ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)ގެ އެއާ ކޯގެ ޑްރޯން ސަވެއިލެންސާއިއެކު، ރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދު (އެސްއީޒެޑް) ގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް އެމްއެންޑީއެފްއިން އަތުލައިގަނެފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އެމްއެންޑީއެފްއިން އަލަށް ތައާރަފުކުރި ޑްރޯން ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ހިންގި ކާމިޔާބު އޮޕަރޭޝަނެކެވެ.
އެމްއެންޑީއެފްއިން މިކަމާ ގުޅޭގޮތުން މައުލޫމާތު ދެމުން ބުނެފައިވަނީ، އެމްއެންޑީއެފް އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ބޭރުގެ ބޯޓެއް ޤާނޫނާޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވުނު ކަމަށެވެ. މިކަން ފާހަގަކުރެވުމާއެކު، ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަން (އެސްބީއެސް) އިން ވަނީ އެ ދެ ބޯޓާ އިންޓަސެޕްޓްކޮށްފައެވެ.
ސްރީލަންކާއަށް ނިސްބަތްވާ މި ދެ މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޮވެންބަރު 5 ވަނަ ދުވަހުގެ ރޭގަނޑުއެވެ. މި ބޯޓުތައް އަތުލައިގަނެފައިވަނީ ވ. ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. މިހާރު ކޯސްޓްގާޑުން ދަނީ މި ދެ ބޯޓު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ.
މި ކާމިޔާބީއަކީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، ޚިދުމަތް ދޭން ފެށުމަށްފަހު، އެ ބާރުގެ ޤާބިލުކަން ދައްކުވައިދިން މުހިންމު ހާދިސާއެކެވެ. ޑްރޯން ސަވައިލެންސް ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެންޑީއެފްއިން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމުކަން މިކަމުން ވަނީ ހާމަވެފައެވެ.

