ ރާއްޖޭގައި މީހަކު މަހަކަށް ގާތްގަނޑަކަށް 13،000 ރުފިޔާ ހޭދަކުރެއެވެ. މިހާ ބޮޑު ހޭދައެއް ކުރަންޖެހޭއިރު، ރައްޔިތުންގެ އުއްމީދަކީ އެ ހޭދައާއި އެއްވަރުގެ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ލިބުމެވެ. ނަމަވެސް، މިއަދު ދިވެހި ރައްޔިތުންނަށް ލިބެމުންދާ ޚިދުމަތުގެ ފެންވަރު ހުރީ ހިތްހަމަޖެހޭ މިންވަރެއްގައިތޯ މިއީ ޖަވާބު ހޯދަންޖެހޭ ސުވާލެކެވެ.

ރާއްޖޭގައި ދިރިއުޅުމުގެ ހަރަދު ބޮޑުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކާބޯތަކެއްޗާއި، ކަރަންޓާއި ފެނާއި، ކުލީގެ ހަރަދާއި އަދި އެހެނިހެން އަސާސީ ހަރަދުތައް ހިމެނެއެވެ. ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 2019 ވަނަ އަހަރު މާލެ ސަރަހައްދަށް އަމާޒުކޮށްގެން ހެދި ސާވޭއަކުން ދައްކާ ގޮތުގައި، މާލޭ ސަރަހައްދުގެ ގޭބިސީއަކުން އެވްރެޖުކޮށް މަހެއްގެ މައްޗަށް 37،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެއެވެ. މިއީ އާދައިގެ އާއިލާއަކަށް އުފުލަން ދަތި ބުރައެކެވެ. މި ހަރަދު ބޮޑުވުމުގެ މައިގަނޑު އެއް ސަބަބަކީ، ރާއްޖޭގެ އިޤްތިޞާދު ބޭރުފުށަށް ބަރޯސާވާ މިންވަރު އިންތިހާއަށް މަތިވުމެވެ.

ކުލީގެ ހަރަދު މިހާ ބޮޑުވެގެން ދިއުމުގެ މައިގަނޑު ސަބަބަކީ، އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ހުރިހާ ސާމާނެއްހެން ބޭރުން އިމްޕޯޓު ކުރަން ޖެހުމެވެ. މީގެ އިތުރުން މާލޭ ސަރަހައްދަށް އާބާދީ ބޮޑުތަނުން ޖަމާވެފައިވާތީ، ބޯހިޔާވަހިކަމަށް އޮތް ޑިމާންޑާ އެއްވަރަށް ޢިމާރާތްކުރުމުގެ މަސައްކަތް ނުކުރެވޭކަމެވެ. ސަރުކާރުތަކުން ސޯޝަލް ހައުސިންގ ޕްރޮގްރާމްތައް ތަޢާރަފްކުރި ނަމަވެސް، އޮތް ޑިމާންޑާ އެއްވަރަށް ކޭޓަރ ކުރުމަކީ އަދިވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް، ޚާއްޞަކޮށް މާލޭގައި ދިރިއުޅޭ މީހުންނަށް، އާމްދަނީގެ ބޮޑު ބައެއް ކުއްޔަށް ހޭދަކުރަން މަޖުބޫރުވެއެވެ.

ކާބޯތަކެތީގެ ހަރަދަށް ބަލާއިރުވެސް ތަކެތީގެ އަގު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ރާއްޖެއަކީ ބިން ކުޑަ ގައުމަކަށްވެފައި ދަނޑުވެރިކަން އެކަށީގެންވާ ވަރަކަށް ކުރިއަރާފައިނުވާތީ، ރާއްޖެއަށް ގެންނަ 80 ނުވަތަ 85 އިންސައްތަ ކާބޯތަކެއްޗަކީ ބޭރުން އިމްޕޯޓު ކުރާ ތަކެއްޗެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު ސީދާ ދިވެހި ރައްޔިތުންނަށް ކުރެއެވެ. އަދި މި ތަކެތި ރާއްޖޭގެ އެހެން ރަށްރަށަށް ގެންދާއިރު، އިތުރު ޓްރާންސްޕޯޓް ހަރަދުތަކުގެ ސަބަބުން އަގު އިތުރަށް ބޮޑުވެގެންދެއެވެ.

