ހަންކެޑެ މަޝްރޫއުގެ ދަށުން 3000 އެނދު ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ފިޔަވަހީގައި 1000 އެނދު ތަރައްގީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޜ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން މުހިންމުކަމަށާއި ގަން އެއަރޕޯޓްގެ މަސައްކަތާއި ފަތުރުވެރިކަމުގެ ސިނަޢަތް ތަރައްގީވެގެން އައުމުން ވަޒީފާގެ ފުރުސަތުތައް ފަހިވާނެކަމަށެވެ. އެގޮތުން އައްސޭރި ޓޫރިޒަމާއި ޝަންގްރިއްލާ ހުޅުވުމާއި ހަންކެޑެ މަޝްރޫއު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”މިތަނަށް އައިސް ފީސިބިލިޓީ ހަދާ ހުރިހާކަމެއް ކުރީ. މިއަދު ޝަންގްރިއްލާ ރިސޯޓް ހުޅުވުމަށް އެތަނުގެ އިސްވެރިންނާ ބައްދަލުކުރިން ތައްޔާރީތައް ބެލުމަށް. ތަކުރާރުކޮށް ވިދާޅުވަމުންދިޔައީ 31 ޑިސެންބަރަށް ނިންމާނަމޭ. މީގެތެރެއިންވެސް ވަޒީފާގެ ފުރުސަތުތައް އަންނާނެ.“
ހަންކެޑެ މަޝްރޫއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ސޮއިކޮށްފައި އޮތްނަމަވެސް ފައިސާގެ ކަންކަން ހަމަޖެހިފައި ނުވާކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށްގެންދެވޭތޯ ބެއްލެވިކަމަށާއި ކުރިއަށް ނުގެންދެވުމުން އޮންނަ އުސޫލްގެ ދަށުން ކޮންޓްރެކްޓަރ ބާތިލްކޮށް ތުރުކީގެ ކުންފުންޏަކާ އެވޯޑް ލެޓާ ހަވާލުކޮށްފައިވާކަމަށް ވިދާޅުވިއެވެ.
އިކުއިޒިޝަން ކޮސްޓް ދެއްކުމަށް 45 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ވިދާޅުވިއެވެ. އެ މަޝްރޫއުގެ ދަށުން 3000 އެނދު ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ފިޔަވަހީގައި 1000 އެނދު ތަރައްގީކުރާނެކަން ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް އައްޑޫ ސިޓިގެ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިންވަނީ ފޭދޫއާއި ހިތަދޫގައި ޕާސްޕޯޓްގެ ހިދުމަތާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ފަށްޓަވާފައެވެ. އަދި ފޭދޫއާއި މަރަދޫއާއި ހިތަދޫގައި ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމުގެ މަސައްކަތްވަނީ އެޗްޑީސީއާ ހަވާލުކުރައްވާފައެވެ.
މީގެ އިތުރުން އައްޑޫ ސިޓީގައި ވަގުފް އިމާރާތް ގާއިމްކުރުމުގެ މަސައްކަތާއި، މަރަދޫފޭދޫގައި އައިޔޫއެމްގެ ކެމްޕަސްއަކާ ދަނާލް އެޅުމުގެ މަސައްކަތްވެސްވަނީ ހަވާލުކުރައްވާފައެވެ. މީގެ އިތުރުވެސް އައްޑު ސިޓީގެ ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެހެނިހެން މަޝްރޫޢުތަކުގެ މަސައްކަތްވެސްވަނީ ހަވާލުކުރައްވާފައެވެ.

