ރާއްޖޭގައި ހުރި ގުދުރަތީ ވަސީލަތްތަކުން ލިބެން ހުރި އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި ހޯދަން ޖެހޭކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކަށި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމުން ކަންބޮޑުވުން ފާޅުކޮށް ހުށައެޅި ގަރާރަށް ބަހުސް ކުރައްވަމުން ނަސީރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ މާލީ ތަނަވަސްކަން ރިސޯޓު ވިޔަފާރީގެ ތެރެއަށް ވަނުމަށް ތަން ނުދޭކަމަށެވެ. ރާއްޖޭގައި މުއްސަދިން އުފެދިގެން އައީ މި މަގުންކަމަށް ނަސީރު ވިދާޅުވިއެވެ.
ނަމަވެސް ގައުމުގެ ތަރައްގީއަށް އައި ބަދަލާއި ގުޅިގެން އެކަން ނިންމާފައި އޮތީ އޭރު އެކަން ކުރަން ޖެހޭ އެންމެ ރަނގަޅަށްކަމަށް ފާހަގަކޮށް ނަސީރު ވިދާޅުވީ މިހާރު ހާލަތު ބަދަލުވެފައިވާކަމަށެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ސަރަހައްދަކީ ކަނޑުކަމަށްވާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ކަށިމިޔަރު ނަގަން ޖެހޭކަމަށެވެ. އެކަން ކުރާނެ ބަޔަކުވެސް ތިބުން މުހިންމުކަމަށާއި، އެކަން ކުރާ ހިތްވާ ފަރާތްތައް ތިބިކަމަށް ނަސީސު ވިދާޅުވިއެވެ.
ހަމައެކަނި ފަތުރުވެރިކަމުން ލިބޭ ފައިދާއިން ރާއްޖޭގެ ރައްޔިތުންނަށް އާމްދަނީ ނުލިބޭކަމަށް ނަސީރު ވިދާޅުވީ ކަށިމިޔަރު ނެގުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް ގަރާރުގައިވާތީއެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކު އާމްދަނީ ހޯދަނީ މަހަށް ގޮސްގެންކަމަށް ވިދާޅުވިއެވެ.
އަޅުގަނޑުމެން ކަހަލަ ނިކަމެތި ރައްޔިތުން ކުރެވެނީވެސް އެ ބާވަތުގެ ކަނޑުގެ މަސްވެރިކަން. މޫދަށް ގޮސްގެން ލިބޭ އެއްޗެއް ވިއްކާލައިގެން އަޅުގަނޑުމެންނަށް އުޅެވެން މި އަންނަނީ.
ނަސީރު ވިދާޅުވިއެވެ.
ނަސީރު ވިދާޅުވީ އޭނާ ހޯދި ހޯދުންތަކުން ހާމަވާ ގޮތުގައި ވަރަށް ބޮޑެތި އާމްދަނީތަކެއް ރާއްޖޭގެ ކަނޑުގެ ތެރެއަށް ދޫކޮށްލާފައިވާ މިފަދަ މަސް މަހާ މެހީގެ ސަބަބުން ހޯދެން އެބައޮތްކަމަށެވެ. 20،000 އަށްވުރެ ގިނަ ޑޮލަރުން މި ތަކެތީގެ ސަބަބުން ފައިދާ ލިބޭނެކަމަށް ނަސީރު ވިދާޅުވިއެވެ. އެހެންކަމުން މަޑުކޮށްގެން ތިބެން ޖެހޭ ސަބަބެއް ނެތްކަމަށް ނަސީރު ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންނަކީ އުފެންދުންތެރި ބައެއްކަމަށާއި، އެހެންކަމުން އެގޮތުގެ މަތީގައި ދެމިތިބެ، ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން އާމްދަނީ ހޯދެން އޮތްނަމަ އެކަން ކުރަން ޖެހޭކަމަށް ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލު ގެނސް، ސަރުކާރުން އުސޫލުތައް އެކުލަވާލައިގެން ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމުގެ ފުރުސަތު ދޭން ޖެހޭކަމަށް އޭނާ ތަކުރާރު ކުރެއްވިއެވެ.
ކަށިމިޔަރުގެ މަސްވެރިކަމަކީ އަހަރުތަކެއް ކުރިން ރާއްޖޭގައި ކުރި މަސްވެރިކަމުގެ ބާވަތެކެވެ. ރާއްޖޭގައި މީގެކުރިން ފަރު މިޔަރު، ކަނޑު މިޔަރު އަދި ކަށިމިޔަރުގެ މަސްވެރިކަންވެސް ކުރެވިފައިވެއެވެ. ނަމަވެސް، އޭރު ކުރެވުނު ދިރާސާތަކަކުން ރާއްޖޭގައި މިޔަރުގެ އާބާދީ މަދުވަމުންދާކަމުގެ ކަންބޮޑުވުމާއެކު ކަށިމިޔަރު މަސްވެރިކަން ހުއްޓިގެންދިޔައެވެ. އެހެންނަމަވެސް، ފަހަކަށް އައިސް މަސްވެރިންގެ ފަރާތުން މިޔަރު ގިނަވުމުގެ ކަންބޮޑުވުންތައްވެސް ވަނީ އިވިފައެވެ.
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ހުށައެޅުއްވި ގަރާރުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މިޔަރުގެ އާއިލާގެ ހުރިހާ ބާވަތްތަކަކީ ލަހުން ހެދި ބޮޑުވާ އަދި ލަހުން ދަރިމާވާ، ވިހާ ފަހަރަކު މަދު އަދަދަކުން ވިހާ ބާވަތެކެވެ. މިޔަރަކީ ކަނޑުގެ ނިޒާމުުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ، ކަނޑުގެ ސިއްހަތު ދެމެހެއްޓުމަށް އެހީތެރިވާ ”ކީސްޓޯން ސްޕީޝީޒް“ އެކެވެ. ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލައިފިނަމަ، މިޔަރުގެ އާބާދީ ވަރަށް ބޮޑަށް ދަށްވުމުގެ ކަންބޮޑުވުންތައް އެބަހުރިކަމަށް ގަރާރުގައި ބަޔާންކޮށްފައިވެއެވެ. މިޔަރު މަދުވާނަމަ އެހެން މަސްތަކުގެ އާބާދީއަށްވެސް ބަދަލު އައިސް، ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ ހަމަޖެހުން ގެއްލި، ދިގު މުއްދަތުގައި ރާއްޖޭގެ މަސްވެރިކަމަށް ނޭދެވޭ އަސަރުކުރާނެކަމަށް އައްބާސް ފާހަގަކުރައްވައެވެ.