ސަރުކާރުން ކަރަންޓާއި ފެނާއި ތެލުގެ އަގު ހިފެހެއްޓުމަށް ބޮޑެތި ސަބްސިޑީތަކެއް ދިނުމަށް އަހަރަކު ބޮޑު ހޭދައެއް ކުރެއެވެ. ނަމަވެސް، ދުނިޔޭގެ މާކެޓުގައި ތެލުގެ އަގަށް ކުޅަ ލޮޅުމެއް އެރިޔަސް، އެ ޑެމޭޖް ސަރުކާރާއި އެކު ރައްޔިތުންވެސް ނަގަން ޖެހެއެވެ.

މީގެ އިތުރުން، ސަރުކާރުން އިންފްރާސްޓްރަކްޗަރގެ ދާއިރާއަށް ބޮޑު ހޭދައެއް ކުރި ނަމަވެސް، ޞިއްޙީ ޚިދުމަތްތަކާއި، ތަޢުލީމީ ޚިދުމަތްތަކާއި، އާންމު ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ފެންވަރު ރައްޔިތުން ބޭނުންވާ މިންވަރަށް ނުދެވޭކަމުގެ ޝަކުވާތައް ބޮޑެވެ. މި ބޮޑު ހޭދަ ކުރެވޭއިރުވެސް، ޚިދުމަތްތައް މާލެއަށް މަރުކަޒުވެފައި ހުރުމާއި، ޚިދުމަތްތައް ދިނުމުގައި ހުންނަ އިދާރީ ދަތިތަކުގެ ސަބަބުން، ރައްޔިތުންގެ ޙަޔާތަށް ލުޔެއް ލިބޭ މިންވަރު ކުޑައެވެ.

ރައްޔިތުންގެ އަތުން ބޮޑު ހޭދައެއް އަހަރެއްގެ މައްޗަށް ވާއިރު، އެއާއި އެއްވަރުގެ ފެންވަރު ރަނގަޅު ޚިދުމަތެއް ނުލިބުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ރާއްޖެ ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާނުވެ، އިޤްތިޞާދީ އެހެނިހެން ދާއިރާތައްވެސް ތަރައްޤީކޮށް، ބޭރުފުށަށް ބަރޯސާވާ މިންވަރު ކުޑަ ކުރަން ޖެހެއެވެ. ޚާއްޞަކޮށް ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމާއި، ޢިމާރާތްކުރުމުގެ ސާމާނު އެތެރޭގައި އުފެއްދުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، ސަރުކާރުން ކުރާ ހޭދަތައް ހަރުދަނާކޮށް، ސަބްސިޑީގެ ފައިދާ ސީދާ ރައްޔިތުންނަށް ލިބޭނެ ގޮތްތައް ހަމަޖައްސައި، އާންމު ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އިސްކަންދޭން ޖެހެއެވެ.

ދިވެހިރާއްޖެއަކީ ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނޭއިރު، މިކަމުގެ ސަބަބުން ރައްޔިތުންނަށް އުފުލަންޖެހޭ ބުރަ ބޮޑެވެ. ބޯހިޔާވަހިކަމާއި ކާބޯތަކެތީގެ އަގު ބޮޑުވުމުގެ މައިގަނޑު ސަބަބަކީ ބޭރުފުށަށް ބަރޯސާވާ މިންވަރު މަތިވުމެވެ. މި ބޮޑު ހޭދައާ އެއްވަރަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ނުލިބޭކަމުގެ ޝަކުވާތައް ބޮޑުވުމަކީ، ސަރުކާރުގެ ހޭދަތައް އިތުރަށް ހަރުދަނާކޮށް، އިޤްތިޞާދު ތަފާތުކުރުމަށް މަސައްކަތްކުރަންޖެހޭކަން ހާމަކޮށްދޭ ކަމެކެވެ. ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށްޓަކައި، ހޭދަކުރާ ކޮންމެ ރުފިޔާއަކުން ވެސް ފައިދާހުރި، ދެމެހެއްޓެނިވި ޚިދުމަތްތަކެއް ލިބޭނެ ގޮތް ހަމަޖެއްސުމަކީ މުހިންމު ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: