ސަރުކާރުން ދަނީ ވީ ވައުދުތައް ބަދަލުކުރަމުންކަމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އޮތީ ހުސް އޮޅުވާލުންކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ. މެންބަރު ޒިޔާދު މިފަދައިން ވިދާޅުވީ، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހުށައެޅުއްވި ބޯހިޔާވަހިކަމުގެ ކަންބޮޑުވުންތަކުގެ މައްޗަށް އެކުލަވާލާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
ޒިޔާދު ވިދާޅުވި ގޮތުގައި، ގަރާރުގައި އެދިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ކަންތައްތައް ކޮށްދެއްވުމަށެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވައުދުވެވަޑައިގެންފައިވަނީ ކުރީ ސަރުކާރުން އެއްވެސް ރައްޔިތަކަށް ދީފައިވާ ފްލެޓެއް ނުވަތަ ގޯއްޗެއް، އެ ދިން ތަނަކު ދެއްވުމަށެވެ. ނަމަވެސް، މިހާރު އަމަލު ކުރައްވަމުން ގެންދަވަނީ ވައުދުވެވަޑައިގެންނެވި ގޮތަށް ނޫންކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، މިދިޔަ ސަރުކާރުން ކަނޑައެޅި 4000 މީހުންގެ ތެރެއިން 585 މީހަކަށް ފްލެޓު ނުލިބޭނެކަން މި ސަރުކާރުން އަންގާފައިވާ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.
މެންބަރު ޒިޔާދު އިތުރަށް ފާހަގަކުރެއްވީ، ސަރުކާރާއެކު އެއްބަސްވުމެއް ހަދައި ފްލެޓު ކަނޑައަޅައި ލިޔުން ދީފައިވާ މީހުންގެ އަތުން ޝަރުއީ ކޯޓެއް މެދުވެރިކޮށް މެނުވީ ފްލެޓު އަތުނުލެވޭނެކަމަށެވެ.
މީގެ އިތުރުން، ސަރުކާރުން ފްލެޓު ލިބޭ މީހުންކަމަށް ބުނެ އާންމު ކުރި ލިސްޓުވެސް ނުފެންނަކަމަށް ޒިޔާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދައުރުގައި މިނިސްޓަރުކަމުގައި ހުންނަވައިގެންވެސް ރައީސް މުއިއްޒު އަމަލުކުރެއްވީ މިހެންކަމަށެވެ. ފްލެޓުތަކުގެ މައްސަލައިގައި ވަކި ގޮތެއް ނިންމާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލަމުން ދަނީ މިފަދަ ގިނަ ސަބަބުތަކަށްޓަކައިކަމަށް ޒިޔާދު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވީ ވައުދުތައް ވެރިކަމަށް އައުމަށްފަހު ބަދަލުވަމުންދާކަމަށް ތުހުމަތު ކުރައްވައި ޒިޔާދު ވިދާޅުވީ، ކުރިން ނިންމާފައި ހުރި ނިންމުންތައްވެސް ސަރުކާރުން ބަދަލު ކުރަމުންދަނީ އެއްވެސް ހަމައެއް އުސޫލެއް ނެތިކަމަށެވެ.
ގަރާރުގައިވާ ގޮތުން، ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި 13،763 މީހުންނަށް ފްލެޓު ދިނުމަށް ހިންގަން ހަވާލުކުރި މަޝްރޫއުތައްވެސް ކުރިއަށް ނުދެއެވެ. އޭގެތެރޭގައި އިންޑިއާގެ އެލްއޯސީ މެދުވެރިކޮށް ފައިސާ ހަމަޖައްސައިގެން އިންޑިއާގެ ކޭޕީއައިއެލް (އެންބީސީސީ) އާ އަޅަން ހަވާލުކުރި 6،000 ފްލެޓާއި އެޕޯލޯ ކުންފުންޏާ އަޅަން ހަވާލުކުރި 1،000 ފްލެޓުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން، މިދިޔަ ސަރުކާރުން އިއުލާނުކުރި ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ ދެވަނަ ސްކީމުގައި ފްލެޓަށް އެދި ހުށަހެޅި 21،347 މީހުންނާއި ގޯއްޗަށް އެދި ހުށަހެޅި 19،347 މީހުންގެ ނަންތަކާއެކު ގެޒެޓު ކޮށްފައިވީ ނަމަވެސް، އެ ފޯމުތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން ނުދާކަންވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ. ޒިޔާދު ވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

