2026 ވަނަ އަހަރުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އިންތިހާބުކޮށްފިއެވެ.
ބަޖެޓް ކޮމިޓީގައި މުގައްރިރަކަށް ސަލީމް އިންތިހާބުކުރީ ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ސަލީމަކީ މާލިއްޔަތު ކޮމިޓީގެ ވެސް މުގައްރިރެވެ. ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ހިމެނެނީ މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީގެ މެންބަރުންނެވެ. އެކޮމިޓީގައި ޖުމްލަ 22 މެންބަރުން ހިމެނެ އެވެ. އޭގެ ތެރެއިން މިއަދު ކޮމިޓީގައި 18 މެންބަރުން ބައިވެރިވެ ވަޑައިގަތެވެ.
ބަޖެޓު ދިރާސާކޮށް ނިންމަން އެންމެ ފަހު ސުންގަނޑިއެއްގެ ގޮތުގައި މި މަހުގެ 19 ވަނަ ދުވަސް ކޮމިޓީއިން ވަނީ ކަނޑައަޅައިފައެވެ. އަދި އަންނަ ހަފްތާގައި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މަސައްކަތްތައް ފަށާއިރު، ފިނޭންސް މިނިސްޓަރާއި ގަވަރުނަރު އަދި އޮޑިޓާ ޖެނެރަލް ހާޒިރުކުރާނެ ދުވަސްތަކާ ގުޅޭ ގޮތުން މިއަދުގެ ކޮމިޓީގައި މަޝްވަރާކޮށްފައިވެއެވެ.
2026 ވަނަ އަހަރަށް ލަފާކުރާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މިހާ ބޮޑުވުމުގެ މައިގަނޑު ސަބަބަކީ، ކުރީގެ އަހަރުތަކުގައި ނަގާފައިވާ ބޮޑެތި ދަރަނިތައް އަނބުރާ ދެއްކުމަށް ކަނޑައަޅާފައިވާ ޚަރަދުތަކެވެ. ޚާއްޞަކޮށް، 600 މިލިއަން ޑޮލަރު (9.3 ބިލިއަން ރުފިޔާ) އަނބުރާ ދެއްކުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވާފައިވާ ގޮތުގައި، ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދުތައް އުނިކޮށްފިނަމަ، ބަޖެޓުގެ ޖުމްލަ އަދަދަކީ 55 ބިލިއަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ކުޑަ އަދަދެކެވެ.
މި ޙަޤީޤަތަކީ މެދުރާސްތާގައި ދަރަނި އަދާކުރުމުގެ ޚަރަދު މަޑުމަޑުން ދަށަށްދާނެކަމުގެ ނިޝާނެކެވެ. އެގޮތުން 2027 އަދި 2028 ވަނަ އަހަރުތަކަށް ލަފާކުރާ ބަޖެޓުތައް (56.8 ބިލިއަން ރުފިޔާ އަދި 57.0 ބިލިއަން ރުފިޔާ) ކުޑަވެގެންދާނެކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

