އޮކްޓޯބަރު މަހުގެ ތެރޭގައި ވޭޕާއި ގުޅުންހުރި މައްސަލަތަކުގައި ނަގާފައިވާ ޖޫރިމަނާގެ ޖުމުލަ 226،000 ރުފިޔާއަށް އަރައިފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މި މުއްދަތުގެ ތެރޭގައި ވޭޕާއި ގުޅުންހުރި ޖުމުލަ 25 މައްސަލައެއް ބަލައި، ފިޔަވަޅު އަޅާފައިވެއެވެ. މިގޮތުން ވޭޕާއި އީސިނގިރޭޓު ގެންގުޅުމުގެ މައްސަލައިގައި 15 މީހަކު ޖޫރިމަނާކުރެވުނުއިރު، ބޭނުންކުރި މައްސަލައިގައި 5 މީހަކު ޖޫރިމަނާކުރެވުނެވެ. ވޭޕު ގެންގުޅުމުގެ މައްސަލަތަކުގެ ޖޫރިމަނާގެ ޖުމުލަ 97،000 ރުފިޔާއަށް އަރާކަމަށް ފުލުހުން ހާމަކުރެއެވެ.
ވޭޕު މަނާކުރުމުގެ ގާނޫނީ އިސްލާހު
މިފަދަ މައްސަލަތައް އިތުރުވަމުންދާތީ، ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނެސް، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގައި ވޭޕުކުރުން މަނާކުރެވޭނެ ގޮތަށް ހަމަޖައްސާފައެވެ. މި އިސްލާހަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެއެވެ.
ވޭޕު އެތެރެކުރުން ހުއްޓުވުމަށްޓަކައި، މި އިސްލާހުގެ ދަށުން ރާއްޖެއަށް ވޭޕު އެތެރެކުރުމުގެ ޖޫރިމަނާއެއްގެ ގޮތުގައި 50،000 ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން ގެނައި މި އިސްލާހުގެ މަގްސަދަކީ، ރާއްޖޭގައި ދުޅަހެޔޮ ޖީލެއް ބިނާކޮށް، މުޖުތަމަޢުގެ ފަރުދުންގެ މެދުގައި އަށަގަނެފައިވާ ނުރަނގަޅު އާދަތައް ހުއްޓުވުން ކަމަށް ސަރުކާރުން ބުނެއެވެ.

